އެއްވެސް ލަސް ކުރުމަކާ ނުލައި ކައުންސިލްތަކަށް ލިބެންޖެހޭ އިހުތިސޯސް ކައުންސިލްތަކަށް ލިބޭނެ ގޮތެއްގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަރުކާރާރަށް ގޮވާލައިފި އެވެ.

އެލްޖީއޭއިން އާންމު ކުރި ދެ ނުކުތާގެ ބަޔާނެއްގައި ބުނަނީ ގައުމީ އިދާރާތަކުގެ ނަމުގައި އުފައްދާފައިވާ އޮފީސްތައް އުވާލުމަށް ސަރުކާރުން ނިންމި ނިންމުމަށް އެ އޮތޯރިޓީން މަރުހަބާ ކިޔާ ކަމަށާއި އެ ނިންމުމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ރޫހާ އެއް ގޮތަށް ނިޒާމް ބައްޓަން ކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

"... ގާނޫނުގެ ރޫހާ އެއް ގޮތަށް ރައްޔިތުން ބާރުވެރި ކުރުވާ ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭނެ ހަރުދަނާ ނިޒާމަކަށް ލޯކަލް ގަވަރުމަންޓްގެ ނިޒާމް ހެދުމަށްޓަކައި މަސައްކަތަށް ލިބިގެންދިޔަ ކުރި އެރުމެއް ކަމަށް ވެސް އެލްޖީއޭ އިން ދެކެމެވެ،" ބަޔާނުގައި ވެއެވެ.

ބަޔާން ބުނަނީ ކައުންސިލްތަކުގެ ހިދުމަތް އެދެވޭ ގޮތުގައި ދެވޭނީ ކައުންސިލްތަކުގެ އިހުތިސޯސް، ލާމަރުކަޒީ ގާނޫނުގެ 139 ވަނަ މާއްދާގެ ރޫހާ އެއް ގޮތަށް ސަރުކާރުން ކައުންސިލްތަކަށް ދީގެން ކަމަށެވެ.