މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހުނަވަރު ޕްރޮގްރާމުގެ ދަށުން ވެލްޑަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމަށް އޯޕަންޑޭ ސެޝަންތަކެއް ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މި ސެޝަންތައް ރާއްޖޭގެ ތިން އަތޮޅެއްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މި މަހުގެ 18 އިން 27 ގެ ނިޔަލަށް ލާމު އަތޮޅުގެ އިތުރުން، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއެވެ.

އެމްޓީސީސީގެ އިންޖިނިއަރިން އެންޑް ޑޮކިން ޑިވިޝަނަށް ބޭނުންވާ ވެލްޑަރުން ހޯދުމުގެ މަޤްސަދުގައި އެމްޓީސީސީން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން، ނިމިދިޔަ އަހަރުތަކުގައި ވެސް ގިނަ ދިވެހިންނަށް ވަނީ އެ ފުރުސަތު ދީފައެވެ. އެގޮތުން, މި ޕްރޮގްރާމް ކުރިއަށް ދާނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެމްޓީސީސީން ބުނީ އެ ތިން މަސް ދުވަހުގެ ތެރޭގައި ތަމްރީންވުމަށް ފަހު ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ރާއްޖެއިން ބޭރުން ތަމްރީނު ވުން ފަދަ ފަހި ފުރުސަތުތައް ވެސް ލިބޭނެ ކަމަށެވެ.

މި ޕްރޮގްރާމްގައި ބޮޑަށް އަޙައްމިއްޔަތުކަން ދެވޭނީ އިންޑަސްޓްރިއަލް ވެލްޑިންގެ ފަންނު ތަރައްޤީ ކުރުމަށެވެ. އެގޮތުން ކަނޑުގައި ދުއްވާ އުޅަނދުފަހަރު މަރާމާތުކުރުމާއި ބަނުމުގައި ކުރާ ވެލްޑިންގެ ހުނަރުތައް މި ޕްރޮގްރާމުގެ ޒަރިއްޔާއިން ބައިވެރިންނަށް ދަސްކޮށްދެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ޕްރޮގްރާމަކީ ދެ ޖިންސުގެ ބައިވެރިންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮތް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ވަންނަން ބޭނުންވާ ފަރާތްތަކުގެ ޝަރުތުތަކަކީ:

- 25 އަހަރުން ދަށުގެ ބައިވެރިއަކަށް ވުން،
- ޖިސްމާނީ ގޮތުން އަދި ދުޅަހެޔޮ ސިއްޚަތެއްގައި ހުރުން
- ކަނޑުމައްޗަށް ފަރިތަ މީހަކަށް ވުން

މީގެ އިތުރުން، ހިސާބު، ފިޒިކްސް، ކެމިސްޓްރީ ހިމެނޭހެން އޯލެވެލްގެ ތިން މާއްދާއިން ފާސްވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް 5،000 ރުފިޔާގެ އެޕްރެންޓްސްޝިޕް އެލަވެންސަކާއި އަދި 3،000 ރުފިޔާގެ އެލަވެންސެއް ލިބޭނެއެވެ. މި ޓްރެއިނިންތައް ކުރިއަށް ދާނީ އެ ކުންފުނީގެ ބޯޓް ޔާޑުގައެވެ.

އެމްޓީސީސީ ހުނަވަރު ޕްރޮގްރާމް އިފްތިތާޙު ކުރެވުނީ 2018ވަނަ އަހަރުއެވެ. އެގޮތުން އަހަރަކު ހަތަރު ފަހަރު ކުރިއަށް ގެންދާ މި ޕްރޮގްރާމް ވަނީ ނިމިދިޔަ އަހަރު އިތުރަށް ފުޅާކޮށްފައެވެ.

މިގޮތުން ހުނަވަރު ލައިސެންސިން އަދިޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 122 ފަރާތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވިފައިވާއިރ،ު މިހާތަނަށް 13 އަންހެން ބައިވެރިން (10 ބަސް ޑްރައިވަރުންނާއ،ި 3 ސައިޓް ސުޕަވައިޒަރުން) ވަނީ ތަމްރީން ފުރިހަމަކޮށް އެ ކުންފުނީގެ ޚިދުމަތާ ގުޅިފައެވެ.