ނެޕޮޓިޒަމް ނުވަތަ އާއިލީ ގުޅުންތައް ބޭނުންކޮށްގެން ފިލްމީ ދާއިރާއިން ކުރި ހޯދާ ވާހަކަ ފަހަކަަށް އައިސް ބޮލީވުޑްގައި ވަނީ ވަރަށް ބޮޑު ބަހުސަކަށް ވެފައެވެ. އެ ކަމާ ބެހޭ ގޮތުން ފިލްމީ ދާއިރާއަށް ނިސްބަތްވާ އަދި މިދާއިރާއިން ބޭރުގެ ގިނަ ބައެއްގެ މެދުގައި ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި އެކަކަކީ ތަޖުރިބާކާރު ބަތަލާ ދިވްޔާ ދައްތާ އެވެ.

ދިވްޔާ ބުނި ގޮތުގައި ކޮންމެ އިންޑަސްޓްރީއެއްގެ ތެރޭވެސް ނެޕޮޓިޒަމް އޮންނާނެއެވެ. ހާއްސަކޮށް ފިލްމީ ދާއިރާއަށް ނެޕޮޓިޒަމްގެ ދަށުން ތައާރަފްވެފައިވާ ސްޓާ ކިޑްސްއަށް ފިލްމީ ދާއިރާއަށް ނުކުންނަން ފަސޭހަވި ނަމަވެސް މިދާއިރާގައި ދެމިތިބުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ބުރަކަމަށް އޭނާ ބުންޏެވެ. އެއީ އެކުދިންނަށް ނޫނީ އެފަރާތްތަކަށް ފަސޭހަކަމެއް ނޫންކަމަށްވެސް ބަތަލާވަނީ ބުނެފައެވެ.

ފިލްމެއް ކާމިޔާބުވުމަށް ބޮޑު މާކެޓިންގް ސްޓެރެޓެޖީއެއް ބައެއްފަހަރު ބޭނުން ނުވާކަމަށް ބުނަމުން ބަތަލާ ދިވްޔާ ބުނީ ފިލްމެއް ކާމިޔާބުވުމުގެ ފަހަތުގައިވަނީ ބެލުންތެރިންކަމަށެވެ. ބައެއްފަހަރު ބޮޑު ޚަރަދުކޮށްގެން އުފައްދާ ފިލްމަކަށްވުރެ ކުޑަ ބަޖެޓަކުން އުފައްދާ ވަރަށް އާދައިގެ ފިލްމުތައްވެސް ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތައް ހޯދާފައި އެބަހުރިކަމަށް ދިވްޔާ ބުނެފައިވެއެވެ.

މީގެ ސަބަބުން ވަރަށް އާދައިގެ އެކްޓަރަކުވެސް މަޝްހޫރުވުމަށް މާގިނަ ވަގުތެއް ނުނަގާކަމަށް ބަތަލާ ބުނެފައިވެއެވެ. ޚުދު ދިވްޔާއަކީވެސް ފިލްމީ ދާއިރާއަށް ނުކުތްއިރު ވަރަށް ގިނަ ބައެއްގެ ތައުރީފު އޭނާގެ އެކްޓިންގްއަށް ލިބުނު ބަތަލާއެއްކަމަށާއި މިހާރު ބެލުންތެރިން އޭނާ ބަލައިގަނެފައިވަނީ ލޯތްބާއި އިހުތިރާމާއެކުކަމަށް ދިވްޔާ ދައްތާވަނީ ބުނެފައެވެ. އަދި މިއީ އެއްވެސް މީހެއްގެ އިހުތިޔާރުގައިވާ ކަންތައްތައް ނޫންކަމަށް ބައެއް ވެބް ސީރީސްތަކުންވެސް ފެނިފައިވާ ބަތަލާވަނީ ބުނެފައެވެ.

ފިލްމީ ދާއިރާއަށް ފަހަކަށް އައިސް ތައާރަފުވެފައިވާ ގިނަ ތަރިންގެ ތެރެއިން ފިލްމީ އާއިލާތަކާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅުން އޮންނަ މީހުންގެ ކުދިންނަކީ ނެޕޮޓިޒަމްގެ ތުހުމަތު ވަރަށް ގިނައިން ރައްދުވާ ފިލްމީ ތަރިންނެވެ.