18 May 2023, 14:39
ކޭޕްޓައުން (18 މެއި 2023): ޔުކްރެއިން ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތް ދެކުނު އެފްރިކާ ހިމެނޭގޮތަށް އެފްރިކާގެ ހަ ގައުމަކުން ފަށައިފިއެވެ.
ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވިދާޅުވީ ޔުކްރެއިން ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް ދެކުނު އެފްރިކާގެ އިތުރުން އެފްރިކާގެ ފަސް ގައުމެއް ކަމަށްވާ ޒެމްބިޔާ، ސެނެގޯލް، ރިޕަބްލިކް އޮފް ކޮންގޯ، ޔުގާންޑާ އަދި މިސްރުން ދެކޭ ކަމަށާއި މިކަމަށްޓަކައި މި ހަ ގައުމުގެ އިސްވެރިން ރަޝިއާއަށާއި ޔުކްރެއިންއަށް ޒިޔާރަތް ކުރެއްވުމުގެ ތައްޔާރީތައް މިހާރު ވަމުންދާކަމުގައެވެ.
ވެރިރަށް ކޭޕްޓައުންގައި ދެއްވި ބަޔާނެއްގައި ރަމަފޯސާ ވިދާޅުވީ ޔުކްރެއިން ހަނގުރާމަ ހުއްޓުވުމުގެ ޑިޕްލޮމެޓިކް މަސައްކަތްތައް ފެށުމަށްޓަކައި އޭނާ މިހާރުވަނީ ރަޝިއާގެ ރައީސް ވްލަދިމީރު ޕޫޓިންއާއި ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީއާ ފޯނުން ގުޅުއްވައި ވާހަކަވެސް ދައްކަވާފައެވެ. އެދެބޭފުޅުންވެސް އެފްރިކާގެ މީޑިއޭޝަންއަށް މަރުހަބާ ވިދާޅުވާކަން ރަމަފޯސާ ހާމަކުރެއްވިއެވެ.
ދެކުނު އެފްރިކާ ހުޅަނގު ޔޫރަޕްގެ ދޮންމީހުންގެ ނަސްލީ އިމްތިޔާޒުތަކުގެ ވަކިތަކުގެ ދަށުގައި އިސްތިއުމާރު ކޮށްފައިއޮތް ދުވަސްވަރު ނެލްސަން މަންޑޭލާގެ ޒައާމަތުގެ ދަށުން މިނިވަންކަމަށް ދެކުނު އެފްރިކާގެ ކަޅުނަސްލުގެ ރައްޔިތުން ކުރި ދިގު އަދި އަނިޔާވެރިކަން ތަހައްމަލު ކުރަންޖެހުނު ޖިހާދުގައި އެންމެ ބޮޑު އެހީތެރިކަން ލިބުނު އެއްގައުމަކީ ރަޝިއާއާއި ޔުކްރެއިން އެއްދައުލަތެއްގެ ގޮތުގައި އިއްތިޙާދުވެފައިއޮތް ކުރީގެ ސޮވިއެޓް ޔުނިޔަން އިންނެވެ.
ދެކުނު އެފްރިކާގެ ކަޅުނަސްލުގެ މީހުންނާ ދެކޮޅަށް ހުޅަނގު ޔޫރަޕްގެ ދޮންމީހުން ހިންގި ނަސްލީ އިމްތިޔާޒު (އެޕާޓެއިޑް)ގެ ލާއިންސާނީ އަމަލުތަކަށް އެންމެ ބޮޑަށް ވާގިވެރިވީ އެމެރިކާއާއި އިސްރާއީލުންނެވެ. ދެން ޔޫރަޕްގެ އިސްތިއުމާރީ ބާރުތައްކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުންނެވެ.
އެހެންކަމުން ރަޝިއާއާއި ޔުކްރެއިން އަކީ އެފްރިކާގެ ގައުމުތަކަށް އަދި ޚާއްސަކޮށް ދެކުނު އެފްރިކާއަށް ވަރަށް މުހިއްމު ދެގައުމެވެ. މިދެގައުމު ސުލްހަވެރި ކުރުވުމަކީ އެފްރިކާގެ ގައުމުތައް އިސްނަގައިގެން ކުރަންޖެހޭ އަދި އެފްރިކާގެ މަސްހަލަތާވެސް ގުޅޭ ކަމެއްކަމަށް އެފްރިކާގެ ގިނަ ލީޑަރުން ދެކެވަޑައިގަންނަވާކަމަށް ރަމަފޯސާ ވިދާޅުވިއެވެ.
ރަމަފޯސާ ވިދާޅުވިގޮތުގައި މިހާރު މިކަންވާނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް އާއި އެފްރިކާގެ އިއްތިހާދުގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފައްކީ އާވެސް ހިއްސާ ކޮށްފައެވެ.
ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭގައިވެސް އެންމެ ގިނައީ އެފްރިކާ ފަގީރު ގައުމުތަކެވެ. ޔުކްރެއިންއާއި ރަޝިއާއިން އުފައްދާ ގޮވާމުގެ ބާވަތްތަކަކީ އެފްރިކާގެ ފަގީރު ގައުމުތަކަށް ވަރަށް މުހިއްމު އެއްޗެކެވެ. އަނެއްކޮޅުން ރަޝިއާގެ އަގުހެޔޮ ގަސްކާނާއަކީ އެފްރިކާގެ ގިނަ ގައުމުތަކުގެ ދަނޑުވެރިކަމުގެ ލޭނާރެވެ.
ޔުކްރެއިން ހަނގުރާމަ ފެށުނުތާ ކުރީކޮޅު ޔޫކްރެއިންގައި ހައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުން ވަގުތީގޮތުން ހުއްޓިގެން ދިޔުމުން އެންމެ ބޮޑު ގެއްލުމެއް ތަހައްމަލު ކުރަންޖެހުނީ އެފްރިކާގެ ގައުމުތަކަށެވެ. އެއީ ގޮވާމުގެ ބާވަތްތައް ދުނިޔޭގެ ބާޒާރުގައި އިންތިހާއަށް އަގުބޮޑުވުމާ ގުޅިގެންނެވެ. ނަމަވެސް ފަހުންވަނީ ތުރުކީއާއި އދ. މެދުވެރިއެއްގެ ބައި އަދާކޮށްގެން ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރެވޭނެގޮތް ހަދާފައެވެ. މިކަމުގައި ރަޝިއާއާއި ޔުކްރެއިނުން މިހާރުވެސް އެއްބާރުލުން ދެމުން ގެންދެއެވެ.
ދާދިފަހުން އެމެރިކާވަނީ ދެކުނު އެފްރިކާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭކަމަށް ތުހުމަތުކޮށްފައެވެ. މިމައްސަލާގައި ދެކުނު އެފްރިކާގެ ސަރުކާރުން ރުޅިއައިސް ކޭޕްޓައުންގައި ހުންނަވާ އެމެރިކާގެ ސަފީރު ދެކުނު އެފްރިކާގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް މިތުހުމަތުތަކުގެ ހެކިދެއްކުމަށް އެމެރިކާގެ ސަފީރުގެ ކިބައިން އެދުނެވެ. ނަމަވެސް ދެކުނު އެފްރިކާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭކަމުގެ އެއްވެސް ހެއްކެތް އެމެރިކާގެ ސަފީރަށް ދެއްކިފައެއް ނުވެއެވެ. މިމައްސަލާގައި ދެކުނު އެފްރިކާވަނީ ދޮގު ހަދާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކޮށްފައެވެ.
އެމެރިކާއަކީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ މުޅި ދުނިޔެއަށް ދޮގުހަދައި އޮޅުވާލުމުގެ ހުތުުރު އަމަލުތަކެއް ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާފައިވާ ގައުމެކެވެ.