18 May 2023, 08:54
ޕޯލްޓްރީ ދޫންޏާއި، ލައިވްސްޓޮކް އެތެރެކުރުމުގެ ހުއްދަ މީގެ ފަހުން ދޫކުރާނީ، އެފަދަ ތަކެތި ގެންގުޅެވޭނެ ފާމެއް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން ހާމަކޮށްފިއެވެ.
މިނިސްޓްރީން މި ނިންމުން ނިންމާފައި މިވަނީ މާލޭގެ ގެއެއްގައި ގިނިކާމާދޫނި "އޮސްޓްރިޗް"އެއް ގެންގުޅޭ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބިފައި ވަނިކޮށެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނެފައިވަނީ މިފަދަ ޖަނަވަރު ތަކަކީ އިންސާނުންނާއި ވަކިން ގޭގެއާއި ދުރުގައި ގެންގުޅޭ ބާވަތުގެ ޖަނަވާރުތައް ކަމަށެވެ.
މިމައްސަލައާ ގުޅިގެން މިނިސްޓްރީން ބުނީ، ޕޯލްޓްރީ ދޫނި އިމްޕޯޓް ކުރުމަށް މިނިސްޓްރީން ދޫކުރާ ހުއްދައިގެ ދަށުން ގިނިކާމާދޫނި ފަދަ ބޮޑެތި ދޫނި އެތެރެކޮށް ޕެޓްގެ ގޮތުގައި ވިއްކަމުންދާ ކަން ފަހަގަ ކުރެވިފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އެފަދަ ދޫނިތައް އެތެރެކުރުމުގެ ހުއްދަ ދެނީ މިތަކެތި މިނިސްޓްރީން ގަބޫލު ކުރާ މިންގަނޑަށް ފެތޭ ފާމެއްގައި ގެންގުޅުމަށް ކަމަށެވެ.
މިގޮތުން މިމިންގަނޑުތައް މައިގަނޑު ގޮތެއްގައި ބިނާވަނީ ޖަނަވާރު ގެންގުޅުމުގައި ބައިނަލްއަގުވާމީ ގޮތުން ޢަމަލު ކުރާ އެނިމަލް ވެލްފެއާ އަދި ބަޔޯ ސެކިއުރީޓީ މިންގަނޑުތަކުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުނެއެވެ.
މިހެންވެގެން މިނިސްޓްރީން ވަނީ މީގެ ފަހުން މިފަދަ ލައިވްސްޓޮކް އާއި ޕޯލްޓްރީ ދޫނި ރާއްޖެއަށް އެތެރެ ކުރެވޭނީ އެފަދަ ތަކެތި ގެންގުޅޭ ފާމެއް މިނިސްޓްރީގައި ރެޖިސްޓަރކޮށްގެން ކަމަށް ބުނެފައެވެ.
އަދި ރާއްޖޭގައި ޒިރާޢީ ބޭނުންތަކަށް ދިރޭ ޖަނަވާރު ގެންގުޅުމުގެ ސިނާއަތް ކުރިއެރުވުމުގެ މަގުސަދުގައި އެފަދަ ޖަނަވާރު އެތެރެކުރުމަށް މިނިސްޓްރީން ހުއްދަ ދޭއިރު މިތަަކެތި ގެންގުޅުމާއި ބެލެހެއްޓުމުގައި އެތެރެކުރާ ފަރާތްތަކާއި އެތަކެތި ގެންގުޅޭ ފަރާތްތަކުން ޒިންމާދާރު ވާންޖެހޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.