އަބޫޖާ (17 މެއި 2023): ނައިޖީރިޔާގައި އެމެރިކާ މީހުންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކެއްގައި އެމެރިކާގެ ދެ ޑިޕްލޮމެޓަކު މަރުވެއްޖެއެވެ.

މަރުވީ ނައިޖީރިޔާގައި ހުންނަ އެމެރިކާގެ ކޮންސިޔުލޭޓްގައި މަސައްކަތް ކުރާ ދެ ޑިޕްލޮމޭޓުންނެވެ. ނަމަވެސް މިއީ އެމެރިކާ ދެމީހުންނޫންކަމާއި ނައިޖީރިޔާގެ ދެމީހުންކަމަށް އަބޫޖާ ގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެއެވެ. ހަމަލާތައް އަމާޒުކޮށްފައިވަނީ ނައިޖީރިޔާގެ އިރުދެކުނުގައިވާ އަނަންބްރާ ސްޓޭޓްގައި އެމެރިކާގެ ޑިޕްލޮމެޓުން ގޮވައިގެން ދަތުރުކުރި ގިނަ އަދަދެއްގެ ވެހިކަލްތައް ހިމެނޭ ގާފިލާއަކަށެވެ.

ނައިޖީރިޔާގެ ފުލުހުން ބުނާގޮތުން މި ހަމަލާތަކުގައި ފުލުހުންގެ ދެ މީހުން ވެސް މަރުވިއެވެ. މީގެއިތުރުން ހަމަލާދިން މީހުންވަނީ އެގާފިލާގައި ހިމެނޭ ވެހިކަލަކުން ތިން މީހަކު ވަގަށް ނަގައިގެން ގެންގޮސް ރަހީނުކޮށްފައެވެ.

ރަހީނު ކުރެވިފައިވަނީ އެމެރިކާގެ ކޮންސިޔުލޭޓްގެ ޑްރައިވަރަކާއި އެމެރިކާގެ ޑިޕްލޮމޭޓުންނާއެކު ދަތުރުކުރި ނައިޖީރިޔާގެ ފުލުހުންގެ ތެރެއިން ދެމީހެކެވެ. މިތިން މީހުން ވަގަށް ނެގުމަށްފަހު ބައިތިއްބާފައިވާ ތަނެއް އަދި ނޭނގެއެވެ. އެމީހުން މިނިވަންކުރުމަށް ހުށަހަޅާ ޝަރުތުތަކެއްވެސް އަދި ސާފެއްނޫނެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާބީ ސިފަކުރެއްވި ގޮތުގައި ނައިޖީރިޔާގައި އެމެރިކާގެ ގާފިލާއަށް އަމާޒުކޮށް ދިނީ ޓެރަރިސްޓް ހަމަލާއެކެވެ.

ނައިޖީރިޔާގެ ފުލުހުން ބުނެފައިވާގޮތުން މިހަމަލާތަކުގެ ފަހަތުގައިވަނީ ނައިޖީރިޔާގެ ސަރުކާރާ ދެކޮޅު ބައިމަދު ބިޔަފްރާ ދަރިކޮޅުގެ ހަތިޔާރުއެޅި ޖަމާއަތެއްކަމަށްވާ އިންޑިޖިނަސް ޕީޕަލް އޮފް ބިޔަފްރާ (އައިޕީއޯބީ) ޖަމާއަތެވެ. މި ޖަމާއަތް އާންމުގޮތެއްގައި ހަރަކާތްތެރިވަނީ ނައިޖީރިޔާގެ އިރުދެކުނުގެ ސަރަހައްދުތަކުގައެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ނައިޖީރިޔާގެ ފުލުހުން ވަނީ "އައިޕީއޯބީ" ޖަމާއަތުގެ ވެރިޔާ އެންނަމްޑީ ކާނޫ ހައްޔަރުކޮށްފައެވެ. ކާނޫ ހައްޔަރު ކުރި ފަހުން އެޖަމާއަތުގެ ހަރަކާތްތައް މަދުވުމުގެ ބަދަލުގައިވަނީ އިތުރުވެފައެވެ.