18 May 2023, 11:35
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާ އެ ޕާޓީއާ ޖެހިފައި ވަނީ ވެރިކަމުގެ މައްސަލައެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ނަޝީދު ޕާޓީއިން ވަކިވުމަކީ ލިބޭ ދެރައެއް ކަމަށެވެ. އަދި ޕާޓީ އެއްބައި ކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ނަމަވެސް އެކަމުގައި ފެއިލްވެފައިވާކަން ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މައިގަނޑު ގޮތެއްގައި މި އޮތީ ވެރިކަމާ ގުޅުން ހުރި ކަންތައްތަކެއް. ދެން ތިބޭފުޅުންނާ މިވާހަކަ އަޅުގަނޑުމެން ކޮންމެހެން ދައްކާކަށް ނުޖެހޭނެ، ބުއްދި ސަލާމަތުން ހުރި ދިވެހި ރައްޔިތަކަށް ވެއްޖެއްޔާ މި ވާގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. މި މައްސަލައަކީ ވެރިކަމުގެ މައްސަލައެއް،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެ މައްސަލަ ހައްލު ކުރެވެން އޮތީ އެންމެ ގޮތެއް ކަމަށާއި އެއީ ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ދިނުން ކަމަށެވެ.
"ދެން ޕާޓީގެ ރައްޔިތުން ވަކި ގޮތަކަށް ނިންމަވާފަ އަދި ރައީސް ޞާލިޙް ވެސް އެކަމަށް ކުރިމަތިލައްވާފަ ހުރި ހިނދެއްގައި އެހެން ބޭފުޅަކު އެކަން ބޭނުންވި ކަމުގައި ވިޔަސް އެކަން ދެން ދޫކޮށްލަން ރައީސް ޞާލިޙަށް ދެންނެވުމަކީ ވެސް އަޅުގަނޑުމެންނަށް ދަތި ކަމަކަށްވޭ. އެހެންވީމަ އެއްވާން އޮތީ އެންމެ ގޮތެއް އެއީ ރައީސް ނަޝީދަށް އަޅުގަނޑުމެން ޓިކެޓު ދީގެން، އެ ނޫން ގޮތަކަށް އެއްވެވޭކަށް ނެތް،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، ނަޝީދަށް ތާއިދު ކުރައްވާ 12 މެންބަރުންގެ އެއްބާރުލުން ޕާޓީއަށް ނުލިބޭތާ ތިން އަހަރާއި ބަޔަށް ވުރެ ވެސް ގިނަ ދުވަސް ވެފައިވާ ކަމަށާއި އެ މެންބަރުން ޕާޓީން ވަކިވުމަކީ ހެލޭ ދަތެއް ވެއްޓުމުގެ ގޮތުގައި އިހުސާސް ކުރެވޭ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނަން އަޅުގަނޑުގެ އިހުސާސް އިއްޔެ އެ ބޭފުޅުން ވަކިވެވަޑައިގެންނެވީމަ. ހަގީގަތަކީ ވަރަށް ހިތާމަވެސް ކުރަން އަޅުގަނޑުމެން އަޅުގަނޑުމެންނާ އެއްކޮށް ވަރަށް މަސައްކަތްތަކެއް ކުރެެއްވި ބޭފުޅުން މިއަދު މި ހިސާބަށް އަންނަން ޖެހުނީތީ، އެހެންނަމަވެސް އަޅުގަނޑުމެންނަށް ކުރެވޭ އިހުސާސަކީ ވަރަށް ބޮޑަށް ރިހޭ ދަތެއް ހެނދުނު ހޭލި އިރު ވެއްޓިފަ އޮތް އިހުސާސް. އެހެންވީމަ އަޅުގަނޑުމެންގެ މާ ބޮޑު ކަންބޮޑުވުމެއް ނެތް،" ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީއިން އިއްޔެ ވަކިވި 12 އިސް މެންބަރުންނާއެކު ޕާޓީއިން ވަކިވާން މިހާތަނަށް އާންމު މެންބަރުންގެ މާ ގިނަ ފޯމްތަކެއް ލިބިފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އާންމު މެންބަރުންތަކެއް ވަކިވި ނަމަވެސް އެއީ އެމްޑީޕީގެ މަސައްކަތްތަކަށް އެ ޕާޓީއިން މިހާތަނަށް ހަދަމުން އައި ހިސާބުތަކުގައި ހިމަނާފައިވާ މެންބަރުންނަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގައި ރައީސް ނަޝީދު ހިންގަވާ ފިކުރެއްގެ ދިރުން ގޮފީގައި ހަރަކާތްތެރިވެ، އެ ޕާޓީން ވަކިވެފައިވާ މެންބަރުންގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހިމެނެއެވެ.
މިދިޔަ ޖެނުއަރީ މަހު އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބާއްވާފައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ރައީސް ޞާލިޙާއި ރައީސް ނަޝީދާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި، ޕާޓީ ވަރަށް ބޮޑަށް ބައިބައިވެފައިވާ ދަނޑިވަޅެއްގައެވެ. އެ އިންތިޚާބުގައި ރައީސް ޞާލިޙުގެ ތާއިދާއެކު ފައްޔާޒު ވާދަކުރެއްވި އިރު ނަޝީދު ތާއިދު ކުރެއްވީ އިންތިއަށެވެ.
އޭގެ ފަހުން ނަޝީދު ފިކުރެއްގެ ދިރުމުގެ ޝިއާރުގެ ދަށުން ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވި ނަމަވެސް ޓިކެޓް ހޯއްދެވީ ރައީސް ޞާލިޙެވެ. އެއާއެކު 'ފިކުރެއްގެ ދިރުން'އަކީ ވަކި ސިޔާސީ ހަރަކާތެއްކަން އިއުލާން ކުރައްވައި، އެ ގޮތްޕަށް ތާއިދު ހޯދަން ނަޝީދު ފެއްޓެވިއެވެ.
އެ ގޮތްޕަށް ތާއިދު ކުރާ މެންބަރުން ޕާޓީން ވަކިވެފައި ވަނީ، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން ކަމުނުގޮސްގެން އިދިކޮޅު ޕީޕީއެމާއި އެމްއެންޕީއާ ގުޅިގެން މަސައްކަތް ފެށުމަށް ފަހުގައެވެ.
އިއްޔެ އެ މެންބަރުން ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ނަޝީދު އެމްޑީޕީއިން އިސްތިއުފާ ދެއްވާފައި ނުވާއިރު، އާ ޕާޓީން ނެރޭނީ ކޮން ކެންޑިޑޭޓެއް ކަމެއް އެ މެންބަރުން ވިދާޅެއް ނުވެއެވެ.