18 May 2023, 08:52
ދިރުވާލައިގެން ރާއްޖެއަށް ރަން އެތެރެކުރި މީހަކު 60,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި އިންޑިއާއަށް ނިސްބަތްވާ ޕަރަންމަލް ޕުތިޔާ ޕުރައިލްގެ މައްޗަށް ދައުލަތުން އުފުލީ ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ދައުވާއެވެ.
އިންޑިއާއިން ރާއްޖެ އައި އެ މީހާ ބަލައި ފާސްކުރީ އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ކަމަށް ދައުލަތުން ކުރި ދައުވާގައިވެއެވެ.
އެގޮތުން ލަގެޖް ބަލާ ފާސްކުރިއިރު, މީގެ ކުރިން އޭނާ އިންޑިއާއަށް ރަން އެތެރެ ކުރިކަމުގެ ތުހުމަތު ކުރެވުނު މައްސަލައެއްގައި އެ ގައުމުގެ ކަސްޓަމްސްއިން ދީފައިވާ ލިޔުމެއް ފެނިފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފައެވެ.
އޭނާގެ ހަށިގަނޑު ތެރޭގައި ކޮންމެވެސް އެއްޗެއް ފޮރުވާފައި ހުރިކަމަށް ޝައްކު ކުރެވިގެން އައިޖީއެމްއެޗަށް ގެންގޮސް ވަނީ ސްކޭން ކޮށްފައެވެ. އަދި ހަށިގަނޑު ތެރޭގައި 'ފޮރިން ބޮޑީސް' ހުރި ކަމަށް ޝައްކު ކުރެވިގެން އެޑްމިޓްކުރިއެވެ.
ބޮޑުކަމު ދިޔައިރު ބޭރުވި ދެ ބްލެޓްގެ ބަރުދަނުގައި 361 ގްރާމް ހުރިއިރު އޭނާ ވަނީ ދައުވާއަށް އެއްބަސްވެފައެވެ. އަދި ދައުލަތާ އެކު ވަނީ އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ.
އެ އެއްބަސްވުމާ އެއްގޮތަށް މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ވަނީ އިންޑިއާގެ އެ މީހާ 60,000 ރުފިޔާއިން ޖޫރިމަނާކޮށް އޭނާ އެތެރެކުރި ދެ ބްލެޓްގެ ރަން ދައުލަތަށް ނެގުމަށް ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް ހުކުމުގައި ބުނެފައެވެ.