19 May 2023, 10:50
އިންޑިއާގެ އެންމެ މަގުބޫލު އަދި ކާމިޔާބު އެކްޓަރު ޝާހްރުކް ޚާންގެ ޢާއިލާ މެމްބަރުންގެތެރެއިން އަވަދިނެތި މަސައްކަތްކުރާ ހަމައެކަނި ފަރާތަކީ އަންހެނުން ގޯރީ ޚާންކަމަށް އެކްޓަރު ބުނެފިއެވެ.
ގޯރީ ޚާންއަކީ ފިލްމު ޕްރޮޑިއުސްކުރުމުގެ އިތުރުން ފެޝަން ޑިޒައިނަރެއްވެސްމެއެވެ. އަދި ޝާހްރުކް ޚާންއާއި ގުޅިގެން އުފައްދާފައިވާ ކުންފުނި ރެޑް ޗިލީޒް އެންޓަޓެއިންމެންޓްގެ ކޯ ފައުންޑާއަކީވެސް ގޯރީ ޚާންއެވެ. މިހުރިހާ މަސައްކަތްތަކާއެކުވެސް ގިނަ ބަޔަކު ގޯރީ ދަންނަނީ ވަރަށް ކުޅަދާނަ އިންޓީރިއާ ޑިޒައިނަރެއްގެގޮތުގައެވެ.
އިންޓީރިއާ ޑިޒައިންގެ މަސައްކަތުގައި ގޯރީއަށް ކުރެވިފައިވާ ތަޖުރިބާތައް ހިއްސާކޮށްފައިވާ ފޮތް "މައި ލައިފް އިން ޑިޒައިން" ޝާހްރުކް ޚާންވަނީ މިދިޔަ ހޯމަ ދުވަހު ލޯންޗުކޮށްފައެވެ. މި ފޮތް ލޯންޗުކުރި އިވެންޓުގައި ޝާހްރުކް ވަނީ އަންހެނުން ގޯރީއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން އިންޓީރިއަ ޑިޒައިންކުރުމަކީ ގޯރީ ވަރަށް ކުރީއްސުރެވެސް ކުރަން ބޭނުންވި މަސައްކަތެއްކަމަށާއި، ނަމަވެސް އޭރު އެ ދާއިރާއިން ކުރިޔަށްދާން ހުރަސްތަކެއް ހުރިކަމަށް ޝާހު ވަނީ ބުނެފައެވެ.
އޭގެތެރޭގައި ފައިސާގެ ދަތިކަންވެސް ހުރިކަމަށާއި ކައިވެންޏަށްފަހު ގޯރީ ބޭނުންވީ ލިބުނު 3 ކުދިން ރަނގަޅުގޮތުގައި ބޮޑުކުރުމަށްކަމަށް ޝާހްރުކް ވަނީ ބުނެފައެވެ. ޝާހްރުކްއަށް ފިލްމީ ދާއިރާގައި ލިބެމުން އައި ކާމިޔާބީއާއެކު ޑިޒައިންކުރުމުގެ ދާއިރާއިން ޝާހު އެހީވާން ހުށަހެޅުމުން ގޯރީ ބޭނުންވީ އަމިއްލަ މަސައްކަތުން ކުރިޔަށް ދިއުމަށް ކަމަށް ފަޚުރުވެރިކަމާއެކު ޝާހު ވަނީ ބުނެފައެވެ.
ތިމާއަށް ލިބިފައިވާ ހުނަރެއް ކުރިއެރުވުމަށް ނުވަތަ އެ ދާއިރާއަކުން ކުރިޔަށް ދިއުމަށް ވަކި ޢުމުރެއް ނެތްކަން ގޯރީ ވަނީ ސާބިތުކޮށްދީފައި ކަމަށާއި ގޯރީގެ ފުރަތަމަ ފޮތަކީ އޭގެ ހެއްކެއްކަމަށް ޝާހުރުކް ވަނީ ބުނެފައެވެ. މިފޮތުގައި މިހާތަނަށް އާއްމުންނަށް ނުފެންނަ އާއިލާގެ ފޮޓޯތަކާއެކު ގޯރީ އަމިއްލައަށް ޑިޒައިންކޮށްފައިވާގެ މަންނަތުގެ ފޮޓޯތައް ވެސް ހިމެނެއެވެ.
ގޯރީގެ އިންޓީރިއާ ޑިޒައިންކުރުމުގެ ދަތުރު ފެށުނީ ދެ މީހުންގެ ގެ މަންނަތުއިން ކަމަށް ބުނަމުން ޝާހު ބުނީ އަވަދިނެތި ބުރަކޮށް މަސައްކަތްކުރުމަކީ އަންހެނުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެއް ކަމަށެވެ. ގޯރީ އިންޓީރިއާ ޑިޒައިންގެ މަސައްކަތް ކޮށްދީފައިވާ ހައި ޕްރޮފައިލް މީހުންގެތެރޭގައި، އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ، އިޓަލީގެ ފެޝަން ޑިޒައިނަރ ރޮބާޓޯ ކަވާލީ އަދި އެމެރިކަން ފެޝަން ޑިޒައިނަރ ރަލްފް ލޯރެން ހިމެނެއެވެ. މީގެއިތުރުން ބޮލީވުޑްގެ ގިނަ ފިލްމީ ތަރިންނަކީ ގޯރީ ޚާން ޑިޒައިނަރެއްގެގޮތުގައި މަސައްކަތް ކޮށްދީފައިވާ ފަރާތްތަކެވެ.
ގޯރީވަނީ 'ގޯރީ ޚާން ޑިޒައިން'ގެ ނަމުގައި 2017ވަނަ އަހަރު އަމިއްލަ ޑިޒައިން ސްޓޫޑިއޯއެއްވެސް އުފައްދާފައެވެ.