26 Apr 2012, 15:30
ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު ކަސްޓަމްސްގެ ކުރީގެ އިސް ވެރިޔާ މ. ބާރަނާ އިބްރާހިމް ޝާފިއު މިއަދު ރާއްޖެ ވަޑައިގަތުމުން ފުލުހުންގެ ހައްޔަރުގައި މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ޝާފިއު މިއަދު މެންދުރު ރާއްޖެ ވަޑައިގަތުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ގެންގޮސްފަ އެވެ. އިތުރު ތަފްސީލެއް ލިބިފައި ނުވެ އެވެ.
ދެހާސް އަށް ވަނަ އަހަރު ސެންޓާ އެންޓަޕްރައިޒަސް އިން ރާއްޖެ ގެނައި ކްރޭނެއްގެ ޑިއުޓީ އަގު އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކުޑަކޮށްދީފައިވާ ކަމުގެ ތުހުމަތުގައި ޝާފިއު އާއި ކަސްޓަމްސްގެ ކުރީގެ އިސްވެރިންތަކެއްގެ މައްޗަށް ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިންކަމުގެ ދައުވާ އުފުލައިފަ އެވެ.
އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ޓަކައި ޝާފިއު ކޯޓަށް ހާޒިރު ނުކުރެވުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ޝަރީއަތް ކެންސަލް ކޮށްފައިވެ އެވެ. ނަމަވެސް ޝާފިއު ކޯޓަށް ހާޒިރު ނުކުރެވުމުން މި އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ވަނީ ޝާފިއުއާ ނުލާ އެ މައްސަލައިގައި ދައުވާ ލިބޭ އަނެއް ތިން ބޭފުޅުންގެ ޝަރީއަތް ފަށައިފަ އެވެ.
އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވެފައި ވަނީ ޝާފިއު ކޯޓަށް ހާޒިރު ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކޯޓުން ކުރާނެ ކަމަށެވެ.
ޝާފިއުގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބޭ ތިން ބޭފުޅުންނަކީ މ. ރީޒަން، އަބްދުﷲ ވަހީދު އާއި ހ. މާފާގާ އިބްރާހިމް ޝިޔާމް އަދި ގ. ސިނަމާލެ މުހައްމަދު އަންވަރު އެވެ.