26 Apr 2012, 14:31
ރާއްޖޭގެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށާއި އެ ކަމުގައި ބައިވެރިވި މީހުންނަށް ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކަށް ނޭރޭނެ ގޮތަށް ހަދައި ވަކި ބައެއް ހިންގާ ރިސޯޓްތަކަށް ޓޫރިސްޓުން ނުދިއުމަށް ގައުމުތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އިން ރޭ އުސް ފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ އެންމެ އިސް ލީޑަރު ނަޝީދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދަށް ހުރަސް އެޅޭ ފަދަ ކަމެއް އެމްޑީޕީ އިން ނުކުރާނެ ކަމަށާއި އެހެން ނަމަވެސް އަވަސް އިންތިހާބަކަށް ދިއުމަށް ޕާޓީތަކުން ދެކޭ ގޮތް ބަދަލުކުރޭތޯ ބަލާނީ މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ކަމަށެވެ.
ސަރުކާރު ހިންގާ ބޭފުޅުންނަށް ނޭރުއްވޭ ގޮތަށް ކެމްޕޭން ކުރައްވާނީ ކޮން ގައުމުތަކަކަށް ކަމެއް، އަދި ޓޫރިސްޓުން ނުދިއުމަށް ކެމްޕޭން ކުރައްވާނީ ވެސް ކޮން ރިސޯޓްތަކަކަށް ކަމެއް ނަޝީދު ވިދާޅެއް ނުވެ އެވެ.
ނަމަވެސް ނަޝީދު ވިދާޅުވީ މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ބެލުމަށް ފަހު ވަކި ބައެއްގެ ރިސޯޓްތަކަށް ޓޫރިސްޓުން ނުދިއުމަށާއި އަދި ވަކި ގައުމުތަކަށް ނޭރޭނެ ގޮތް ވަކި ބައެއްގެ ވިސާ ހިފެހެއްޓުމަށް ގައުމުތަކުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެދޭނީ ބަޣާވާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ބޭރު ގައުމުތަކަށް ވަޑައިނުގަނެވޭ ގޮތަށް އެ ބޭފުޅުންގެ ވިސާ ހުއްޓާލުން. އެކަމަށް އަޅުގަނޑުމެން އެދޭނަން އޯގަސްޓް މަހު. އަޅުގަނޑުމެން އޯގަސްޓް މަހާ ހަމައަށް ބަލަމުންގެންދާނަން. އެބޭފުޅުން އަވަސް އިންތިހާބަކަށް ދީއްލާލުމަށް އަޅުގަނޑުމެން އެބޭފުޅުންނާ އެކު މަސައްކަތްކުރަމުން ގެންދާނަން." ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް ވިދާޅުވީ ބޭރު ގައުމުތަކުގައި އެދެވެން ހުރި ކަންތަތައް ވަރަށް ގިނަ ކަމަށާއި އެހެން ނަމަވެސް އެކަންތައްތަކަށް އެދޭނީ ވަރަށް ބޮޑަށް ބެއްލެވުމަށް ފަހު ކަމަށެވެ.
މީގެ އިތުރުން މި އަހަރުތެރޭގައި ރިޔާސީ އިންތިހާބެއް ބޭއްވޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީއަކުން އިސްލާމް ދީން ނޫން އެހެންދީނަށް ފުރުސަތު ނުދޭނެ ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދު ބިނާވެފައި އޮތީވެސް އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުލިބޭނެ ގޮތަށް ކަމަށެވެ.