ސިޔާސީ ޕާޓީތަކުގެ މެދުގައި މިހާރު ފަށާފައިވާ ވާހަކަތަކުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ދިމާވާފަދަ ބޮޑެތި ހުރަސްތަކެއް ނެތް ކަމަށް މަޝްވަރާތަކުގައި އެހީތެރިވެ ވަޑައިގަންނަވާ ބެލްޖިއަމްގެ މީޑިއޭޝަން އެކްސްޕާޓް، ޕިއޭ އީވް މޮނެޓް ވިދާޅުވެއްޖެ އެވެ.

މޮނެޓަކީ ޕާޓީތަކުގެ މަޝްވަރާތަކުގެ ވިލަރެސްވެރިޔާ، އަހުމަދު މުޖުތަބާގެ އެދިވަޑައިގަތުމަށް އޭނާއަށް އެހީތެރިވެ ލަފާ އެރުވުމަށް އޫއެންޑީޕީން ފޮނުއްވައި ދެއްވި މީޑިއޭޝަން އެކްސްޕާޓެކެވެ. މޮނެޓަކީ އޮމްބަޑްސްމަނެއްގެ އިތުރުން އެކި ރޮނގު ރޮނގުން ފޮތްތައް ލިޔުއްވާފައިވާ އަދި ބެލްޖިއަމްގެ ރަސްގެފާނުގެ ކައުންސިލެއްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ.

ސިޔާސީ ޕާޓީތަކުގެ މެދުގައި ރޭ ބޭއްވި ވާހަކަތަކަށް ފަހު ހަވާސާގައި ސަން އޮންލައިން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޮނެޓް ވިދާޅުވީ އޭނާގެ މީޑިއޭޝަންގައި އޭނާގެ ތަޖުރިބާއަކީ އެއްބަޔަކު އަނެއްބަޔަކު ދައްކާ ވާހަކަތައް އަޑުއަހަން ބޭނުން ނުވުން ކަމަށެވެ. ނަމަވެސް ރާއްޖޭގައި ފަށާފައިވާ މަޝްވަރާތަކުގައި އެއް ޕާޓީ އަނެއް ޕާޓީން ދައްކާ ވާހަކަ އަޑުއަހާ މަޝްވަރާ ކުރަން ތައްޔާރަށް ތިބި ކަމަށެވެ.

"އަހަރެންގެ މަސައްކަތުގައި އެންމެ ބޮޑަށް ދުނިޔޭގެ އެކި ގައުމުތަކުން ތަޖުރިބާ ކުރި ކަމަކީ އެއްބަޔަކު އަނެއް ބަޔަކު ދައްކާ ވާހަކަ އަޑުއަހަން ބޭނުން ނުވުން. އެ ގާބިލްކަން ނެތުން، އެކަމަކު ރާއްޖެއިން އެކަމެއް ނުފެނޭ. ވަރަށް ސާފުކޮށް އެންމެންވެސް ބޭނުންވޭ އަޑުއަހާފައި ވާހަކަދައްކަން" މޮނެޓް ވިދާޅުވި އެވެ. "އެކަމަކު އެންމެނަށްވެސް އެނގޭ ހިޔާލުތަފާތުވާ ބޮޑެތި ކަންތައްތަކެއް ހުރިކަން، އެ ހުރިހާ ކަމަކާ އެކުވެސް އަޑުއަހާ ދެ ކޮޅުން ވާހަކަ އެބަ ދެކެވޭ، އެހެންވީމަ މިއީ ރަނގަޅު މަޝްވަރާތަކަކަށް އެޅޭ ފުރަތަމަ ފިޔަވަޅު،"

މޮނެޓް ވިދާޅުވީ "ސިޔާސީ މަރުތަޅުން" ރާއްޖެ ސަލާމަތް ކުރަން އޮތް ހަމައެކަނި ގޮތަކީ މަޝްވަރާ ކުރުން ކަމަށާއި ރާއްޖޭގައި މަޝްވަރާގެ މާހައުލެއް އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ މަޝްވަރާ ކުރުމުގައި މިވަގުތު އިސް ކުރަންވީ ޕާޓީތަކުގެ މެދުގައި ބައިބައިވުން އުފެދޭ މުހިންމު މައްސަލަތަކުގެ މައްޗަށް ކަމަށެވެ.

"އެ މަޝްވަރާ ތަކުގައި ކުރަންޖެހޭ ކަމަކީ ބައިބައިވާ [ހިޔާލު ތަފާތުވާ] މައްސަލަތަކުގައި ވަރުގަދަ އަށް މަޝްވަރާ ކުރަންވީ، އެއްގޮތްވެ އެއްބަސްވެވޭ ކަންތައްތައް އެބަހުރި، އެކަންތައްތަކާ އެއްބަސްވެގެން އެއް ޕްލެޓްފޯމެއްގައި މަޝްވަރާ ކުރަންވީ، އެއީ ކުރަންވީ ކަމަކީ،" މޮނެޓް ވިދާޅުވި އެވެ.

ވަކިވަކިން ޕާޓީތަކާއެކު ބޭއްވި ބައްދަލުވުންތަކުގައި ވެސް ފާހަގަ ކުރެވުނު އެއްކަމަކީ ބިނާކުރަނިވި ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ވާހަކަތައް ކުރިއަށް ގެންދިޔުމުގެ މުހިންމު ކަން ކަމަށާއި ރޭގެ ވާހަކަތަކުން އެކަމަށް ދޮރުހުޅުވި މަގު ފަހިވެގެން ގޮސްފައިވާ ކަމަށެވެ.

"މުޖުތަބާގެ އެދިވަޑައިގަތުމުގެ މަތިން އަޅުގަނޑު ޕާޓީތަކާއި ހަފުތާއެއް ތެރޭ ބައްދަލުކުރިން. ފާހަގަވި އެއްކަމަކީ ހުރިހާ ޕާޓީތަކުން ވެސް އުފެއްދުންތެރި، ހަރުދަނާ ގޮތެއްގައި ވާހަކަތައް ކުރިއަށް ގެންދަން ބޭނުންވާކަން. އެކަން މިރޭ ފެނިގެން ހިނގައްޖެ، ޕާޓީތަކުން އުފެއްދުންތެރި ވާހަކަތަކެއް [މިރޭ] ދެއްކި. އެހެންވީމަ މީއީ ފެހި ސިގްނަލް، އެހެންވީމަ ވާހަކަތައް ކުރިއަށް ދާނެ،" ސިޔާސީ މަސްރަހު ފިނިކޮށް ދިނުމުގެ އުންމީދެއް އޭނާ އާކޮށް ދެއްވެވި އެވެ.