ވޭތުވެދިޔަ ދެ ދުވަހު ސޯޝަލް މީޑިއާގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދީ މާލޭ ގެއެއްގައި ފިރިހެނަކު ބޮޑު އޮސްޓްރިޗެއް ހިފައިގެން ހުރި ފޮޓޮއެކެވެ. މި ފޮޓޯ ވައިގައި ހިފީ އޮސްޓްރިޗަކީ ރާއްޖޭގައި އުޅޭ ދޫންޏަކަށް ނުވުމުންނެވެ.

ފޮޓޯއާ ގުޅިގެން ސޯޝަލް މީޑިއާ ފުރާލީ އެތައް ބައެއްގެ ސުވާލުންނެވެ. ގިނަ ބަޔަކު ސުވާލު އުފެއްދީ މިއީ ކިހިނެތް ރާއްޖެ ގެނައި ދޫންޏެއްތޯއެވެ. އަދި, އަނެއް ބަޔަކު ސުވާލު އުފެއްދީ މިި ދޫނީ މިހާ ބޮޑު ވަންދެން އޭނާ ގެންގުޅުނީ ކޮންތާކު ތޯއެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން މި ދޫނި ގެންގުޅޭ މީހާ ބުނީ، އެއީ ފިޝަރީސް މިނިސްޓްރީން ހުއްދަ ނަގައިގެން މިދިޔަ އަހަރު އެތެރެކުރި ދޫނިތަކެއް ކަމަށެވެ.

"މީގެ ނުވަ މަސް ކުރިން ގެނައީ،" އޭނާ ބުންޏެވެ.

އެ ހުއްދައިގެ ދަށުން އޭނާ 24 ދޫނި ރާއްޖެ ގެނައެވެ. އޭގެ ތެރެއިން ބައެއް ދޫނި މަރުވެފައިވާއިރު އަނެއް ބައި ދޫނި ވިއްކާލީއެވެ. ނަމަވެސް ވިއްކާލި ދޫނިތައް މިހާރު ރާއްޖޭގައި ގެންގުޅޭ ކަމެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. މިއަދާ ހަމައަށް ގެންގުޅެވުނީ އެންމެ ދޫންޏެކެވެ.

އެ ދޫނި އޭނާ ގެންގުޅުނީ ފޮޓޯއިން ވެސް ފެންނަ ގޮތަށް އޭނާ ދިރިއުޅޭ ގޭގައެވެ. ނަމަވެސް ދޫނި ގޭގައި ގެންގުޅެވޭ ވަރަށް ވުރެ ބޮޑުވުމުން، މިހާރު ހުޅުމާލެއަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެއީ ހުޅުމާލެ ގެންދަން އުޅުންއިރު ނަގާފައި އިން ފޮޓޮއެއް. އެ ނޫނީ ނުނެރެން ބޭރަކަށް،" އޭނާ ބުންޏެވެ.

މި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވުމާ އެކު މި މައްސަލަ މިނިސްޓްރީގެ ސަމާލު ކަމަށް ވެސް އައިސްފައި ވެއެވެ. އެއާ އެކު މިނިސްޓްރީން ބުނީ މި މައްސަލަ ބަލާނެ ކަމަށެވެ.

"މިނިސްޓްރީން ބުނީ މިނިސްޓްރީގެ އެއްވެސް މައްސަލައެއް ނެތޭ. އެކަމަކު، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނީ މީޓިންއެއް ބާއްވާފައި ގޮތެއް ނިންމާނަމޭ. އެކަމަކު ހުއްދަ ނަގައިގެން އެއްވެސް ގަވާއިދަކާ ހިލާފަށް ގެންގުޅޭ އެއްޗެއް ނޫން މީކީ،" ދޫނި ގެންގުޅުނު މީހާ ބުންޏެވެ.

ދޫނީގެ ވެރިފަރާތުން ބުނި ގޮތުގައި އެ ދޫންޏަކީ އޮޅު ދޫންޏެކެވެ.

މި ދޫންޏަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވާއިރު، ގިނަ ބަޔަކު މީގެ ކުރިން ތުހުމަތުކުރީ އެއީ ގަވާދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ދޫންޏެއް ކަމަށެވެ.

މިކަމާ ގުޅިގެން މިއަދު ފިޝަރީސް މިނިސްޓްރީ އަދި އީޕީއޭއިން ބުނީ ދޫންޏާ މެދު އަމަލުކުރާނެ ވަކި ގޮތެއް އަދި ނިންމާފައިނުވާ ކަމަށެވެ.

އަދި، މިނިސްޓްރީން ހުއްދަ ނަގައިގެން އޮސްޓްރިޗް އެތެރެކޮށްގެން ރާއްޖޭގައި ގެންގުޅޭ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި މިހާރު ވަރަށް އާންމު ސްކާލެޓް މަކާއޯއަކީ ވެސް ރާއްޖެ އެތެރެކުރުން މަނާ ދޫންޏެކެވެ. ނަމަވެސް މީހުން މި ދޫނި ފާޅުގައި ރާއްޖޭގައި ގެންގުޅޭއިރު، އޮސްޓްރިޗްގެ ވެރިފަރާތުން ވަނީ އެ ކަންކަން އީޕީއޭގެ ސަމާލުކަމަށް ނާންނަކީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.