ވޮޝިންޓަން (18 މެއި 2023): އިންޑިއާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ މުސްލިމުންނާއި ނަސާރާއިންފަދަ ބައިމަދު ދީންތަކުގެ ރައްޔިތުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އެގައުމުގައި މިހާރު ވެރިކަންކުރާ ބީޖޭޕީގެ ވެރިކަމުގައި އާދަޔާ ޚިލާފަށް އިތުރުވެފައިވާ ކަމަށް އެމެރިކާގެ ރަސްމީ ރިޕޯޓެއް ބުނެފިއެވެ.

ދުނިޔޭގެ ގައުމުތަކުގެ ދީނީ މިނިވަންކަމަށް ވަކާލާތުކުރާ އެމެރިކާގެ ރަސްމީ އިދާރާ ކަމަށްވަ "ޔޫ.އެސް ކޮމިޝަން އޮން އިންޓަނޭޝަނަލް ރިލިޖަސް ފްރިޑަމް" (ޔޫ.އެސް.ސީ.އައި.އާރު.އެފް) އިން ނެރުނު ރިޕޯޓެއް ބުނާގޮތުން ބީޖޭޕީ، އިންޑިއާގެ ވެރިކަމަށް އައިފަހުން އިންޑިއާގެ މުސްލިމުންގެ އިތުރުން އެގައުމުގެ ބައިމަދު އެހެން ދީންތަކުގެ މީހުންނާ ދެކޮޅަށް ހަރުކަށި ހިންދޫން ގެންދަނީ އަނިޔާވެރި ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ.

މިޖަރީމާތަކަށް ބީޖޭޕީގެ ވެރިކަން އޮންނަ ސްޓޭޓްތަކުންނާއި ބީޖޭޕީ ވެރިކަންކުރާ އިންޑިއާގެ މައިސަރުކާރުންވެސް ގެންދަނީ ލޯމަރާލައި ބީރުކަންފަތެއް ދެމުންނެވެ.

ހަރުކަށި ހިންދޫން މުސްލިމުންނާއި ނަސާރައިންފަދަ އިންޑިއާގައި ބައިމަދު ދީންތަކުގެ މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތެރޭގައި މީހުން މެރުމާއި މީހުންގެ މުދަލާއި ގެދޮރަށް ގެއްލުންދިނުމާއި ޓެރަރިސްޓް އަމަލުތައް ހިންގައި ބިރުވެރިކަން އުފެއްދުމާއި ހޭޓް ސްޕީޗް ނުވަތަ ނަފްރަތުގެ އަމަލުތައް ހިންގުމާއި ހިންދޫ ޝިއާރުތައް ފިޔަވައި އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުން މަނާކުރުންފަދަ ހަރުކަށި އަނިޔާވެރި އަމަލުތައް ހިމެނޭކަން އެރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން އިންޑިއާގެ މައި ސަރުކާރާއި ބީޖޭޕީން ވެރިކަންކުރާ ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކުން ސިޔާސަތެއްގެ ގޮތުގައި ދީނީ ތަފާތު ކުރުންތައް ގެންގުޅޭކަމާއި ބައިމަދު ދީންތަކުގެ މީހުންނަށް ގޯނާކޮށް އެމީހުންގެ ދީނީ ޝިއާރުތައް މަނާކުރުމުގެ ހަރުކަށި ސިޔާސަތެއް ގެންގުޅޭކަމަށްވެސް ބުނެފައި ވެއެވެ.

މީގެތެރޭގައި ބައިމަދު ދީންތަކުގެ މީހުންގެ ދީނީ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ބައެއް ގާނޫނުތައް އެކުލަވާލުމާއި މުސްލިމް އަންހެނުން ބައެއް ތަންތަނުގައި ބުރުގާ އެޅުން މަނާކުރުމާއި ގެރި ކަތިލުން މަނާ ކުރުން ފަދަ ކަންކަން އެމެރިކާގެ ކޮމިޝަން އޮން އިންޓަނޭޝަނަލް ރިލިޖަސް ފްރިޑަމްގެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

ބީޖޭޕީން ހިތްވަރު ދީގެން އިންޑިއާގައި ބައިމަދު ދީންތަކުގެ މީހުންނާ ދެކޮޅަށް ހިންގާ މިއަމަލުތަކާ ގުޅިގެން "ޔޫއެސް ކޮމިޝަން އޮން އިންޓަނޭޝަނަލް ރިލިޖަސް ފްރިޑަމް" އިންވަނީ ދިނީ މިނިވަންކަމަށް ހުރަސްއަޅާ ގައުމުތަކުގެ ލިސްޓުގައި އިންޑިއާގެ ނަން ހިމަނައި އިންޑިއާ ބްލެކްލިސްޓް ކުރުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ކިބައިން އެދިފައެވެ.

އިންޑިއާގެ އާބާދީގައި 180 މިލިއަން މުސްލިމުން (އާބާދީގެ 14.5 އިންސައްތަ) ހިމެނޭއިރު ނަސާރާއިންގެ އާބާދީއަކީ އެންމެ 26 މިލިޔަނެވެ. އެއީ އާބާދީގެ 2.3 އިންސައްތައެވެ. ނަމަވެސް ހިންދޫ ހަރުކަށި މީހުންގެ ފަރާތުން ލިބޭ އަނިޔާތައް ނަސާރާއިންނަށްވުރެ ބޮޑީ މުސްލިމުންނަށެވެ.

ޔޫ.އެސް ކޮމިޝަން އޮން އިންޓަނޭޝަނަލް ރިލިޖަސް ފްރިޑަމް އިން ނެރުނު ރިޕޯޓްގައި އެމެރިކާގެ ޚާރިޖީ ވުޒާރާއަށް ގޮވާލާފައިވަނީ އިންޑިއާގެ ބައިމަދު ދީންތަކުގެ މީހުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ފާހަގަކޮށް އެއަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް އެމެރިކާ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެމީހުންގެ ނަންތައް ޝާއިއުކުރުމަށެވެ.

ނަމަވެސް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ފަރާތުން ފެންނަނީ މިކަންކުރުމަށް ފަސްޖެހުމުގެ އިތުރުން ދީނީ މިނިވަންކަމަށް ހުރަސްއަޅާ ގައުމުތަކުގެ ލިސްޓުގައި އިންޑިއާގެ ނަން ހިމެނުމަށް ދެކޮޅު ހަދާތަނެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން މި ރިޕޯޓާބެހޭގޮތުން ވާހަކަދައްކަވައި ދީނީ މިނިވަންކަމަށް ހުރަސްއަޅާ ގައުމުތަކުގެ ނަންތައް އިއްޔެ ވިދާޅުވިއިރު އޭނާވަނީ ދީނީ މިނިވަންކަމަށް ހުރަސްއަޅާ ގައުމުތަކުގެ ލިސްޓުން އިންޑިއާގެ ނަން އުނިކުރައްވައި ވާހަކަ ދައްކަވާފައެވެ.

ދީނީ މިނިވަންކަމަށް ހުރަސްއަޅާ ގައުމުތަކުގެ ގޮތުގައި ބްލިންކެން މުޅިންވެސް ފާހަގަ ކުރައްވާފައިވަނީ ސިޔާސީގޮތުން އެމެރިކާގެ ބަސްނާހާ ގައުމުތަކުގެ ނަންތަކެވެ. އެއީ ޗައިނާ، އީރާން، އުތުރުކޮރެއާ، މިޔަންމާ، ނިކަރާގުއާ އަދި ވެނެޒުއެލާ ފަދަ ގައުމުތަކުގެ ނަންތަކެވެ.

އެހެންކަމުން އެމެރިކާ ސަރުކާރުން ގެންދަނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާ ގުޅޭ ކަންކަންވެސް ސިޔާސީ ބޭނުމަށް ސިޔާސީ ކުރާގޮތުން ދީނީ މިނިވަންކަމުގެ މައްސަލަވެސް ސިޔާސީ ކަމަކަށް ހަދައި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންކަން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެންގެ ވާހަކަތަކުންވަނީ ހާމަވެފައެވެ.

ޔޫ.އެސް ކޮމިޝަން އޮން އިންޓަނޭޝަނަލް ރިލިޖަސް ފްރިޑަމްގެ ރިޕޯޓްގައި އިންޑިއާއަކީ ދީނީ މިނިވަންކަމަށް ހުރަސްއަޅާ ގައުމެއް ކަމަށް ބުނެފައިވީނަމަވެސް ދީނީ މިނިވަންކަމަށް ހުރަސްއަޅާކަމަށް ބުނެ އެމެރިކާގެ ޚާރިޖީ ވުޒާރާއިން ކޮންމެ އަހަރަކު ތައްޔާރުކުރާ ލިސްޓުގައި އިންޑިއާގެ ނަން ނުހިމަނަނީ ޗައިނާ އާ ކުރިމަތިލުމުގައި އިންޑިއާގެ އެހީއަށް އެމެރިކާ އިންތިހާއަށް ބޭނުންވާތީ އިންޑިއާއާމެދު އެމެރިކާ ގެންގުޅެމުންދާ ދޫދިނުމުގެ ސިޔާސަތުގެ ދަށުން ކަމަށް މުރާސިލުން ބުނެއެވެ.