ރަންބީރު ކަޕޫރު ލީޑް ރޯލްއިން ފެންނަ ފިލްމު "އެނިމަލް"ގެ ވަރަށް ހާއްސަ ރޯލަކަށް ކުރީގެ އެކްޓަރު ޝަކްތީ ކަޕޫރު ސޮއިކޮށްފިއެވެ.

ބަތަލާ ޝްރަދާ ކަޕޫރުގެ ބައްޕަ ޝަކްތީ ކަޕޫރަކީ، ކުރީގެ ވަރަށް ގިނަ ފިލްމުތަކުގައި ވިލެންގެ ރޯލްއިން ފެނުނު އެކްޓަރެކެވެ. މީގެއިތުރުން ވަރަށް ގިނަ ފިލްމުތަކުން ހެއްވާ މަޖާ ރޯލްއިންވެސް ޝަކްތީ ވަނީ ފެނިފައެވެ.

ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރާ ފިލްމު "އެނިމަލް"ގައި ޝަކްތީ ފެންނާނީ ގޭންގްސްޓާއެއްގެ ރޯލްއަކުންނެވެ. ފިލްމުގައި ޝަކްތީ ފެންނަ މަންޒަރުތަކުގެ ޝޫޓިންގްވެސް ނިންމާލާފައިވާކަމަށް ފިލްމު ޔުނިޓާ ގުޅުންހުރި ފަރާތަކުން މީޑިއާއަށް ވަނީ މަޢުލޫމާތު ދީފައެވެ. ފިލްމުގައި ޝަކްތީ ފެންނަ ރޯލްއަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ރޯލްއެއްކަމަށާއި ސަންދީޕް ރެޑީ މިރޯލްއަށް މީހަކު ނެގުމަށް ވިސްނިއިރު އެންމެ ފުރަތަމަވެސް ހިޔާލަށްއައީ ޝަކްތީ ކަޕޫރުކަމަށް މި ފަރާތުން ވަނީ މައުލޫމާތުދީފައެވެ.

ރަންބީރު ކަޕޫރުގެ އިތުރުން އެކްޓަރު ބޮބީ ޑިއޯލް، އަނިލް ކަޕޫރު، ބަތަލާ ރަޝްމިކާ މަންދަންނާ އަދި ތްރިޕްތީ ދިމްރީ މުހިއްމު ރޯލްއިން ފެންނަ މި ފިލްމަކީ، މީގެ ކުރިން ރަންބީރު ފެނިފައިނުވާފަދަ ވައޮލެންޓް ރޯލްއަކުން އެކްޓަރު ފެންނާނެ ފިލްމެކެވެ. ފިލްމުގައި އަނިލް ކަޕޫރު ރަންބީރު ކަޕޫރުގެ ބައްޕަގެ ރޯލްއިން ފެންނައިރު އެކްޓަރު ބޮބީ ޑިއޯލް ފިލްމުގައި ކުޅޭ ރޯލާބެހޭ ތަފްސީލު މިހާތަނަށް އެއްވެސް ފަރާތަކުން ހިއްސާކޮށްފައެއް ނުވެއެވެ.

މި ފިލްމުގެ ބޮޑު ބައެއް އިނގިރޭސިވިލާތުގެ ލަންޑަންގައި ޝޫޓްކޮށް ނިންމާފައިވާއިރު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މިއަހަރުގެ އޯގަސްޓު 11ގައެވެ. ޕްރޮޑިއުސަރު ބުޝަން ކުމާރުގެ ޓީ-ސީރީސްއާއި އިތުރު ދެ ފިލްމު ކުންފުންޏެއް ގުޅިގެން ގެނެސްދޭ މި ފިލްމު އިންޑިއާގެ ފަސް ބަހުރުވައަކުން ރިލީޒް ކުރުމަށް ވަނީ ނިންމާފައެވެ.

ރަންބީރު ކަޕޫރު ބެލުންތެރިންނަށް އެންމެފަހުން ފެނިފައިވަނީ ދާދިފަހުން ރިލީޒްވި ފިލްމު "ތޫ ޖޫތީ މޭ މައްކާރު"އިންނެވެ. ރަންބީރްއާއެކު ބަތަލާ ޝްރަދާ ކަޕޫރު ލީޑް ރޯލް ކުޅެފައިވާ މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ލިބިފައެވެ.