17 May 2023, 15:01
ކުށްކުރާ ގޮތްތަކާއި ބޭނުންކުރާ ވަސީލަތްތައް ބަދަލުވެފައިވާ ކަމަށާއި، ކުށްކުރުން ހުއްޓުވުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ފަރާތްތަކުން ކުށްވެރީންނާ އަރައިހަމަކުރަންޖެހޭނެކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ޖަސްޓިސް ސެކްޓާ ހައިލެވެލް ކޮންފަރެންސް ފެށުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ކުށުގެވެއްޓަށާއި، ކުށްވެރީން ކުށްކުރާ ގޮތްތަކަށް ބަދަލު އައިސްފައިވާކަން ފާހަގަކުރައްވައި، އެއާ އެއްވަރަށް ޖިނާއީ ޢަދުލުގެ ނިޒާމްގައި ހިމެނޭ އިދާރަތައްވެސް ކުރިއަރައި އަދާހަމަވެފައި ވާންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތަކާއި ވަޞީލަތްތައް ފޯރުވައިދޭން ޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ އަދުލުއިންޞާފު ގައިމްކުރުމުގެ ދާއިރާ ތަރައްޤީކުރުމަށް މިސަރުކާރުން ވަރަށްބޮޑަށް ސަމާލުކަމެއްދީ މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އަދުލުއިންޞާފު ޤާއިމްކުރުމުގެ ދާއިރާގައި ރާއްޖޭގައި ހުރި ބައެއް ގޮންޖެހުންތައްވެސް ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ އާބާދީކުޑަކަމާއި އެކަކު އަނެކަކާއި ގާތް މުޖުތަމަޢަކަށް ވުމުން ނުކުންނަ މަސައްލަތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންސާނަކަށް އެންމެ ބޭނުންވާ އެއްކަމަކީ އަދުލު އިންސާފް ކަމަށާއި އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއްކަމުގައި ވުމުން އެއީ މީހެއްގެ ހަމުގެ ކުލަޔަކަށް، ނިސްބަތްވާ ރަށަކަށް ނުވަތަ ގައުމިއްޔަތަކަށް ބަލައި ތަފާތު ކުރެވޭނެ ކަމެއް ނޫންކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި 2004 ވަނަ އަހަރު ދިވެހިރާއްޖޭގެ މުޅި ޤާނޫނު އަސާސީ އަލުން އިޞްލާޙްކޮށް އެކުލަވާލުމުގެ އެންމެ ބޮޑު މަސައްކަތަކަށް ވެފައި އޮތީ މުސްތަގިއްލު ގޮތެއްގައި ތަހުގީގުތަކާއި ޝަރީއަތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިޖަލްސާގައި ޖިނާއީ އަދުލުގެ ނިޒާމްގައި ހިމެނޭ އިދާރާތަކުގެ މެދުގައި ފަސޭހަ ކަމާއެކު މައުލޫމާތު ބަދަލުކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އިފްތިތާޙްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ދެބައެއް އެކުލެވޭ މިޑާޓާބޭސްގެ ސަބަބުން އިދާރާތަކުގެ މެދުގައި ފަސޭހަކަމާ އެކު މައުލޫމާތު ބަދަލުކުރެވޭއިރު، މިނިޒާމްގެ ތެރޭގައި ހިމެނޭ ތަފާސް ހިސާބު މައުލޫމާތުތައް އާއްމު ރައްޔިތުންނަށް ހާމަކަން ބޮޑުގޮތެއްގައި ފެންނަން ހުންނާނެއެވެ.
"އެވިޑެންސް ބޭސްޑް މެނޭޖްމެންޓް އެންޑް ޑިސިޝަން މޭކިން އިން ކްރިމިނަލް ޖަސްޓިސް ސެކްޓަރ"ގެ ނަމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި، ޔުނިސެފާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ފަންނީ އެހީތެރިކަމާ އެކު ހިންގި ޕްރޮޖެކްޓްގެ ދަށުން އިފްތިތާޙް ކުރެވުނު، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އުފެއްދުމުގެ މަސައްކަތުގައި އިސްނަގައި މަސައްކަތްކޮށްފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.