18 May 2023, 16:51
ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ ދޫކޮށް ކިތަންމެ މެންބަރުންނެއް ދިޔަސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހްގެ ކެމްޕެއިނަށް އެއްވެސް ދައްޗެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު އޮތްތަން ފެންނަ ކަމަށެވެ. އަދި، އެމްޑީޕީގެ އެތެރޭގައި ކޯޅުން އޮތްކަމުގައި ވީނަމަވެސް އެ ކަމުން ރައީސް ސާލިހަށް އެއްވެސް ދައްޗެއް ނެތް ކަމަށް މިއުވާން ވިދާޅުވިއެވެ.
"ރައީސް ފޯކަސް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް. ރައީސްގެ ކެމްޕެއިން ހަމަ ވަރަށް ރަނގަޅަށް ކުރިއަށް ދަނީ،"ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު
މިއުވާން މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ގެއްލިފައިވާ ދަނޑިވަޅެއްގައެވެ. އެއީ، "ފިކުރެއްގެ ދިރުން" ފެކްޝަންގެ 12 މެންބަރަކު އިއްޔެ ޕާޓީއިން ވަކިވުމާ ގުޅިގެންނެވެ.
އޭގެ އިތުރުން ރައީސް ސާލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް މަޖިލީހުގެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިއްތިހާދުން ވަނީ މިއަދު ބުނެފައެވެ. އަދި، ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު އަދި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް އިދިކޮޅުން ވަނީ ހުށަހަޅާފައެވެ.
"އިދިކޮޅު ފަރާތްތަކުން ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭއިރު ބަންޑާރަ ނައިބު އަދި ޚާރިޖީ ވަޒީރު ވެސް އެ ހުންނެވީ ހަމަ ރައީސާ އެކު މަސައްކަތް ކުރައްވަން،"ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައިގެ ގޮތުގައި ހުށަހަޅާ މައްސަލަތަކުގެ އިތުރުން ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލުތަކުގެ މަސައްކަތް ލަސްވުމާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ ޕާލިމެންޓްރީ ގްރޫޕާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ބޮޑުވެ، ނަޝީދަށް ތާއީދު ކުރައްވައި މަޖިލީސް މެންބަރުން ވަނީ އެ ޕާޓީން ވަކިވެ، އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައެވެ.