17 May 2023, 22:27
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ދިފާއު ކުރުމަށް މުޅި އެމްޑީޕީ ފުނޑާލައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ 12 މެންބަރުން އެމްޑީޕީން ވަކިވުމަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، ރައީސް ޞާލިޙު ދިފާއުކުރުމަށް މަސައްކަތް ކުރަމުން ގޮސް، ޕާޓީއާ އެކު ޕާޓީ ގެ އަސާސްތައް ވެސް ފުނޑާލައިފި ކަމަށެވެ.
އަދި، އެމްޑީޕީން ވަކިވެގެން އެ ދިޔައީ އެ ޕާޓީ އަކީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ގައުމުގެ މުސްތަގުބަލް ބައްޓަން ކުރުމުގައި މުހިއްމު މުއައްސަސާއެއް ކަމަށް ދެކި އެތައް މަސައްކަތްތަކެއް ކޮށްދެއްވި މެންބަރުން ތަކެއް ކަމަށާއި، އެމްޑީޕީގެ މެމްބަރުން އެ ޕާޓީއާ އެކު މި ހުރިހާ ދުވަހު ތިއްބެވީ އެ ޕާޓީގެ އަސާސްތަކެއް ގަބޫލު ކޮށްގެން ކަމަށެވެ.
ނަމަވެސް މިއަދުގެ އެމްޑީޕީ އަކީ އެ އަސާސްތަކުގެ މައްޗަށް ބިނާވެފައި އޮތް ޕާޓީއެއް ނޫން ކަމަށް އީވާ ވިދާޅުވިއެވެ.
މިއަދުގެ އެމްޑީޕީ އަކީ ވައްކަމުގެ ހާއްޔަކަށް ހަދައިފި. އެމްޑީޕީ، އަޅުގަނޑުމެން ގަބޫލުކުރި އަސާސްތަކާ ދުރަށް ދިޔަ ކަމަކު އެ އަސާސްތަކާ އަޅުގަނޑުމެން ދުރަށް ދާކަށް ބޭނުމެއް ނޫން،މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
މީގެ އިތުރުން، އީވާ ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ވަޒީފާ އާއި މަގާމު ދިފާއުކުރަން ބޭނުންވެފައި ތިބި މަދު ބަޔަކު ޕާޓީ ހިސޯރުކޮށްގެން ތިބި ނަމަވެސް، އެމްޑީޕީގެ ގިނަ މެމްބަރުންނަކީ އަސާސްތަކުގައި ހިފަހައްޓައިގެން ތިބެން ބޭނުންވާ މެންބަރުން ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، ނަޝީދާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތައް ބޮޑުވެ، ޕާޓީ ދެބައިވެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ޕާޓީން ވަކިވެފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި "ފިކުރެއްގެ ދިރުން" އިން ވާދަކުރާނެ ކެންޑިޑޭޓަކު ނެރޭނެކަން މިއަދު ވަނީ އިއުލާން ކޮށްފައެވެ.
ނަމަވެސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ. އާ ޕާޓީ އުފެއްދުމާއެކު 12 މަޖިލީސް މެންބަރުނާ އެކު އިދިކޮޅު އެންމެ ބޮޑު ޕާޓީއަކަށް ވާނީ އެ ޕާޓީއެވެ. މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީގައި ތިއްބަވަނީ އަށް މެންބަރުންނެވެ.