މޮސްކޯ (17 މެއި 2023): އިއްޔެ ރޭ ރަޝިއާއިން ޔުކްރެއިންގެ ވެރިރަށް ކިޔޭވްއަށް ދިން އާދަޔާ ޚިލާފު ބާރުގަދަ މިސައިލް ހަމަލާތަކުގައި އެމެރިކާއިން ޔުކްރެއިންއަށް ދީފައިވާ މިސައިލް އައްޑަނައިގެ ނިޒާމު "އެމްއައިއެމް- 104 ޕެޓްރިއޮޓް"އަށް ހަމަލާދީ އެނިޒާމު ފުނޑާލައިފިއެވެ.

މިކަން އެންމެ ފުރަތަމަ ހާމަކުރީ ރަޝިއާގެ ދިފާއީ ވުޒާރާއިންނެވެ. ނަމަވެސް ޔުކްރެއިން އިން މިކަން ދޮގުކުރުމަށްފަހު ބުނީ ރަޝިއާ ފޮނުވާލި ހުރިހާ މިސައިލެއް ވައްޓާލިކަމުގައެވެ. ޔުކްރެއިނުން މިހެން ބުނިނަމަވެސް އެމެރިކާގެ މަސްއޫލުވެރިން އެންމެފަހުންމިވަނީ ކިޔޭވްގެ މެދުތެރޭ ސަރަހައްދެއްގައި ބަހައްޓާފައިވާ އެމެރިކާގެ މިސައިލް އައްޑަނައިގެ ނިޒާމު ކަމަށްވާ "އެމްއައިއެމް- 104 ޕެޓްރިއޮޓް" ރަޝިއާގެ މިސައިލް ހަމަލާތަކުގައި ހަލާކުވި ކަމަށް އެއްބަސްވެފައެވެ. އަލްޖަޒީރާއިންވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެމެރިކާގެ މަސްއޫލުވެރިން މިކަން ކަށަވަރުކޮށްދިނުމުން ޔުކްރެއިނުންވަނީ އިތުރު އެއްޗެއް ބުނުމަށް ފަސްޖެހިފައެވެ.

އެމެރިކާގެ ޕެޓްރިއޮޓް މަރުކާގެ ދިފާއީ އައްޑަނައިގެ ނިޒާމެއް

ރަޝިއާއިން އިއްޔެ ރޭ ދަންވަރު ކިޔޭވްއަށް ހަމަލާދިނުމުގައި އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ކިންޒާލް "ކޭއެޗް 47 އެމްޓޫ" މަރުކާގެ މިސައިލެއް ބޭނުންކޮށްފައިވާއިރު އެވަރުގެ ބާރުގަދަ މިސައިލެއް ޔުކްރެއިންއަށް ވައްޓާނުލެވޭނެކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ. އެއީ ރަޝިއާގެ ހައިޕާސޮނިކް ކިންޒާލް މިސައިލަކީ ރާޑަރަށް ދެނެގަނެވޭވަރަށްވުރެ މާބާރަށް ދަތުރުކުރާ މިސައިލްތަކަކަށްވެފައި ޔުކްރެއިންގައިވާ އެމެރިކާގެ "އެމްއައިއެމް- 104 ޕެޓްރިއޮޓް" އަކީ މިބާވަތުގެ މިސައިލް ޑިޓެކްޓްކޮށް ވައްޓާލުމުގެ ގާބިލްކަން ލިބިފައިވާ ނިޒާމަކަށް ނުވާތީއެވެ. ރަޝިއާ އުފައްދާފައިވާ ކިންޒާލް މިސައިލަކީ މިހާތަނަށް ދުނިޔޭގައި އުފައްދާފައިވާ އެންމެ މަތީ ޓެކްނޮލޮޖީގެ މިސައިލްކަަމަށްވެއެވެ.

ރަޝިއާގެ ހުރިހާ މިސައިލްތަކެއް ވައްޓާލިކަމަށް ޔުކްރެއިން ބުނާއިރު އެމެރިކާވަނީ ރަޝިއާގެ މިސައިލް ހަމަލާތަކުގައި ޔުކްރެއިނަށް އާދަޔާ ޚިލާފު މާއްދީ ގެންލުންތަކެއް ލިބުނުކަންވެސް ކަށަވަރުކޮށްދީފައެވެ. ރަޝިއާއަކީ މިސައިލް ޓެކްނޮލޮޖީގައި ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ގައުމެވެ. އެމެރިކާއަށްވެސް އަޑަށްވުރެ ނުވަގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް ޓެކްނޮލޮޖީގެ މިސައިލް އަދި ކާމިޔާބުކަމާއެކު ނުއުފެއްދެއެވެ. ރަޝިއާ ފިޔަވައި ހައިޕާސޮނިކް ޓެކްނޮލޮޖީ ދެން ހުރީ ޗައިނާގައެވެ. ޗައިނާވަނީ އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލެއް ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފައެވެ.

ރަޝިއާގެ ހައިޕަސޮނިކް ޓެކްނޮލޮޖީގެ މިސައިލެއްކަމަށްވާ ކިންޒާލް މިސައިލްގެ ޕްރިންޓް އިމޭޖެއް. މިހާބާރަށް ދަތުުރުކުރާ މިސައިލް ރަނގަޅަށް ލޮލަށް ނުފެންނާނެ

އިއްޔެ ރޭ ރަޝިއާއިން ޔުކްރެއިނަށް ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވެރިރަށް ކިޔޭވްއަށް ލިބިފައިވާކަން އެމެރިކާ ކަށަވަރުކޮށްދޭއިރު ޔުކްރެއިނުންވަނީ ލިބުނު ގެއްލުންތަކުގެ ތަފްސީލާއި މަރުވި މީހުންގެ އަދަދާއި ޒަޚަމްވި މީހުންގެ އަދަދުތައް ހާމަކުރުމަށް ވަރަށްބޮޑަށް ފަސްޖެހިފައެވެ. ރަޝިއާގެ ހުރިހާ މިސައިލްތަކެއް ވައްޓާލިކަމަށް ބުނުން ފިޔަވައި އިތުރު ކަމެއް ޔުކްރެއިނުން ހާމައެއް ނުކުރެއެވެ. ނަމަވެސް ކިޔޭވްގެ އާންމުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ރަޝިއާގެ ހަމަލާތައް އާދަޔާ ޚިލާފަށް ބާރުގަދައެވެ. އެހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާނެކަމަށް ޔުކްރެއިންގެ އާންމުން ލަފާކުރެއެވެ.

ރަޝިއާގެ ގިނަ އަދަދެއްގެ މިސައިލްތައް ޔޫކްރޭން ސިފައިންގެ މަރުކަޒުތަކަށް އަމާޒުވިއިރު އެތަކެތީގެ ބާރުގަދަ އަޑުފައްގަނޑުން މުޅި ކިޔޭވްއަށް ލޮޅުން އަރައި ގުގުމައިގެން ދިޔަ ކަމަށް އާންމުން ބުނެފައިވެއެވެ. އެމެރިކާގެ މަސްއޫލުވެރިންނާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުން ރަޝިއާގެ ހަމަލާތަކުގެ އެއް ބޭނުމަކީ ރަޝިއާއިން އުފައްދާފައިވާ ހައިޕާސޮނިކް މިސައިލް ކަމަށްވާ ކިންޒާލް މިސައިލްގެ ގާބިލްކަން ދެނެގަތުމުގެ ތަޖްރިބާއެއް ކޮށްލުމެވެ.

މިތަޖުރިބާ ކުރުމަށް ފޮނުވާލި ކިންޒާލް މިސައިލް އަމާޒުކުރީ ކިޔޭވްގެ މެދުތެރޭގައި ބަހައްޓާފައިވާ އެމެރިކާގެ މިސައިލް އައްޑަނައިގެ ނިޒާމު ކަމަށްވާ "އެމްއައިއެމް- 104 ޕެޓްރިއޮޓް" ނިޒާމަށެވެ. ރަޝިއާގެ ހަމަލާގައި އެނިޒާމު މުޅިން ފުނޑުފުނޑުވެ އޭގެބައިތައް ވައިގެ ތެރެއަށް ބުރައިގެން ދިޔަކަމަށްވެއެވެ.

ރަޝިއާގެ ހައިޕަސޮނިކް ކިންޒާލް މިސައިލް އަޑަށްވުރެ 9 ގުނަ ބާރަށް ދަތުރުކުރޭ. އެ މިސައިލް ދަތުރުކުރާ ގޮތުގެ ޕްރިންޓް އިމޭޖެއް މި ބާވަތުގެ މިސައިލް ލޮލަށް ފެންނަންވެސް ފަސޭހައެއް ނޫން

މިއާއެކު އެންމެ ފަހުން އެމެރިކާގެ މަސްއޫލުވެރިން ޖެހިވަޑައިގަތީ ރަޝިޔާ ދިން ހައިޕާސޮނިކް ބާރުގަދަ ހަމަލާގައި "އެމްއައިއެމް- 104 ޕެޓްރިއޮޓް" ނިޒާމު ހަލާކުކޮށްލާފައިވާކަމަށް އެއްބަސްވުމަށެވެ. އަލްޖަޒީރާ ބުނާގޮތުން އިއްޔެ ރޭ ރަޝިޔާއިން ކިޔޭވްއަށް މިސައިލް ހަމަލާތައް ދޭން ފެށުމާއެކު ޕެޓްރިއޮޓް މިސައިލް ނިޒާމު ބޭނުންކޮށްގެން އެތަކެތި ވައްޓާލަން ޔުކްރެއިން މަސައްކަތް ކުރުމުން ރަޝިޔާ ރުޅިގަދަވެގެން ފޮނުވާލީ ޔަގީނުންވެސް އެމެރިކާގެ "ޕެޓްރިއޮޓް ނިޒާމު" ހަލާކުކޮށްލެވޭ ވަރުގެ ބާރުގަދަ މިސައިލެކެވެ. އެއީ އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް ކިންޒާލް މިސައިލެކެވެ.

އެމެރިކާގެ "ޕެޓްރިއޮޓް ނިޒާމު" ގައިވާ މިސައިލް ޑިޓެކްޓް ކުރާ ރާޑަރުތަކަކީ ހައިޕާސޮނިކް މިސައިލް ޑިޓެކްޓް ކުރެވޭވަރުގެ ރާޑަރުތަކެއް ނޫނެވެ. އެހެންކަމުން ޕެޓްރިއޮޓް އަށް އޭގެ އަމިއްލަ ނަފްސު ދިފާއުނުކުރެވި ރަޝިއާގެ ހައިޕާ ސޮނިކްގެ ޝިކާރައަކަށްވެ ހަލާކުވީއެވެ. އެމެރިކާ އިން ދީފައިވާ ޕެޓްރިއޮޓް މިސައިލް ނިޒާމު ހަލާކުކޮށްލީ ރަޝިޔާ އިން ދިން ކިންޒަލް މިސައިލް ހަމަލާއެއްގައި ކަމަށް އެމެރިކާގެ މަސްއޫލުވެރިން ކަށަވަރުކޮށް ދެއްވައެވެ. ރަޝިއާގެ ދިފާއީ ވުޒާރާއިންވަނީ އޭގެމާކުރިން މިކަން ކަށަވަރުކޮށްދީފައެވެ.

އިއްޔެ ރޭ ރަޝިޔާ އިން ކިޔޭވްއަށް މިސައިލް ހަމަލާތައް ދޭން ފެށުމާއެކު، ޕެޓްރިއޮޓް މިސައިލް ނިޒާމު ބޭނުންކޮށްގެން، ރަޝިޔާގެ މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލުމަށް ޔޫކްރޭނުން ވަރަށްބޮޑަށް މަސައްކަތް ކުރިއެވެ. ރަޝިޔާ އިން ކިޔޭވް އަށް ފޮނުވާލި އާދައިގެ މިސައިލްތަކުގެ ތެރެއިން ގިނަ މިސައިލްތައް ފޮނުވާލިކަމަށްވަނީ އެމެރިކާގެ ޕެޓްރިއޮޓް ނިޒާމުގައި ހިމެނޭ އެންޓި މިސައިލްތައް ފޯރާވަރަށްވުރެ މާދުރުންނެވެ. ނަމަވެސް އެމެރިކާގެ ޕެޓްރިއޮޓް ނިޒާމު ބޭނުންކޮށްގެން ޔުކްރެއިނުން ރަޝިއާގެ މަދުއަދަދެއްގެ މިސައިލް ވައްޓާލިކަމަށްވެއެވެ.

އެމެރިކާ އުފައްދާފައިވާ، ޕެޓްރިއޮޓް މަރުކާގެ ވައިގެ ދިފާއީ ނިޒާމަކީވެސް ހަގީގަތުގައި އޭގެފެންވަރުގައި މޮޅު ނިޒާމެކެވެ. މިނިޒާމަކީ ނުވަތަ އައްޑަނައަކީ އެމެރިކާގެ އިތުރުން ނޭޓޯގެ ގައުމުތަކުގައާއި ސައޫދީ ފަދަ ގައުމުތަކުގައިވެސް ބޭނުންކުރަމުން އަންނަ ނިޒާމެކެވެ. އެއީ އެމެރިކާއިން މިހާތަނަށް އުފެއްދި އެންމެ ފުރިހަމަ ވައިގެ ދިފާއީ ނިޒާމެވެ.

ޕެޓްރިއޮޓް ނިޒާމަކީ އަޑަށްވުރެ ބާރަށް ދަތުރުކުރާ ސުޕާސޮނިކް ފައިޓާޖެޓާއި ކްރޫޒް މިސައިލްތަކާއި އަޑަށް ވުރެ ބާރަށް ދަތުރުކުރާ ސުޕާސޮނިކް ބަލިސްޓިކް މިސައިލް ވައްޓައިލުމުގެ ގާބިލުކަން ލިބިފައިވާ ނިޒާމެކެވެ. ނަމަވެސް އެއީ ރަޝިއާއިން އުފައްދާފައިވާ އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް ޓެކްނޮލޮޖީގެ މިސައިލްކަމަށްވާ ކިންޒާލް މިސައިލް ވައްޓާލުމުގެ ގާބިލްކަން އެއްވެސް ވަރަކަށް ލިބިފައިވާ ނިޒާމެއް ނޫނެވެ. މިކަމަށް ޚުދު އެމެރިކާވެސް މިވަނީ އެއްބަސްވެފައެވެ. ސުޕާސޮނިކް އާއި ހައިޕާ ސޮނިކް ގެ ދުވެލި ވަރަށް ތަފާތެވެ.