އާސެނަލްގެ ބްރެޒިލް މިޑްފީލްޑަރު ގެބްރިއަލް މާޓިނެލީއަށް އިނގިރޭސި ޕްރިމިއާ ލީގުގައި އެޓީމު ކުޅޭ ފަހު މެޗު ގެއްލިއްޖެއެވެ.

މާޓިނެލީއަށް އަނިޔާވެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ބްރައިޓަންއާ ދެކޮޅަށް ކުޅެ، 3-0 ގެ ނަތީޖާއަކުން އާސެނަލް ބަލިވި ލީގު މެޗުގައެވެ. އެ މެޗުގައި އޭނާއަށް އަނިޔާވެފައިވަނީ ބްރައިޓަންގެ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯ ކުރި ޓަކުލްއަކާ ގުޅިގެންނެވެ.

އެ އަނިޔާއާ ގުޅިގެން މެޗުގެ ފުރަތަމަ 20 މިނެޓަށްފަހު، އިތުރަށް ކުޅުން ކުރިއަށް ނުގެންދެވިގެން މާޓިނެލީ ވަނީ ބަދަލުކޮށްފައެވެ. އެ އަނިޔާއާ ގުޅިގެން ސީޒަންގެ ބާކީ ބައިގައި އޭނާ ފެނިގެންނުދާނެ ކަމަށް "ދަ އެތުލެޓިކް" އިން ރިޕޯޓުކުރެއެވެ.

ނަވާރަ އަހަރަށްފަހު ޕްރިމިއާ ލީގުގެ ތައްޓަކަށް މަސައްކަތްކުރަމުންދާ އާސެނަލަށް ލީގު ޗެމްޕިއަންކަން ހޯދުމަށް ވަރަށް ހަނި ފުރުސަތެއް އޮތް އިރު، މިހާރު ވެސް ސީޒަނުގެ ބާކީ މެޗުތަކަށް އާސެނަލްގެ މުހިންމު ކުޅުންތެރިންތަކެއް ތިބީ އަނިޔާގައެވެ. އޭގެ ތެރޭގައި ވިލިއަމް ސަލީބާ އާއި އޮލެކްސެންޑާ ޒިންޗެންކޯ ހިމެނެއެވެ.

ޕްރިމިއާ ލީގުގައި އާސެނަލަށް ބާކީ ދެން އޮންނާނީ އެންމެ ދެ މެޗެވެ. އެއީ ރަށުން ބޭރުގައި އަންނަ ހޮނިހިރު ދުވަހު ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށް ކުޅޭ މެޗާއި މިމަހުގެ 28 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ވޮލްވްސްއާ ދެކޮޅަށް ކުޅޭ މެޗެކެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި އާސެނަލްއާ ދެމެދު މިހާރު ހަތަރު ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ސީޒަނުގައި ސިޓީން ކުޅެން އޮތް ތިން މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވިޔަސް، އެޓީމަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭނެއެވެ.