26 Apr 2012, 14:32
ކޮންމެ މީހެއްގެ ހަޔާތުގައި ވެސް މަރާ ބައްދަލުކޮށް މަރުގެ ރަހަ ލިބިގަންނަން ޖެހެއެވެ. ގާތް ތިމާގެ މީހަކު މަރުވުމުން އެކަމާ މެދު ހިތާމަކުރުމަކީ ފިޠްރީ ކަމެކެވެ. އެހެން ނަމަވެސް ގިނަ ފަހަރު މި ހިތާމައިގައި މާ ގިނަ ދުވަސްތަކެއް ހޭދައެއް ނުވެއެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި ހުދު ރިޔަލެއްގައި ދުއްވައިފައިދާ ނަވެއްގެ ރިޔާ، ލޮލަށް ނުފެނި އޮބައިލުމަށް ނަގާހައި ވަގުތުކޮޅެއްގައި މެނުވީ މަރުވާ މީހުންގެ ހަނދާނެއް އެންމެ ގާތް މީހުންގެ ވެސް ނުހުރެއެވެ.
އެހެން ނަމަވެސް ޓައިޓޭނިކު ފެތުނު ކާރިސާގެ ހަނދާންތައް އަދި ވެސް ފިލައިގެނެއް ނުދެއެވެ. އެ ބޯޓުން ދަތުރުކުރި 2224 މީހުންގެ ތެރެއިން ފުރާނައާގެން ސަލާމަތްވެވުނީ އެންމެ 710 މީހުންނަށެވެ. މިއީ އެ ބޯޓުން ދަތުރު ކުރި މީހުންގެ ނިސްބަތުން %32 އެވެ.
ޓައިޓޭނިކު ފެތުމުގެ އަސްލަކަށްވީ ގަނޑުފެންގަނޑެކެވެ. އެ ގަނޑުފެންގަނޑާއި ޓައިޓޭނިކާ މުޑިއެރީ 1912 ވަނަ އަހަރުގެ އެޕްރީލު މަހުގެ 14 ވަނަ ދުވަހުގެ ރޭ 11:40 ގައެވެ. އެ ހިސާބުން ފެށިގެން ޓައިޓޭނިކުގެ ދަތުރު ކާރިސާއަކަށް ބަދަލުވީއެވެ. އޭގެ ތިން ގަޑިއެއްހައި އިރު ފަހުން، އެރޭގެ މެންދަމު 02:20 ގައި އެޓްލާންޓިކް މާކަނޑުގެ އެންމެ ފުނަށް އެ ބޯޓު ފެތިގެން ދިޔައިރު، އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 1510 މީހުން ވަނީ އެ މާކަނޑުގެ ފިނިކަން ގަދަ ފެނުގެ ތެރޭގައި އެމީހުންގެ ފުރާނައާ އަލްވަދާއު ކިޔައިފައެވެ.
އެ ބޯޓަކީ އެވަގުތު ދުނިޔޭގައި އޮތް އެންމެ އަގު ބޮޑު ބޯޓެވެ. އަދި އެންމެ ފުރިހަމަ ބޯޓު ވެސް މެއެވެ. ބޯޓުން ދަތުރުކުރީ މުއްސަނދިންނެވެ. ކަމުވޮށިގެންވާ މީހުންނެވެ. އިލްމުވެރީންނެވެ. ފަންނުވެރީންނެވެ. ފޯރާމީހުންނެވެ. މުއްސަނދި އާއިލާތަކާ އެކު އެމީހުންގެ ހިދުމަތުގައި ދިރިއުޅުން ބައްޓަން ކުރުމުގެ ނަސީބު ލިބިފައި ތިބި މީހުންނެވެ. ބޯޓުގެ ކެޕްޓަނަކީ މުޅި ދުނިޔެއިން ވެސް ހޮވައިލެވޭ ފަދަ މޮޅު ކެޕްޓަނެކެވެ. އެ ބޯޓުން ދަތުރުކުރި އެންމެންނަށް ފުދޭ ވަރަށް ލައިފް ބޯޓު ގެންދަން ސަމާލުކަން ދީފައި ނުވަނީ ވެސް އެ ބޯޓަކީ އެފަދަ ކާރިސާއެއް ކުރިމަތިވުމުގެ އެއްވެސް ފުރުސަތެއް ނެތް ބޯޓެެއް ކަމަށް އެންމެންނަށް ވެސް ގަބޫލު ކުރެވުނީމައެވެ. އެހެނީ އެ ބޯޓަކީ މިވީ 100 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އީޖާދުކުރުންތެރިކަމަށް އައިސްފައިވާ ތަރައްގީއާއެކު ވެސް އެފަދަ މާ ގިނަ ބޯޓުތަކެއް އުފެއްދުން ފަސޭހަނޫން ވަރަށް، ފުރިހަމަ ބޯޓެކެވެ. އެ ބޯޓަކީ ފެތިގެން ދިއުމުގެ އެއްވެސް ފުރުސަތެއް ނެތް ބޯޓެއްގެ ގޮތުގައި ސިފަ ކުރެވުނު ބޯޓެކެވެ.
46 ހާސް ޓަނުގެ މި ބޯޓުގެ ދިގު މިނުގައި 882 ފޫޓު 6 އިންޗި ހުރި އިރު، ފުޅާ މިނުގައި 92 ފޫޓު އަދި އުސްމިނުގައި 175 ފޫޓު ހުއްޓެވެ. ތިން ފިޔަލީ ދެ ބުރަފައްޗާއި ހަތަރު ފިޔަލީ މެދު ބުރަފައްޗަކުން 46 ހާސް ހޯސްޕަވަރުގެ އިންޖީނެއްގެ އެހީގައި، ގަޑިއަކު 44 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވަމުން ދިޔަ މި ބޯޓުގެ އަލަތު ދަތުރުގެ ނިޔާމަކަން ކެނޑި، ދަތުރުގެ މަންޒިލަށް ވާސިލު ނުވެވޭނެކަމަށް ހީކުރި އެކަކު ވެސް ނެތެވެ.
މިއީ ހަމަގައިމުވެސް އިންސާނީ ނައުއުގެ މުއްސަނދި އަދި ދިގު ތާރީހުގެ ސަފްހާތަކުގެ ތެރެއިން ފާހަގަކޮށްލެވޭނޭ ސަފްހާއެކެވެ. ފިނޑި މީހުންގެ ފިނޑިކަމާއި ހިތްވަރު ގަދަ މީހުންގެ ބުތޫލަތްތެރިކަން ފެނިގެން ދިޔަ ހާދިސާއެކެވެ. ތިމާގެ ސީޓު އަނެކާއަށް ދީފައި ލައިފު ބޯޓު ދޫކޮށްލި ދީލަތި އަދި ހިތްވަރުގަދަ މީހުންނެވެ. މީހެއްގެ ހަޔާތުގައި ބާކީ ދެން އޮތީ އެންމެ ދެ ގަޑި އިރުކަން އެނގުމުން ދެން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ އެމީހާގެ "ތަބީއަތުގެ އިމްތިހާނު" ކުރެވިގެންދާނެ ވަގުތެކެވެ.
ފުރިހަމަ ސަތޭކަ އަހަރުވެގެން ދިޔައިރު ވެސް އީދާ އާއި އިސިދޯރް ސްޓްރޯސްގެ ހަނދާންތަކަށް ފަނޑުކަމެއް ނާދެއެވެ. ފިރިމީހާ ދޫކޮށްފައި ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ތަނަވަސްވުމުން އީދާ ބުނީ "އަހަރެމެން ދިރިއުޅުނީ އެކީގައެވެ. މަރުވާނީ ވެސް އެކީގައެވެ." މިހެންނެވެ. އީދާގެ މުނިމާމަ ދަރިފުޅު ކުރުޒްމޭން އަތުގައި އީދާގެ ކަރުގައި އޮތް ފަށުގެ ފޫ އަދި ވެސް އެބައޮތެވެ. "މީހަކު ސިފަ ކުރާނެ ނަމަ، އެމީހުންގެ މަރަކީ ރީތި މަރެއްގެ ގޮތުގައި ސިފަ ކުރެވިދާނެއެވެ. އެމީހުން މަރުވެގެން ދިޔައީ ވެސް ދިރިއުޅުނީ ވެސް އެކީގައެވެ." އޭނާ ބުންޏެވެ. ކެންޓްގެ ރައްބީއެއް ކަމުގައިވާ ލީ މޫރް ބުނާ ގޮތުގައި އޭނާގެ މުނި މާމަ އާއި ކާފަ އެކުގައި ސަލާމަތްވީ ފުރަތަމަ ގިންތީގެ ފަސިންޖަރެއް ކަމުގައިވާ އީދާގެ ގޮނޑި އީދާ ދޫކޮށްލުމުންނެވެ. އެމީހުންނަކީ 3 ވަނަ ދަރަޖައިގެ ފަސިންޖަރުންނެވެ. އޭރު އޭނާގެ ކާފަގެ އުމުރުންވީ އެންމެ ހަތް އަހަރެވެ. ކާފަ ބުނާ ގޮތުގައި އެ މުއްސަނދި އަންހެން މީހާ އޭނާގެ ފިރިމީހާއާ އެކު މަރުވުމަށް މަޑު ކުރުމުގެ ގޮތުން ލައިފްބޯޓުގެ ގޮނޑި ދޫކޮށް ނުލި ނަމަ އެމީހުންނަށް ފުރާނައާގެން ސަލާމަތެއް ނުވެވުނީހެވެ.
ޓައިޓޭނިކުން ދަތުރު ކުރި އެންމެ މުއްސަނދި އަދި އެންމެ މަޝްހޫރު މީހަކީ ޖޯން ޖޭކަބް އެސްޓަރއެވެ. އޭނާގެ ކާފަ ދަރިފުޅު ޖެކީ އެސްޓަރ ޑްރެކްސެލް ބުންޏެވެ. "އެތައް ގޮތަކުން ބަލާއިރު، އެ ބޯޓު ފެތުނު ހާދިސާ ވަނީ އަހަރެމެންގެ އާއިލާގެ އެއްބަޔަކު އަނެއް ބަޔަކާ ވަކިކޮށްފައެވެ. އެއީ އަހަރެމެން ހަނދާނަށް ގެނެސް އެވާހަކަ ތަކުރާރުކުރާ ވަރަށް ވުރެ ހިތާމަވެރި ހާދިސާއެކެވެ." އެސްޓަރއާއެކު އޭނާގެ ދެވަނަ އަނބިމީހާ މެޑެލިން ވެސް އެ ބޯޓުން ދަތުރުކުރިއެވެ. އެސްޓަރ މަރުވި ނަމަވެސް މެޑެލިން ސަލާމަތްވިއެވެ. މެޑެލިން އަކީ ޖެކީ އެސްޓަރ ޑްރެކްސެލްގެ މާމައެވެ. އޭރު މެޑެލިންގެ އުމުރަކީ 18 އަހަރެވެ. އަދި އޭނާ އިނީ ބަލިވެއެވެ. އޭނާ ސަލާމަތްވީ އޭނާގެ ފިރިމީހާގެ އެހީތެރިކަމާއެކު ލައިފްބޯޓަށް އަރައިގެންނެވެ. "ކާފަ އެހިކަމަށްވޭ، މާމައާ އެކު ދެވިދާނެތޯ؟ އޭރު މާމަ އިނީ އަހަރެންގެ ބައްޕައާގެން ބަލިވެ. އެކަމަކު ލައިފްބޯޓުގެ މީހުން ބުނީ، ނޫނެކޭ. ފުރަތަމަ ދެވޭނީ އަންހެނުންނަށާއި ކުޑަކުދީންނަށޭ. ދެން ކާފަ ބުނި. އެންމެ ރަނގަޅޭ." ޓައިޓޭނިކު ފެތުމުގެ ކާރިސާގައި ފުރާނަ ގެއްލުނު ކޮންމެ މީހެއްގެ ވެސް މިފަދަ ކޮންމެވެސް ހާއްސަ ވާހަކައެއް އޮންނާނެއެވެ. ޓައިޓޭނިކުގެ ވާހަކައަކީ ޔޫރަޕާއި އެމެރިކާގެ މީހުން ވަރަށް ވެސް މުހިންމުކަން ދީފައިވާ ވާހަކައެކެވެ.
މިކަން ޓައިޓޭނިކުގެ ހާދިސާގެ މައްޗަށް ލިޔެވެމުންދާ ފޮތްތަކާއި ކުޅެވެމުންދާ ފިލްމުތަކުގެ އަދަދުން އެކަނި ވެސް ވަޒަން ކުރެވޭނެއެވެ. ހަމަ އެކަނި މިއަހަރު ވެސް ޓައިޓޭނިކާ ބެހޭ ގޮތުން އިނގިރޭސި ބަހުން 100 އަށް ވުރެ ގިނަ ފޮތް ޝާއިއު ކުރެވިފައިވެއެވެ. ޓައިޓޭނިކް ބަނދެވުނު ތަން ކަމުގައިވާ އުތުރު އަޔަލޭންޑުގެ ބެލްފާސްޓުގައި ޓައިޓޭނިކް ހަނދާނުގައި ދާރުލްއާސާރެއް ހަދައިފައިވާއިރު، ޓައިޓޭނިކްގެ ދަތުރު ފެށި ބަނދަރު ކަމުގައިވާ އިނގިރޭސިވިލާތުގެ ސައުތު ހޭމްޓަންގައި ވެސް ދާރުލްއާސާރެއް ހަދައިފައިވެއެވެ. އަދި ޓައިޓޭނިކު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެމެރިކާގެ ފަރުމާކުރުންތެރިން ވަނީ ޓައިޓޭނިކުގެ މޮޑެލެއް ހަދައި، އާންމުންނަށް ހުޅުވައިލައިފައެވެ.
ޓައިޓޭނިކު ދަތުރުކުރި މަގުން ދަތުރުކޮށް، ޓައިޓޭނިކު ފެތުނު ވަގުތަށް ބަރާބަރު 100 އަހަރުވީ ވަގުތު އެތައް ބަޔަކު ވަނީ މިއަހަރުގެ އެޕްރީލު މަހުގެ 14 ވަނަ ދުވަހުގެ ރޭ ފާހަގަކޮށްފައެވެ. އަދި މަރުވި މީހުންގެ ހަނދާނުގައި ކަނޑަށް މާ ވެސް އަޅައިފައެވެ. ޓައިޓޭނިކު ފެތުނު ކާރިސާގައި ގެއްލުނު އެންމެންގެ ހަށިތައް ނުފެނު ކަމުގައި ވިޔަސް، ޓައިޓޭނިކް ފެތުނު ހިސާބު ކަމުގައިވާ އުތުރު އެޓްލާންޓިކް ކަނޑުގެ އަޑީގައި މަޑާއި ޗަކަހުގެ ތެރޭގައި ޓައިޓޭނިކުން ދަތުރު ކުރި ބައެއް މީހުންގެ ބާކީ ހުރި ކަން ޔަގީންވާކަމަށް އެމެރިކާގެ އޮފިޝަލަކު ވަނީ ދާދި ފަހުން ހާމަކުރައްވައިފައެވެ. މި ހަފްތާތެރޭގައި އާންމު ކުރެވުނު ފޮޓޯއަކުން ޓައިޓޭނިކް އަޑިޔަށް ގޮސް އޮތް ހިސާބުގެ ކަނޑުއަޑިން ބޫޓު ޖޯޑަކާއި ކޯޓެއް ފެނެއެވެ. މި ފޮޓޯއަކީ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެޔަރ އެޑްމިނިސްޓްރޭޝަނުން 2004 ވަނަ އަހަރު އެޓްލާންޓިކް ކަނޑުގެ އަޑި ބެލި ބެލުމުގައި ނެގި ފޮޓޯތަކުގެ ތެރެއިން ފޮޓޯއެކެވެ.
މަރުވެފައި ވިޔަސް، އެމީހުންގެ ހަށިގަނޑުގެ ބައިތައް ފެނިއްޖެ ނަމަ މި ޒަމާނުގެ ސައިންސުގެ އެހީގައި އެއީ ކޮން އާއިލާއަކަށް ނިސްބަތްވާ ކޮން ބައެއްކަން ދެނެގަނެވިދާނެއެވެ.
މީގެ ބަރާބަރު 100 އަހަރު ކުރީން ޓައިޓޭނިކް ފެތުނު އިރު އެކަމުގެ ހަބަރުތައް ގޭގޭގެ ސިޓިންރޫމުތަކަށް ގެނެސްދޭނެ ޓީވީ އާއި ރޭޑިޔޯއެއް މީހުން އަތަކު ނެތެވެ. އޭރުގައި އެކި ކަންކޮޅުތަކުގައި ހިނގާ ހަބަރުތައް މީހުންނާ ހަމަޔަށް ފޯރަނީ އޭގެ އެތައް ޒަމާނެއް ކުރީއްސުރެ އިންސާނީ ނައުއުގެ ކާބަފައިންނާ ހަމަޔަށް ވެސް ހަބަރުތައް ފޯރި ގޮތަށެވެ. އަވަށުގައި އުޅޭ ހަބަރު ކިޔާ މީހުންގެ ދުލުންނެވެ. އަވަށުވެރިންގެ އެންގުންތަކުންނެވެ. ހަބަރު ލަވަޔަށް ހަދައިގެން ކިޔާ މީހުންގެ ލަވަތަކުންނެވެ. މި ލަވަތަކުގައި އެމީހުންގެ ސަގާފީ ކުލަޔާއި ލޮނު ހެޔޮވަރުކޮށްލުމުގެ ގޮތުން އިތުރު ކުރެވޭ ބައިތަކާއި، އެ ލަވަތައް އެކުލަވައިލާ މީހުންގެ ގަބޫލުކުރުންތައް ހުންނަނީ މަސްހުނި ކުރެވިފައެވެ. މިފަދަ އެތައް ވާހަކައެއް އޭރުއްސުރެ އަންނަނީ ކިޔެމުންނެވެ. އެ މަންޒަރު ނުދެކޭ، އަދި އެ ހާދިސާ ތަޖުރިބާކުރި މީހަކާ ދުވަހަކު ބައްދަލު ނުވާ މީހުން ވެސް އެ ހާދިސާ ހިނގީ އެވެނިހެން މިވެނިހެންނޭ ކިޔައިދެއެވެ.
މި އެންމެން ވެސް ދައްކާ އެއް ވާހަކައެއް އޮވެއެވެ. އެއީ އެ ބޯޓުގެ ވެރިން ފަޚުރުވެރިކަމާއި ބޮޑާ ކަމާއެކު ބުނެލި ޖުމުލަތަކެވެ. އެ ބޯޓު "މަތިވެރި އިލާހަށް ވެސް ފައްތައި ނުލެވޭނެ" ކަމަށް ބުނި ބުނުމެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޓައިޓޭނިކުގެ ބަދުނަސީބު ދަތުރުގެ ސަބަބަކަށްވީ މިފަދަ ބަސްތަކާ ހުރެ އަމާޒުވީ އިލާހީ ކޯފާއެވެ. މިއީ އިބްރަތްތެރި ވާހަކައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ މިހެންވެގެންނެވެ.
މީގެ ބަރާބަރު 100 އަހަރުކުރިން، 1912 ވަނަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ރޭ، އައިސްބާގެއްގައި ޖެހި އުތުރު އެޓްލާންޓިކް ކަނޑުގެ އަޑިޔަށް ދިޔަ ޓައިޓޭނިކަކީ ވަރަށް ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި ނުފެތޭނެ ބޯޓެކެވެ. އެހެން ނަމަވެސް ކަންތައް ވީކީ އެމީހުން ހީކުރި ގޮތަކަށް ނޫނެވެ. އެ ވަރުގަދަ ބޯޓުގެ ނިމުމަކަށްވީ އެ ބޯޓަށް ވުރެ ސައިޒުން އެތައް ތަނެއް ކުޑަ ގަނޑުފެންގަނޑެކެވެ.