18 May 2023, 11:47
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ.
އެ ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ "ސަން" އަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފާސްކޮށްފައިވަނީ ޕީޖީ ގްރޫޕުގެ މެމްބަރުންގެ އިއްތިފާގުންނެވެ.
އަސްލަމް ވިދާޅުވީ، އިދާރީ ގޮތުން ފުރިހަމަ ކުރަން ހުރި މަސައްކަތްތައް ފުރިހަމަ ކުރުމަށްފަހު ވީހާވެސް އަވަހަށް އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އަށް ތާއީދު ކުރައްވާ 11 މެމްބަރުންނާއެކު އީވާވެސް ވަނީ އިއްޔެ އެމްޑީޕީން ވަކިވެފައެވެ. އީވާ އެމްޑީޕީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައި ވާތީ އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ވަރަށް ގިނަ މަޖިލިސް މެމްބަރުން އަންނަނީ ބުނަމުންނެވެ.
ގިނަ މެމްބަރުންގެ އެދުމުގެމަތިން އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްޓަކައި ސޮއިހަމަކުރުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަ ބޭފުޅަކު މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ.
ފިކުރެއްގެ ދިރުމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، އެކަމަނާ އެއްވެސް އިރަކު އެމްޑީޕީގައި ހުންނެވީ މަގާމު ދިފާއު ކުރުމަށް ނޫން ކަމަށެވެ. ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.