ދިރާގުން ދުނިޔޭގެ މުވާސަލާތީ ދުވަސް 2023 ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ކުލަގަދަ ހަރަކާތްތަކަކާއެކު ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ "ޑިޖިޓަލް ރާއްޖެ" ގެ ނަމުގައި ޚާއްސަ ޓޯކް ޝޯވއެއް ޓެލެވިޒަން މޯލްޑިވްސް އާއި އެސްއެސްޓީވީ މެދުވެރިކޮށް ގެނެސްދީފައެވެ. މި ޓޯކް ޝޯވގައި އަލިއަޅުވާލާފައިވަނީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދަތުރަށެވެ.

މި ޓޯކް ޝޯގެ މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއީލް ރަޝީދާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރު، ޒުލައިޚާ އިބްރާހީމާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ކޯ ފައުންޑާ އައިޝާ އަދުނާނާއި ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުޙައްމަދު މުސްޢަދެވެ.

މި ޓޯކް ޝޯގެ ހޯސްޓަކީ ދިރާގުގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދެވެ.

މި ޓޯކް ޝޯގައި ވަނީ ރާއްޖޭގެ މުވާސަލާތީ ސިނާއަތް ފެށުނު ގޮތާއި މި ސިނާއަތް މިއަދާ ހަމައަށް ވެސް ކުރިއަރާފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލާފައެވެ.

މީގެ އިތުރުން ޝޯގެ މެހެމާނުން ވަނީ ފާއިތުވި އަހަރުތަކުގައި ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއި މީގެ ސަބަބުން ކާމިޔާބުކަމާއެކު މީހުންގެ ދިރިއުޅުން މުއްސަނދިކުރުމަށް ބޭނުންކުރެވިދާނެ ގޮތްތަކާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރި ޑިޖިޓަލް ސްޕޭސްއެއް ގާއިމުކުރާނެ ގޮތާ ބެހޭ ގޮތުންވެސް މަޝްވަރާކޮށްފައެވެ.

މި އަހަރުގެ މުވާސަލާތީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ އެކުންފުނީގެ ހެޑް އޮފީހާއި ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކަށް ޒިޔާރަތްކުރުމަށް އެކި ކީ ސްޓޭޖްތަކުގެ ސްކޫލް ދަރިވަރުންނަށް ދައުވަތު ދީފައެވެ.

އެގޮތުން އެކުދިންނަށް ވަނީ އެކި ދިރާގު ޓީމްގެ މެމްބަރުންނާއެކު ތަފާތު ޕްރެކްޓިކަލް އަދި މައުލޫމާތު ސެޝަންތައް ނަގައިދީ، ސުވާލާއި ޖަވާބު ސެޝަންތައްވެސް ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ދިރާގުން ވަނީ މި ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން 100ޖީބީގެ މުޅިން އައު ޑޭޓާ ޕެކްތަކެއްވެސް ތަޢާރަފްކޮށްފައެވެ. ދިރާގު ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެއެވެ.

ދިރާގުން ވަނީ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ފަރާތުން އެކި އަހަރުތަކުގައި ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި ކަސްޓަމަރުންނަށް "މާދަމާ" ނަގައި، ޑިޖިޓަލް މުސްތަގުބަލް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރެއެވެ.

ދިރާގުން ވަނީ އެކުންފުނީގެ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ފަރާތުން ވޭތުވެދިޔަ 34 އަހަރުގައި ލިބިފައިވާ އަދި ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަޤްބަލެއްގައި ކުރިއެރުވުމަށް މަގުފަހިކޮށްދިނުމަށެވެ.