އެމްޑީޕީ ވަރަށް ބޮޑަށް ބައިބައިވެ ޚިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމްޑީޕީ ފާލިމަންޓްރީ ގްރޫޕުގެ ބައެއް މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ "ސަން"އަށް މިކަން ކަށަވަރުކޮށްދެއްވާފައެވެ.

އޭނާ ވިދާޅުވީ، ޕާލިމަންޓްރީ ގްރޫޕުގެ ބައެއް މެމްބަރުންނާ ރައީސް ބައްދަލުކުރެއްވީ އެ މެމްބަރުންގެ އެދުމުގެ މަތިންކަމަށެވެ. އަދި މި ބައްދަލުވުމުގައި މަޝްވަރާ ކުރީ މަޖިލީހުގެ ބައެއް ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެބޭފުޅުން ހަމަ އެ ދާއިރާތަކުގަ ނުނިމި ހުރި ކަންތައްތައް އަވަސްކުރުމުގެ ގޮތުންނާއި އިދާރާތަކުގެ މައްސަލަތައް އަވަސްކުރުމަށް ވާހަކަ ދެއްކީ،" އަސްލަމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

އެމްޑީޕީގައި ރައީސް ޞާލިޙަށް ތާއިދު ކުރާ ފެކްޝަނަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއިދު ކުރާ ފެކްޝަނެއް ވަނީ އުފެދިފައެވެ. އޭގެ ތެރެއިން ނަޝީދު އިސްކޮށް ހުންނަވާ އުފައްދަވާފައިވާ 'ފިކުރެއްގެ ދިރުން' ފެކްޝަނުން ދަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

އެ ފެކްޝަނުން ދަނީ، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން ކަމުނުގޮސްގެން އިދިކޮޅު ޕީޕީއެމާއި އެމްއެންޕީއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެ މަަސައްކަތުގައި އިސްކޮށް އުޅުއްވާ ފަސް މެންބަރަކަށް ފިޔަވަޅު އަޅަން ޕާލިމެންޓްރީ ގުރޫޕުން ވަނީ މިދިޔަ ހޯމަ ދުވަހު އެދިފައެވެ.

އެއީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަށެވެ.

އޭގެ ތެރެއިން އާޒިމް ޕާޓީން ވަކިކުރަން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އިއްޔެ ވަނީ ނިންމާފައެވެ.