18 May 2023, 09:37
މިސުރުގައި ބަނދެގެން ރާއްޖެ ގެނައުމުގެ މަގުމަތީގައި އެފުރިކާގެ އެރިޓްރިއާގައި ތާށިވި، އެފްއެސްއެމްގެ ދެ ބޯޓުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިސުރުން ރާއްޖެ އައުމުގެ މަގުމަތީގައި ވިއްސާރަވެ، ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގެ ހުންގާނު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން އަދި ބައެއް ފަޅުވެރިންގެ ހާލު ބޮޑުވުމުގެ ސަބަބުން އެފްއެސްއެމްގެ ދެ ބޯޓެއް ގަވާއިދާ ޚިލާފަށް އެރިތުރިއާއަށް ވަން ކަމަށް ބަލައި ހިފެހެއްޓީ ނިމިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖޭން ބޭރުގައި ގާއިމުކުރެވިފައިވާ ރާއްޖޭގެ އެމްބަސީތަކުން އެ ގައުމުތަކުގައި ހުރި އެރިޓްރިއާގެ އެމްބަސީތައް މެދުވެރިކޮށް އެރިޓްރިއާގެ ސަރުކާރާ ވާހަކަ ދައްކައިގެން އިތުރު މައުލޫމާތު ހޯދުމަށާއި އެބޯޓުތަކުގައި ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ދިވެހި ފަޅުވެރިންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ގޮތުން، ނިއު ޔޯކުގައި ހުންނަ އެރިޓްރިއާގެ ދާއިމީ މިޝަނާއި ރާއްޖޭގެ ދާއިމީ މިޝަނުން ދަނީ މިމައްސަލަ އަށް އަވަސް ހައްލެއް ހޯދޭތޯ ބަލަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ނިއު ދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ދަނީ އެރިޓްރިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބަސީ މެދުވެރިކޮށް އެރިޓްރިއާ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްތައް ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ކަމާ ގުޅިގެން އެރިޓްރިއާގައި ތިބި ދިވެހި ފަޅުވެރިންނަށް ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި މިނިސްޓްރީގެ އޮފިޝަލަކު ވަރަށް އަވަހަށް އެރިޓްރިއާއަށް ދަތުރެއްކުރައްވާނެ ކަމަށް ވެެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ދެ ބޯޓުގައި ތިބީ ހަތަރު ދިވެހީންނާއި މިސުރުގެ ހަތަރު ފަޅުވެރިއެކެވެ. އެ ދެ ބޯޓަކީ ރާއްޖޭގެ އެތެރޭގައި ދުއްވުމަށް ގެންނަ، 250،000 ލީޓަރުގެ ކެޕޭސިޓީގެ ދެ ބޯޓެވެ. މި ދެ ބޯޓު ހިފެހެއްޓި އެރިތުރިއާ އަކީ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ގައުމެކެވެ.