ރާއްޖެއާއި މޮރީޝަސްއާ ފުށުއަރާފައިވާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއަށް ބައެއް ގެއްލުނު ކަމަށް ވިދާޅުވެ، އެ ބައި ހޯދުމުގެ މަސައްކަތް ފެށުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހަޅުއްވާފައިވަނީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

މި ގަރާރުގެ ބުނެފައިވަނީ ދިވެހިންނަކީ ޒަމާނުއްސުރެ ކަނޑުމަހުގެ މަސްވެރިކަމުން ކެއިންބުއިމާއި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދައިގެން ދިރިއުޅެމުން އައި ބަޔަކަށް ވެފައި ދިވެހި މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ވަރުގަދަ އެއް ލޭނާރު ކަމަށެވެ.

އަދި، މަސްވެރި އާއިލާތަކުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އޮޑިދޯނި ފަހަރާއި އާލާތްތަކާއި ވަސީލަތްތައް ތަރައްގީކޮށް އަދި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 200 ނޯޓިކަލް މޭލު ބޭރަށް ނުކުމެވޭ ފެންވަރުގެ ބޮޑެތި އޮޑިދޯނި ފަހަރު އުފައްދާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މި ގަރާރާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާދަމް ޝަރީފް "ސަން"އަށް ވިދާޅުވީ، ގެއްލިގެން ދިޔައީ ދިވެހިންނަށް ގެއްލިގެން ނުވާނެ އެއްޗެއް ކަމަށާއި އެ ކަމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ރައްޔިތުންގެ ކިބައިން މާފަށް އެދި ގެއްލުނު ބައި ހޯއްދަވައި ދެއްވުމުގެ މަސައްކަތް ފައްޓަވަން ޖެހޭ ކަމަށެވެ.

އިޓްލޮސްގެ ނިންމުން ދިވެހި ރައްޔިތުން ބަލައިނުގަންނާތީވެ އެ ނިންމުން މުރާޖައާ ކުރުމަށް ދިވެހި ސަރުކާރުން އިޓްލޮސްއަށް އަވަހަށް ހުށަހެޅުމަށާއި ރާއްޖޭގެ މަސްކަނޑުން ގެއްލުނު ސަރަހައްދު ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ވަގުތުން ފެށުމަށާއި އެ މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ދެމެހެއްޓުމަށް ސަރުކާރަށް ގޮވާލާ،އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރު

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ލިބެންވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ.