މިފްކޯއިން ތައިލެންޑް ބާޒާރަށް ގަނޑުކުރި މަސް ބޭރުކުރަމުންދަނީ ގެއްލުމުގައި ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިފްކޯއިން އަލަށް ގެނައި ބޯޓުގެ އޮޕަރޭޝަން ރަސްމީކޮށް ފެށުމުގެ ގޮތުން ގދ ފަރެސް މާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު ޑރ ހުސެއިން ވިދާޅުވީ، މިފްކޯއިން އަދިވެސް ގަނޑުކުރިމަސް ތައިލެންޑް ބާޒާރަށް އެކްސްޕޯޓް ކުރަމުން އަންނަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ހާލަތު މިހާރު ހުރިގޮތުން އެކަން ހުއްޓާލުމަށް އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މަސްވެރިންގެ އަތުން މަސް ކިލޯއެއް 17 ރުފިޔާއަށް ގަނެގެން މިފްކޯއިން ތައިލެންޑް ބާޒާރަށް މަސް އެކްސްޕޯޓް ކުރާއިރު، ޓަނަކުން 280 ވަރަކަށް ޑޮލަރު ގެއްލުންވާ ކަމަށެވެ.

"ބައެއް ބޭފުޅުން ސުވާލުކޮށްފާނެ ދެން ކީއްވެހޭ މިކަން ކުރަނީ. މިކަން ކުރާ ސަބަބަކީ ރާއްޖޭގެ މަސްވެރިކަމަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލުގައި އެކަން ފައިދާ ނުވާތީ ހުއްޓާލުމަކީ އަޅުގަނޑުމެނަށް އޮތް އޮޕްޝަނަކަށް ނުވާތީ،" މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 17،000 މަސްވެރިން ތިބެފައި 600 އަށްވުރެ ގިނަ މަސްވެރި އުޅަނދު ރަޖިސްޓްރީކޮށް ލައިސަންސް ނަގައިގެން މަހަށްދާއިރު، މަސް ބޭރުކޮށްގެން ގެއްލުންވަމުން އައި ނަމަވެސް، އެއީ ހުއްޓާލެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. ސަރުކާރުން އެކަން ކުރަނީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކުގެ ހައްގުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިފްކޯއަށް އަލަށް ގެނައި "ޖަޒީރާ 103" މަސްކިރާބޯޓު އޮޕަރޭޝަނަށް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ މިފްކޯ

މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ، މަސްވެރިކަމަކީ ވިޔަފާރީގެ އުސޫލުން ފައިދާ ލިބޭ ސިނާއަތަކަށް ހެދުމަށް އަދުގެ ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން މަސްކިރުވޭ ކެޕޭސިޓީ އާއި މަސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ވެސް ގިނަ އިންވެސްޓްތަކެއް ކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަސްދޯނިފަހަރުގައި ލޮނުފެން ބޭނުންކޮށްގެން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް މަސްވެރި އުޅަނދުފަހަރުތަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންފްރާސްޓަކްޗަ ނެތުމުގެ މައްސަލަ ނޫންކަމަށް ސަރުކާރުން ދެކެއެވެ. މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރަން ބަލާއިރު، އެ ކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، މަސްވެރިކަމަކީ ފައިދާހުރި ވިޔަފާރިއެއްގެ ގޮތުގައި ހިންގުމަށް ހުރި ހުރަސްތައް ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.