17 May 2023, 16:35
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ އަބްދުއްﷲ ވަކިކުރަން ސޮއި ހަމަ ކުރަން ފަށައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވަނީ "ސަން"އަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
"ސަން"އާ ވާހަކަދެއްކެވި މެމްބަރު ވިދާޅުވީ އީވާ އެމްޑީޕީގެ މެމްބަރުކަމުން އިސްތިއުފާދެއްވާފައިވާތީ އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ވަރަށް ގިނަ މަޖިލިސް މެމްބަރުން ބުނަމުން އަންނަ ކަމަށެވެ.
ގިނަ މެމްބަރުންގެ އެދުމުގެމަތިން އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްޓަކައި ސޮއިހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަ ބޭފުޅަކު މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ.
އީވާ މަގާމުން މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރަމުންދަނީ އީވާ ހިމެނޭހެން "ފިކުރެއްގެ ދިރުން" ފެކްޝަންގެ ހުރިހާ މެމްބަރުން މިއަދު އިސްތިއުފާ ދީފައިވާ ދަނޑިވަޅެއްގައެވެ. އިސްތިއުފާ ދެއްވި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 12 މެމްބަރުން ހިމެނެއެވެ.
ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވާތީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ ސުލޫކީ މައްސަލަތައް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ބަލަން ފެށިއެވެ. އޭގެތެރެއިން ގިނަ މެމްބަރުންނަށް ވަނީ ފަހުގެ އިންޒާރުދީފައެވެ. އެ މައްސަލައިގައި އިއްޔެ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިކޮށްފައެވެ.