ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދޮގު ބަޔާން ދިންކަމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ދާދި ދެންމެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މުއިއްޒުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދެއްވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ގާޒީ ޞަފްވަތު ހަބީބް ވިދާޅުވީ, އާބިޓްރޭޝަނަށް މުއިއްޒު ދެއްވިކަމަށް ބުނާ ބަޔާނުގައި ސޮއިކުރައްވާފައިވަނީ އޭނާކަން ދައުލަތަށް ސާބިތުކޮށްދެވިފަ ނުވާ ކަމަށާއި އެހެންކަމުން އެ ބަޔާނަކީ މުއިއްޒު ދެއްވި ބަޔާނެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ސަރުކާރުން ނޫމަޑިއާ ހަވާލުކުރި ހައުސިން މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގޮސްފައިނުވާ ކަމަށް ދައުލަތުން ބުނެފައިވާއިރު އެކަން ކުރިއަށް ގެންދަން ޖެހޭ ޝެޑިއުލް ދައުލަތުން ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އެހެން ކަމުން ދައުވާ ސާބިތުކުރުމަށް ބޭނުންވާ ފުރަތަމަ އުންސުރު ހަމަ ނުވާ ކަމަށް ގާޒީ ޞަފްވަތު ވިދާޅުވިއެވެ. އެހެންކަމުން ދެ ވަނަ އަދި ތިން ވަނަ ރުކުން ހަމަވޭތޯ ބެލުމުގެ މާނައެއް ނެތް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ. އަދި އެ މައްސަލަ މުއިއްޒުގެ މައްޗަށް ސާބިތު ނުވާ ކަމަށް ގާޒީ ވަނީ ނިންމަވައި ހުކުމް ކުރައްވާފައެވެ.

ދައުލަތުން މުއިއްޒުގެ މައްސަލަ ކޯޓަށް ހުށަހަޅައިފައިވަނީ ޖޫން 14، 2020 ގައެވެ. އެ މައްސަލަ ބެއްލެވުމާ ފުރަތަމަ ހަވާލުވި ގާޒީ އެހެން ކޯޓަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ދެވަނައަށް ހަވާލުކުރި ގާޒީ ވަނީ އެ މައްސަލައިން ތަނާޒުލްވެފައެވެ.

ސަފްއަތު ހަބީބު އަކީ މި މައްސަލައާ ހަވާލުވި ތިން ވަނަ ގާޒީއެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވެ، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ވިދާޅުވެ، ޑރ. މުއިއްޒު ދޮގު ބާޔަނެއް ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެ ތުހުމަތަކަށް އޭނާ އިންކާރުކުރައްވައެވެ.