18 May 2023, 10:13
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއެކު މަސައްކަތް ކުރުމަށް މަޝްވަރާކުރަމުން އައި ރައީީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އެ ނަމުގައި ވަކި ޕާޓީއެއް އުފައްދައި ރިޔާސީ ކެނޑިޑޭޓެއް ނެރެން ނިންމި ނަމަވެސް ޖުމްހޫރީ ޕާޓީން މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
ރައީސް ނަޝީދު ފިޔަވައި އެ މަނިކުފާނުގެ ފިކުރެއްގެ ދިރުމަށް ތާއީދުކުރައްވާ ހުރިހާ މެމްބަރުން އިއްޔެ ވަނީ އެމްޑީޕީން އިސްތިއުފާ ދެއްވައިފައެވެ.
އެއާއެކު އެ މެމްބަރުން އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ވަކި ޕާޓީއެއް އެ ނަމުގައ އުފައްދައި އެ ޕާޓީން ކެނޑިޑޭޓަކު ނެރޭނެކަމަށް ވެސް ބުނެފައެވެ.
ފިކުރެއްގެ ދިރުން ވަކި ޕާޓީއެއްގެ ގޮތުގައި އުފަންކުރަން ނިންމިއިރު އެ ކަމުގައި ހިމެނޭ މެމްބަރުން އައީ ޖުމްހޫރީ ޕާޓީއާއެކު މަސައްކަތްކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ.
އެ މަޝްވަރާތަކަށް ހުއްޓުމެއް އައީ ޖޭޕީއަށް ވެރިކަން ލިބޭ ހާލަތެއްގައި ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ނިޒާމީ ވޯޓެއް ނަގައިދިނުމަށް އެދި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ ޕާޓީއަށް ހުށަހެޅުމާއެކުގައެވެ. އެ ކަމަށް މާ ބޮޑު ތާއީދެއް ނެތްކަމަށް ވެސް ޖުމްހޫރީ ޕާޓީގެ އިސްވެރިން ވިދާޅުވެއެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް މިއަދު "ސަން" އަށް ވިދާޅުވީ ރައީސް ނަޝީދުގެ މެމްބަރުން ވަކި ޕާޓީއެއް ހެދުމަކީ މަޝްވަރާތަކަށް ބުރޫއަރާނެ ސަބަބެއް ނޫންކަމަށެވެ. އެއީ ޑިމޮކުރަސީގެ ތެރެއިން ލިބިދޭ ހައްގެއް ކަމަށާއި އެކަން ކުރެއްވީތީ މަރުހަބާ ވިދާޅުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން ރައީސް ނަޝީދަށާއި އެ މަނިކުފާނުގެ މެމްބަރުންނަށް. އެއީ އެ މެމްބަރުންގެ ވިސްނުމާއި ފިކުރާ އެއްގޮތަށް ކުރިއަށް ދިއުމަށް ލިބުނު ފުރުސަތެއްކަަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަމީން އިބްރާހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޝްވަރާތައް ކުރިއަށްދާނެކަމަށާއި ގޮތް ނިންމާ މަރުހަލާއަށް ދިއުމުން އެ ކަމުގައި ވަކި ގޮތެެއް ނިންމާނެކަމަށެވެ.
މީގެ އިތުރުން އެ ޕާޓީގެ އިސްވެރިއަކު "ސަން"އަށް ވިދާޅުވީ ފިކުރެއްގެ ދިރުމާއެކު ކުރަމުން އަންނަ މަަޝްވަރާތައް އަދި ކޮޅެއްގައި ނުޖެހޭ ކަމަށެވެ.
މަޝްވަރާތަކުގައި އިސްކޮށް އުޅުއްވައި މެމްބަރުން ވެސް އެފަދަ ނިންމުމެއް ނިންމިކަމަށް އަންގައިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކުގައި މަސައްކަތް ކުރުމާއި ނުކުރުމާމެދު ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.