ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔަ މީހެއްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ތިން މުވައްޒަފަކަށް ޓީބީ ޖެހި އެކަމުގެ ޝަކުވާތައް ބައެއް ފަރާތްތަކުން ކުރަން ފަށައިފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އޮންލައިނަށް މައުލޫމާތު ދިން އެ ކޯޓުގެ މުވައްޒަފަކު ބުނީ ޓީބީ ޖެހުނު ތިން މުވައްޒަފުންގެ ތެރެއިން ފުރަތަމަ ޓީބީ ޖެހުނީ އެކޯޓުގެ އިސް މަގާމެއްގައި ހުންނެވި ފިރިހެން ބޭފުޅަކަށް ކަމަށެވެ. އޭނާއަށް ޓީބީ ޖެހުނީ އެ ކޯޓަށް މުއްދަތު ޖަހަން ގެންދިޔަ މީހެއްގެ ފަރާތުން ކަމަށައި އޭނާގެ ގައިން ކޯޓްގެ އިތުރު ދެ މުވައްޒަފަކަށް ޓީބީ ޖެހިފައިވާ ކަމަށެވެ.

"ކޯޓަށް މުއްދަތު ޖަހަން ގެންދިޔަ މީހެއްގެ ފަރާތުން މިބަލި ކޯޓުގެ މުވައްޒަފުންގެ ގަޔަށް އެރީ. ފުރަތަމަ ޓީބީ ޖެހުނީ މުއްދަތައް ގެންނަ މީހުންނާ މުއާމަލާތްކޮށް އުޅުއްވާ މި ކޯޓުގެ އިސް މުވައްޒަފަކަށް. އޭނާގެ ފަރާތުން އިތުރު ދެ މުވައްޒަފަކަށް ވަނީ ޓީބީ ޖެހިފަ،" އެ މުވައްޒަފު ބުންޏެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޓީބީ ޖެހިގެން ކްރިމިނަލް ކޯޓު ދެ މުވައްޒަފަކު ގޭގައި މަޑުމަޑު ކުރަން ވެސް ވަނީ އަންގާފަ އެވެ. އެއީ އަންހެނެކާއި ފިރިހނެކެވެ. އަދި ޓީބީ ޖެހުނު މީހުންގެ ތެރެއިން ފުރަތަމަ ޖެހުނު ބޭފުޅާ އާއި ދެވަނަ އަށް އެބަލި ޖެހުނު މީހާ މިހާރު ރަނގަޅުވެފައިވާތީ އަލުން އޮފީހަށް ނުކުތުމުގެ ހުއްދަ ކޯޓުން ވަނީ ދީފަ އެވެ.

ކޯޓުން ވާހަކަދެއްކި އެހެން މުވައްޒަފު ބުނީ ފުރަތަމަ ޓީބީ ޖެހުނު އެ ކޯޓުގެ މުވައްޒަފު ޓީބީ ޖެހުނުތާ ދެ ހަފްތާ ފަހުން ރާއްޖެއިން ބޭރުން ފަރުވާ ވެސް ހޯދާފައިވާ ކަމަށެވެ. އޭނާ އަދި ބުނީ މިދިޔަ ހަފްތާގެ ނިޔަލަށް އެ ކޯޓުގެ 50 މުވައްޒަފުން އައިޖީއެމްއެޗުން ޓެސްޓް ހެދިއިރު އޭގެތެރެއިން 18 މީހުން ނުރައްކާތެރި ހާލަތުގައި ތިބި ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.

"މިދިޔަ ހަފްތާގެ ނިޔަލަށް 50 މުވައްޒަފަކު ވަނީ އައިޖީއެމްއެޗުން ޓެސްޓް ހަދާފަ. އޭގެ ތެރެއިން 18 މީހަކު ތިބީ ނުރައްކާތެރި ހާލަތުގައި. ޑޮކްޓަރު ވިދާޅުވެފައި ވަނީ އެ މީހުންނަށް ޓީބީ ޖެހިފައިވާކަން ވެސް އަދި ނުޖެހޭކަން ވެސް ޓެސްޓްތަކުން އެނގެން ނެތް ކަމަށް. އެމީހުންނާ ދޭތެރޭ ވަކިއެއްޗެއް ބުނަން އަދި ނޭނގޭ ކަމަށް ޑޮކްޓަރު ވަނީ ބުނެފައި،" ކޯޓުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ކްރިމިނަލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގަކީ ތަފާތު އެކި ކުށްކުށުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޮންމެ ދުވަހަކު ވެސް ގެންދާ ތަނަކަށް ވާއިރު އެތަނީ ގިނައަދަދެއްގެ އާންމުންނާއި ގާނޫނީ ވަކީލުން ވެސް ވަދެ ނުކުމެ އުޅޭ، އިތުރު ކޯޓްތައް ވެސް ހުންނަ އެކުވެންޏެކެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ޓީބީގެ މައްސަލައިގައި ދައުލަތުގެ ބައެއް ވަކީލުން ވަނީ ކޯޓަށާއި ޕީޖީ އޮފީހުގައި ޝަކުވާވެސް ކޮށްފަ އެވެ. އަދި ޝަރީއަތް އަޑު އެހުމަށްޓަކައި ނޫސްވެރިން ކޯޓަށް ދާއިރު ކޯޓްގެ ބައެއް މުވައްޒަފުން ފަހަކަށް އައިސް މާސްކް އަޅައިގެން އުޅޭތީ ވެސް ފެނެ އެވެ.

ކްރިމިނަލް ކޯޓްގެ މުވައްޒަފުންތަކަކަށް ޓީބީ ޖެހުނު މައްސަލައިގައި އެކޯޓްގެ ބަހެއް ހޯދަން އިއްޔެ އާއި މިއަދު ވެސް ސަން އިން ވަނީ ސުވާލުކޮށްފަ އެވެ. ފުރަތަމަ ކޯޓް ބުނެފައި ވަނީ "މައުލޫމާތު ދޭނެ" ކަމަށެވެ. މިއަދު ބުނެފައި ވަނީ "އަދި އިހަށް މަޑުކޮށްލާށޭ" އެވެ.

ސެންޓަފޯ ޑިސީޒް ކޮންޓްރޯލް ޔުނިޓްގެ ޑިރެކްޓާ މުހައްމަދު ރަމީޒު ވިދާޅުވި ގޮތުގައި ޓީބީގެ ދެވައްތަރެއް އުޅޭއިރު އޭގެތެރޭގައި ކުޅުން ޖަރާސީމު ފެންނަވައްތަރާއި ނުފެންނަ ވައްތަރު ހިމެނެ އެވެ. އޭގެތެރެއިން ނުރައްކާތެރީ ކުޅުގެ ޖަރާސީމު އަންނަ ވައްތަރެވެ.

ރަމީޒު ވިދާޅުވީ ޓީބީ ޖެހިފައިވާ މީހުން އުޅެންޖެހޭނީ މާސްކުއަޅައިގެން ކަމަށާއި އެފަދަ މީހުންނާ ގައިގޯޅިވެ އުޅޭ މީހުން ވެސް ތިބެންޖެހޭނީ މާސްކު އަޅައިގެން ކަމަށެވެ.