17 May 2023, 23:39
އާބަންކޯއިން ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ކޮންޓެއިނާ ޕާކުގައި ކެފޭ ހިންގާނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ.
ކޮންޓެއިނާ ޕާކު ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ތަނުގެ ގްރައުންޑް ފްލޯގައި ކެފޭ އަދި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށެވެ. އެ ތަންތަން ހިންގުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އާބަންކޯއަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، މި މަހުގެ 28ވަނަ ދުވަހު ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަނޑި ހަމަވާނެއެވެ.
އާބަންކޯއިން ބުނީ މި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ދޫކުރަން ހަމަޖެހިފައި ވަނީ 1188 އަކަފޫޓުގެ ކޮންޓެއިނާއެއް ކަމަށާއި، ކެފޭ ހިންގުމަށް ދޫކުރަން ނިންމާފައި ވަނީ 1165 އަކަފޫޓުގެ ކޮންޓެއިނާއެއް ކަމަށެވެ. އެ ދެތަން ވެސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

ހުޅުމާލޭގައި އާބަންކޯއިން ތަރައްގީ ކުރާ ކޮންޓެއިނާ ޕާކު ފޮޓޯ: އާބަންކޯ
އެގޮތުން ފުރަތަމަ އަހަރު އެ ދެ ތަނުގެ ކުލީގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކޮންމެ އަކަފޫޓަކަށް 15 ރުފިޔާގެ ރޭޓުންނެވެ. ބާކީ ހަތަރު އަހަރު ހަމަޖައްސާފައިވަނީ އަކަފޫޓަކަށް 25 ރުފިޔާގެ ރޭޓުންނެވެ.
ކެފޭ އާއި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000 ރުފިޔާ ދައްކަން ޖެހެއެވެ. ޕްރޮޕޯސަލް އޯޕަނިން އޮންނާނީ މި މަހުގެ 28ވަނަ ދުވަހު މެންދުރު 13:00ން 14:00 އަށް އާބަންކޯގެ އެގްޒިބިޝަން ސެންޓަރުގައެވެ.
ރެޑްވޭވް މެގަމޯލް ފަހަތުގައި ހަދާފައިވާ ކޮންޓެއިނާ ޕާކުގައި ޖުމްލަ ފަސް ތަނެއް ހިންގުމަށް އާބަންކޯއިން ވަނީ ނިންމާފައެވެ. އެއީ މިހާރު ދޫކުރުމަށް ހުޅުވާލާފައިވާ ކެފޭ އަދި ފާސްޓް ފުޑް އައުޓްލެޓްގެ އިތުރަށް ދެ ކޯ ވޯކިން ސްޕޭސްއާއި ކޮލެބޮރޭޓިވް ރޫމެކެވެ.