މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ދިވެހި ޙައްޖާޖީން ފުރުވުމުގެ އިންތިޒާމްތައް އެންމެ ފުރިހަމަޔަށް ގެންދެވޭނެ ގޮތަކާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ އެކު ނައިބު ރައީސް ފައިޞަލް ނަސީމް، މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ 2019ވަނަ އަހަރާއި 2022ވަނަ އަހަރުގެ ޙައްޖުވެރިންގެ އިންތިޒާމްތައް ކަމާބެހޭ ހުރިހާ މުއައްސަސާއަކުން ގުޅިގެން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމައަށްކަން ފާހަގަކުރައްވައި، އެ ކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ޙައްޖާޖީންގެ ކަންކަން ވީހާ ވެސް ގާތުން ބަލައި އެންމެހައި އިންތިޒާމްތައް ވީހާ ވެސް ފުރިހަމަޔަކަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.

އެހެން ކަމުން އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ޙައްޖާޖީންގެ އިންތިޒާމްތައް އެންމެ ފުރިހަމަޔަށް ކުރުމަށް ޓަކައި ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާ އެކު ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތްތައް ވީހާވެސް ފުރިހަމަޔަށް ގެންދެވުމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ނައިބު ރައީސް ވިދާޅުވި ގޮތުގައި ޙައްޖާޖީން ފުރުމަށް އެއާޕޯޓަށް ގެންދިޔުމުގެ އެންމެހާ އިންތިޒާމްތައް މި ފަހަރު ވެސް ސަރުކާރުން ވީ އެންމެ ރަނގަޅަކަށް ކޮށްދެއްވާނެއެވެ.

މި އަހަރު މިހާތަނަށް ރާއްޖެއިން ޙައްޖަށް ދިޔުމަށް ކޯޓާ ލިބިފައިވަނީ 1000 މީހުންނަށެވެ. އަދި، ޙައްޖާޖީން އެއާޕޯޓަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިންނެވެ.

މިގޮތުން ބަސްތަކާއި ފެރީ އަލި ލޯންޗް މެދުވެރިކޮށް ޙައްޖާޖީން އެއާޕޯޓަށް ގެންދިޔުމުގެ އިންތިޒާމްތައް މިހާރު ދަނީ ކުރެވެމުންނެވެ.