26 Apr 2012, 15:10
ރައީސް މުހައްމަދު ނަޝީދު ގދ. އަތޮޅުގެ ގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރު ފުރާވަޑައިގެންފި އެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނަވާނީ އެ އަތޮޅު ގައްދޫ އަށް ކަމަށާއި މިއަދު ހަވީރު ގައްދޫއަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ހަރުގެ ހުޅުވައިދެއްވުމަށްފަހު މިރޭ އެރަށުގައި އޮންނަ އެމްޑީޕީގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނަވާނެ ކަމަށެވެ.
ގައްދޫއިން ރައީސް ނަޝީދު ވަޑައިގެންނަވާނީ މާދަމާ ހެނދުނު އެއަތޮޅު ވާދޫއަށެވެ. ވާދޫގައި އެމްޑީޕީގެ ހަރުގެ ހުޅުވައިދެއްވުމަށްފަހު ދެން ވަޑައިގަތުމަށް ހަމަޖައްސާފައިވަނީ އެއަތޮޅު ނަޑެއްލާ އަށެވެ. ނަޑެއްލާގައި ވެސް އެމްޑީޕީގެ ހަރުގެއެއް ހުޅުވައިދެއްވާނެ އެވެ.
މީގެއިތުރުން މާދަމާ އެއަތޮޅު ތިނަދޫގައި " ކޮމަންވެލްތާއެކު ރައްޔިތުން" މިނަމުގައި ބާއްވާ ބޮޑު މުޒާހަރާ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން އެރަށުގައި މާދަމާ ރޭ ބާއްވާ އެމްޑީޕީގެ ޖަލްސާގައި ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.