18 May 2023, 08:28
މިމަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ދަ ކެރެލާ ސްޓޯރީ"އަށް ފާޑުކިޔުންތައް އަމާޒުވިނަމަވެސް ބޮކްސް އޮފީހުގައި ފިލްމު ކުރި ހޯދައިފިއެވެ.
ސަންޝައިން ޕިކްޗާސްއިން ގެނެސްދިން މިފިލްމަކީ، ޑައިރެކްޓަރު ސުދިޕްތޯ ސެންގެ ފިލްމެކެވެ. އިންޑިއާގެ ކެރެލާގައި އައިއެސްއިން ހިންގަމުންދިޔަ ޓެރަރިޒަމްގެ ޖަރީމާއެއްގެ މައްޗަށް ބިނާކޮށްގެން އުފެއްދި މިފިލްމަށް ވިޔަފާރީގެގޮތުން ބޮޑު ކާމިޔާބީއެއް ލިބި، ފިލްމުވަނީ ސަތޭކަ ކްރޯޑް ރުޕީސް (އެއް ބިލިއަން ރުޕީސް) ހޯދި ފިލްމުތަކުގެ ލިސްޓުން ޖާގަ ހޯދާފައެވެ.
ބަތަލާ އަދާ ޝަރްމާ ލީޑް ރޯލް ކުޅެފައިވާ މިފިލްމުގައި ދައްކުވައިދެނީ ކެރެލާއަށް ނިސްބަތްވާ 32،000 އަންހެނުން އިސްލާމްދީން ޤަބޫލުކުރުމަށް މަޖުބޫރުކުރުމަށްފަހު ސީރިއާއަށް ޖިހާދަށް ގެންދަން އައިއެސްއިން ކުރާ މަސައްކަތެވެ. ފިލްމުގެ ޓްރެއިލާއިން މިއަދަދު ދެއްކިނަމަވެސް ފަހުން ފިލްމުގައިވަނީ މިއަދަދު ތިންހާހަށް ބަދަލުކޮށްފައެވެ.
މިފިލްމު ރިލީޒްކުރުމާއެކު އިންޑިއާގެ ވަރަށް ގިނަ ހިސާބުތަކުގައިވަނީ މިފިލްމު ބޮއިކޮޓްކޮށްފައެވެ. އޭގެތެރޭގައި އިންޑިއާގެ ތެމިލް ނާޑޫ އަދި ކެރެލާ ވެސް ހިމެނެއެވެ. ތެމިލް ނާޑޫއާއި ކެރެލާ ސަރަޙައްދުތަކުގައި ފިލްމު ތިއޭޓަރުތައްވެސްވަނީ ފިލްމު ރިލީޒްކުރި ދުވަސްވަރާ ދިމާކޮށް ބަންދުކޮށްފައެވެ.
މިއީ މުސްލިމުންނާ ދެކޮޅަށް ވަކި ބަޔަކު ރާވައިގެން ހިންގާ ޕްރޮޕަގެންޑާއެއްކަމަށްވެސް ސޯޝަލް މީޑިއާގައި ގިނަބަޔަކުވަނީ ބުނެފައެވެ. އަދި ތެމިލް ނާޑޫގެ ޒުވާނުންގެ ފަރާތުން ފިލްމު ބޮއިކޮޓްކުރުމަށް ގޮވާލަމުން ބުނެފައިވަނީ މިއީ އިންޑިއާގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުންނާ މުސްލިމުންނާ ދެމެދު ފިތުނަ ފަސާދަ އުފެއްދުމުގެ ބޭނުމުގައި އުފެއްދި ފިލްމެއްކަމަށެވެ.
ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިއުންތަކާއެކު މަސްހުނި ރިވިއުތަކެއް މިފިލްމަށް ލިބިފައިވާއިރު ފިލްމުވެފައިވަނީ މިއަހަރު މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ފަސްވަނައަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަށެވެ.
މިއަހަރުގެ މާރިޗް މަހު ރިލީޒްވި ލަވް ރަންޖަންގެ ފިލްމު "ތޫ ޖޫތީ މޭ މައްކާރު" ފަހަތަށް ޖައްސާލުމަށް ފަހު މިފިލްމަށް ލިބުނު އާމްދަނީގެ އަދަދު 192.3 ކްރޯޑް ރުޕީސްއަށް އަރައެވެ. މިފިލްމު އުފެއްދުމަށް ހޭދަވެފައިވަނީ 15އާއި 20 ކްރޯޑް ރުޕީސްއާ ދެމެދުގެ އަދަދެކެވެ.
ކުރިޔަށްއޮތް ތަނުގައި ފިލްމު ބަލާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާއިރު ޑިޖިޓަލް ޕްލެޓްފޯމްއަކަށް ފިލްމު ދޫކޮށްލުމުން މިއަދަދު އަދި މިއަށްވުރެ މަތިވާނެކަމަށް ޓްރޭޑް އެނަލިސްޓުންވަނީ ބުނެފައެވެ.