ސަލްމާން ޚާންގެ ކުރިޔަށްއޮތް ފިލްމު "ޓައިގާ 3"ގެ ސެޓުގައި އަނިޔާ ލިބިފައިވާކަމަށް އެކްޓަރު ބުނެފިއެވެ.

އަމިއްލަ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކުރި ފޮޓޯގައި ސަލްމާން އެދިފައިވަނީ، މުޅި ދުނިޔޭގެ ބުރަ ކޮނޑުގައި އެޅިފައިވާ މީހެއްކަމަށް ވިސްނުނުނަމަވެސް އެވިސްނުން ދޫކޮށްލާފަ ފަސް ކިލޯގެ ބަރެއް އުފުލާލުމަށްފަހު ދައްކާލައި ދިނުމަށެވެ. މި މެސެޖާއެކު ސަލްމާން ބުނެފައިވަނީ ޓައިގާ ޒަޚަމްވެފައިވާ ކަމަށެވެ.

މިވަގުތު ޝޫޓިންގް ކުރިޔަށްދާ ފިލްމު "ޓައިގާ3"ގެ ސެޓުގައި އަނިޔާވެފައިވަނީ ސަލްމާން ޚާންގެ ވައަތު ކޮނޑަށެވެ. ސަލްމާން ޚާންއަކީ އެކްޓަރު ކުޅޭ ފިލްމުތަކުގެ އެކްޝަން ސީންތައް އެންމެ ފުރިހަމައަށް ގެނެސްދިނުމަށް ބުރަކޮށް މަސައްކަތްކުރާ އެކްޓަރެކެވެ. ސަލްމާނުގެ ކޮނޑަށް އަނިޔާވެފައިވަނީ ފަސް ކިލޯގެ ބަރެއް އުފުއްލުމުގެ ތެރެއިން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ސަލްމާންގެ ސަޕޯޓަރުންނާ ހިއްސާކުރި މި މެސެޖާއެކު ގިނަ ބަޔަކުވަނީ ޓްވިޓާގައި އެކްޓަރަށް އަވަސް ޝިފާއަކަށް އެދޭކަމަށް ބުނެ ރައްދު ދީފައެވެ.

ޕޯސްޓް ޕްރޮޑަކްޝަންގެ މަރުހަލާގައި އޮތް ފިލްމު "ޓައިގާ3"އަކީ، ޔަޝް ރާޖް ކުންފުނީގެ ސްޕައި ޔުނިވާސްއިން ގެނެސްދޭ ފިލްމެކެވެ. މި ފިލްމަކީ، 2012ވަނަ އަހަރު ރިލީޒްވި ފިލްމު "އެކް ތާ ޓައިގާ" ދަށުން ގެނެސްދޭ މި ފްރެންޗައިސްގެ ތިން ވަނަ ބައެވެ.

މަނީޝް ޝަރްމާ ޑައިރެކްޓްކޮށް އަދިތްޔަ ޗޯޕްރާ ޕްރޮޑިއުސްކުރާ މިފިލްމުގެ ވާހަކަ ތައްޔާރުކޮށްފައިވަނީވެސް އަދިތްޔަ ޗޯޕްރާއެވެ. ސަލްމާން ޚާންއާއެކު ފިލްމުގެ ބަތަލާގެ ރޯލްއިން ފެންނާނީ ކުރީގެ ދެ ބައިވެސް ކުޅުނު ކެޓްރީނާ ކައިފްއެވެ. މިފަހަރުގެ ބައިން އެކްޓަރު އިމްރާން ހާޝްމީ ވަރަށް މުހިއްމު ރޯލްއަކުން ފެންނައިރު ޝާހްރުކް ޚާން އަދި ރިތިކް ރޯޝަންގެ ހާއްސަ ފެނިލުންތަކެއް ފިލްމުން ފެންނާނެއެވެ. މި އަހަރުގެ އޭޕްރީލް މަހު ރިލީޒްކުރުމަށް ކުރިން ނިންމި މި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 10ގައެވެ.