17 May 2023, 21:25
ތައުލީމީ ރޮނގުން ކުރިއަށް ދިއުމަށް ފަހިވެފައިވާ ފުރުސަތުތަކުގެ ބޭނުން ވީ އެންމެ ފުރިހަމައަށް ހިފުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.
މަތީ އަރުތަވެރިންނަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ، ދިވެހި ގައުމަށާއި ދަރިވަރުންގެ އާއިލާތައް ވެސް ފަޚުރުވެރިވާ ފަދަ އިލްމީ އަދި ހެޔޮލަފާ ކުދިންތަކަކަށް ވުމަށް އިލްތިމާސް ކުރައްވައިފައެވެ.
ތައުލީމީ ރޮނގުން ދަރިވަރުން ހޯދާ ނަތީޖާއިން ސަރުކާރުން ކުރާ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ ކަމަށާއި، ރާއްޖޭގެ ކޮންމެ ދަރިއަކަށް، ރަނގަޅު ތައުލީމު ދީ ރިވެތި އަޚްލާގުގެ މަތީގައި ތަރުބިއްޔަތުކުރަން، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ތަޢުލީމު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ގައުމީ ތަރައްގީއަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނުގެ ވާހަކަފުޅުގައި ރައީސް ވަނީ ތަރައްގީއަކީ ގައުމުގެ ފަރުދުންގެ އަމިއްލަ ޒާތަށް އަންނަ ޢިލްމީ ހޭލުންތެރިކަމާއި ތަހުޒީބީ ކުރިއެރުމުގެ ޒަރީއާއިން ގައުމަށް ގެނެވޭ ބަދަލުތަކެއްކަން ފާހަގަ ކުރައްވާފައެވެ.
މި ވަގުތު ގައުމު އޮތް ހާލަތަށް ވިސްނައި، މާދަމާ ގައުމު އޮންނަން ބޭނުންވާ ގޮތް، ސިކުނޑިއަށް ތަސައްވަރުކޮށްދެނީ، އެ މީހެއްގެ ކިބައިގައި ހުންނަ ޢިލްމީ ގާބިލު ކަމަކުން. ތިޔައިން ކޮންމެ ދަރިވަރަކު މަސައްކަތް ކުރަންވީ، މި ދެންނެވި ޢިލްމީ ގާބިލުކަން ހޯދަން،ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލުސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް
މީގެ އިތުރުން ރައީސް ވިދާޅުވީ، ތަރައްގީގެ މަންޒިލަށް ގައުމު ގެންގޮސްދޭނެ ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރެވޭނީ، ޒަމާނީ ތަޢުލީމާއި ތަރުބަވީ އަޚްލާގުގެ މާހައުލަކަށް ސްކޫލްތައް ހަދައިގެން ކަމަށެވެ.
އެފަދަ މާހައުލެއް ގާއިމުވާނީ އެ ތަނެއް ހިންގަން ތިބޭ ވެރިންނާއި ދަރިވަރުންނަށް ކިޔަވައިދީ ތަރުބިއްޔަތުކުރަން ތިބޭ ޓީޗަރުންގެ ކިބައިގައި ގާބިލުކަން ހުރެގެން ކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ ސަރުކާރުން ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.
އެގޮތުން، ސަރުކާރުން ސްކޫލްތަކުގެ ޓީޗަރުންނާއި ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި، ސްކޫލްތަކުގައި މަސައްކަތް ކުރާނެ ހެލްތު އޮފިސަރުންނާއި، ކައުންސެލަރުން ހަމަކުރުމުގެ މަސައްކަތްތައް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ވަސީލަތްތައް ފުރިހަމަކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގިއްޖެ. އެތައް ރަށެއްގައި އިތުރު ކްލާސްރޫމްތަކާއި، މަލްޓިޕާޕަސް ހޯލްތައް ޢިމާރާތް ކުރެވިއްޖެ. ކޮމްޕިއުޓަ ލެބްތަކާއި، ސައެންސް ލެބްތައްވެސް ޤާއިމު ކުރެވިއްޖެ. އަދި މިހާރުވެސް މިފަދަ އެތައް މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް އެބަދޭ،ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް
މީގެ އިތުރުން، ރައީސް ވަނީ ސްކޫލްތަކުގެ ކިޔެވުން ހަރުދަނާކުރުމަށް ރާއްޖޭގެ ސްކޫލްތަކުގެ ރިވިއު އެނަލިސިސްއެއް ހަދާފައިވާ ކަމަށާއި، އެ ސްކޫލްތަކުގެ ތެރެއިން މި ވަގުތަށް އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވާ ސްކޫލްތަކުގެ ޙާލަތު ރަނގަޅު ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިހާރު އެކި ޕްރޮގްރާމްތައް ހިންގަމުން އަންނަކަން ފާހަގަކުރައްވައިފައެވެ.
އަދި، ހިންގުމުގެ ދާއިރާއިންނާއި، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް، އިތުރު އެހީތެރިކަން ބޭނުންވާ ސްކޫލުތަކުގެ މުވައްޒަފުންނަށް، ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ އެހީގައި މަޢުލޫމާތު ފޯރުކޮށްދީ ތާޒާ ކުރުމުގެ މަސައްކަތްތަކެއް މިހާރު ވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.