ރޭ ފަތިހު ހިނގި މާރާމާރީއެއްގައި މީހަކަށް އަނިޔާތަކެއް ލިބި ފަރުވާދީފިއެވެ.

މި ކަމުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ މާރާމާރީއެއް ހިނގައި އެ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ފަތިހު 04:31 ހާއިރުކަމަށެވެ.

މާރާމާރީ ހިނގީ ގ. ހުވަފެނީ ގޯޅީގައެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާވީ އެންމެ މީހަކަށް ކަމަށެވެ. ނަމަވެސް މާ ސީރިއަސް އަނިޔާތަކެއް ނުލިބޭކަމަށް މައުލޫމާތު ލިބެއެވެ. އެ މީހާއަށް ފަރުވާ ދިނުމަށް ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީއެއް ހިނގައިގެން އަނިޔާވި މީހަކު އެ ހޮސްޕިޓަލަށް ފަތިހު ގެނައި ކަމަށެވެ.

ފަރުވާދޭން ގެނައުމަށްފަހު ފުލުހުން އަލުން އޭނާ ގެންގޮސްފައިވާކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މި ކަން ހިނގައިދިޔަ ގޮތް އިތުރަށް ތަހުގީގުކުރަމުންނެވެ.