18 May 2023, 10:07
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަބުރާ ބެހުނު ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފަށް ކުރެއްވި ދައުވާ އަނބުރާ ގެންދަވައިފިއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 28ގައި ކޮށްފައިވާ ދައުވާގައި ވަނީ، ނަޝީދު ގަތުލު އާންމެއް ހިންގަން އުޅުއްވި ކަމަށް ވިދާޅުވެ ޝަރީފް އެ މަހުގެ 25 ވަނަ ދުވަހު ކުރެއްވި ޓްވީޓާ ގުޅިގެން އޭނާގެ ކިބައިން އަބުރާ ބެހުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅައިދީ، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިފައެވެ. އެގޮތުން އެމަނިކުފާނަށް ލިބިފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދިފައިވެއެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ޝަރީފް ދައުވާގެ ދިފާއު ހުށަހަޅުއްވާފައި ވަނިކޮށް ދައުވާ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ، މުޅި ދައުވާ އަނބުރާ ގެންދަން ނަޝީދުގެ ފަރާތުން އެދިފައިވާ ކަމަށެވެ.
"ދައުވާ އަނބުރާ ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ދައުވާ ކުރާ ފަރާތުން ބަޔާންކޮށްފައި ވަނީ މި މައްސަލަ މިހާރު ކުރިއަށްގެންދަން ބޭނުންނުވުމެވެ،" ހުކުމުގައިވެއެވެ.
އެކަމަށް ޝަރީފުގެ ފަރާތުން އިއުތިރާޒު ހުށަހަޅާފައި ނުވާތީ، ދައުވާ އަނބުރާ ގެންދަން ހުރަސްއަޅާ އިތުރު ސަބަބެއް ނެތުމުން މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށް މައްސަލަ ބެއްލެވި ގާޒީ ވަނީ ނިންމަވާފައެވެ.
ޝަރީފް ކުރެއްވި ޓްވިޓުގައި ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓައިލުމަށް 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫންގެ އިސްތަށިފުޅުގައި އަޅުވަން ރައީސް ނަޝީދު ރޭއްވެވި ކަމަށާއި، އެ އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އޭރުގެ ޕާލިމަންޓްރީ ގްރޫޕުން ގަރާރެއް ފާސްކުރި ކަމަށެވެ. އަދި، ރާވާފައި އޮތީ އެކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަން ކަމަށްވެސް ޓްވީޓުގައިވެއެވެ.
ޝަރީފާއި ނަޝީދު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގައި ދެ ފެކްޝަނެއް އުފެދިފައިވާ އިރު، ޝަރީފް ތާއިދު ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ. ދެ ފެކްޝަން އުފެދެން މެދުވެރިވި މައިގަނޑު ސަބަބަކީ ނިޒާމު ބަދަލު ކުރުމުގެ ބަހުސް ކަމަށްވާއިރު، ޝަރީފް ވަނީ، ނަޝީދު ބޭނުންފުޅުވާ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.