17 May 2023, 19:00
އިންޑިއާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް 2023 ގައި ބަންގުލަދޭޝް އާއި ބޫޓާން އަދި ލުބުނާންއާ އެއް ގްރޫޕެއްގައި ރާއްޖެ ހިމެނިއްޖެއެވެ.
އަންނަ މަހުގެ 21 އިން ޖުލައި 4 ގެ ނިޔަލަށް އިންޑިއާގައި ކުރިއަށްގެންދާ ސާފް ޗެމްޕިއަންޝިޕްގައި އަށް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރެއިން ލުބުނާނާއި ކުވެއިތަކީ ދައުވަތުދީގެން ބައިވެރިވި ސަރަހައްދުން ބޭރު ދެ ޓީމެވެ. މިއަދު ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި އެ އަށް ޓީމު ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ.
އެންމެ ވަރުގަދަ ގްރޫޕެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު އޭ" އެވެ. އެ ގްރޫޕުގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި އެންމެ ފަހުގެ ރަނަރަޕް ނޭޕާލްގެ އިތުރުން ޕާކިސްތާނާއި ކުވެއިތެވެ. މުބާރާތް ފެށިގެންދާނީ ވެސް އެ ގްރޫޕުގެ މެޗުތަކުންނެވެ. އަންނަ މަހުގެ 21 ގައި ކުޅޭ އެ ގްރޫޕުގެ ފުރަތަމަ މެޗުގައި ކުވެއިތާއި ނޭޕާލް ބައްދަލުކުރާ އިރު، އެ ދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއި ޕާކިސްތާނެވެ.
އެ މުބާރާތުގެ "ގްރޫޕު ބީ" ގައި ހިމެނެނީ ރާއްޖެއާއެކު ބަންގުލަދޭޝް އާއި ބޫޓާން އަދި ލުބުނާނެވެ. އެ ގްރޫޕުގެ ފުރަތަމަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހުއެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ލުބުނާނާއި ބަންގުލަދޭޝް ބައްދަލުކުރާ އިރު، އެ ގްރޫޕުގެ ދެވަނަ މެޗުގައި ރާއްޖެއިން ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.
ރާއްޖެ އިން ވަނީ ދެ ފަހަރަކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެއީ ސްރީލަންކާ އަދި ރާއްޖޭގައި ކުޅުނު 2008 ގެ ސާފް ޗެމްޕިއަންޝިޕާއި 2018 ގައި ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އޭގެ އިތުރުން ރާއްޖެއިން ވަނީ ތިން ފަހަރަކު ރަނަރަޕް މަގާމު ހޯދައިފައެވެ. އެއީ ނޭޕާލުގައި ބޭއްވި 1997 ގެ ސާފާއި ބަންގުލަދޭޝްގައި ބޭއްވި 2003 އަދި 2009 ގެ ސާފް ޗެމްޕިއަންޝިޕްގައެވެ.
ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމަކީ އިންޑިއާއެވެ. މިހާތަނަށް ބޭއްވި 13 ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން އިންޑިއާ އިން ވަނީ އަށް މުބާރާތް ކާމިޔާބުކޮށްފައެވެ. ނަމަވެސް އެޓީމަށް ތަށި މިލްކުކުރެވިފައެއް ނުވެއެވެ.
އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ 2021 ވަނަ އަހަރުއެވެ. ރާއްޖޭގައި ބޭއްވި އެ މުބާރާތުގެ ފައިނަލުގައި އިންޑިއާ އިން ނޭޕާލް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ފަސް ޓީމު ބައިވެރިވެފައިވުމުން އެ މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ލީގު ބުރެއް ކުޅެ، އެންމެ ކުރީގައި އޮންނަ ދެ ޓީމެއް ފައިނަލުގައި ވާދަކުރާ ގޮތަށެވެ. ރާއްޖެއަށް ލީގު ބުރުން ލިބިފައިވަނީ ތިންވަނައެވެ. ރާއްޖެ ކުޅުނު މެޗުތަކުގެ ތެރެއިން އިންޑިއާ އާއި ނޭޕާލް އަތުން ބަލިވި އިރު، ބަންގުލަދޭޝް އާއި ސްރީލަންކާ އަތުން ރާއްޖެ ވަނީ މޮޅުވެފައެވެ.