18 May 2023, 08:48
އަންނަ ސީޒަނަށް މެންޗެސްޓާ ސިޓީގެ ޖަރުމަން މިޑްފީލްޑަރު އިލްކާއީ ގުންޑޮގަން ހޯދުމަށް އާސެނަލުން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރި އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ދަނީ ސިޓީއަށް ކުޅޭ ކުޅުންތެރިންނަށް ހާއްސަ ޝައުގުވެރިކަމެއް ދެމުންނެވެ. އެގޮތުން މިސީޒަނުގައި އާސެނަލުން ވަނީ ސިޓީއަށް ކުޅެމުންދިޔަ ބްރެޒިލް ފޯވަޑް ގެބްރިއެލް ޖެސޫސް އާއި ޔޫކްރެއިން ޑިފެންޑަރު އޮލެކްސެންޑާ ޒިންޗެންކޯ ހޯދައިފައެވެ.
"ސްޕޯޓް ބިލްޑް" އިން ރިޕޯޓުކުރާ ގޮތުގައި 19 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް މަސައްކަތްކުރަމުންދާ އާސެނަލުން ސްކޮޑު ވަރުގަދަކުރުމަށް ގުންޑޮގަންގެ ސޮއި ހޯދުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ހޯދާފައިވާ ބާސެލޯނާ އިން ވެސް ވަނީ ގުންޑޮގަން ހޯދުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނެފައިވަނީ، އުމުރުން 32 އަހަރުގެ ގުންޑޮގަންއާއެކު އަދިވެސް މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ.
ގޮންޑޮގަންއަކީ ޖަރުމަންގެ ބުރޫޝިއާ ޑޯޓްމަންޑުން 2016 ވަނަ އަހަރުގެ ތެރޭގައި ސިޓީއާ ގުޅުނު ކުޅުންތެރިއެކެވެ. ސިޓީގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ގުންޑޮގަން ވަނީ އެޓީމަށް 185 އަށްވުރެ ގިނަ މެޗު ކުޅެ، 44 ގޯލު ކާމިޔާބުކޮށްދީފައެވެ.
މިސީޒަނުގައި ޕްރިމިއާ ލީގުގެ ބޮޑު ބައެއްގައި ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތް ނަމަވެސް، ނަތީޖާތައް ގޯސްވުމާ ގުޅިގެން އެޓީމަށް ވަނީ އެ މަގާމުގައި ހިފަހައްޓާލެވޭ ގޮތް ނުވެފައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީ އާއި އާސެނަލްއާ ދެމެދު މިހާރު ހަތަރު ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ސީޒަނުގައި ސިޓީން ކުޅެން އޮތް ތިން މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވިޔަސް، އެޓީމަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭނެއެވެ. އާސެނަލަށް ބާކީ އޮތީ ދެ މެޗެވެ.