17 May 2023, 13:32
ދިރާގުން އެކުންފުނީގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް 100 ޖީބީ ޑޭޓާ ޕެކޭޖްތަކެއް ލޯންޗުކޮށްފިއެވެ.
މިއަދު ދިރާގުގެ ހެޑް އޮފީސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުން ތަޢާރަފްކުރި މި ޕެކޭޖްތަކަކީ ނިމިދިޔަ ޢީދު ތެރޭގައި ދިރާގުން ޢާންމުކުރި ޕްކޭޖްތަކަށް ލިބުނު ތަރުޙީބަށް ބަލައި، ތަޢާރަފްކުރި ޕެކޭޖްތަކެކެވެ.
މިފަހަރު މި ޕެކޭޖްތައް ތަޢާރަފްކުރީ ޖުމްލަ ފަސް ގޮތަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ،
- 100 ޖީބީ ތިން ދުވަހަށް 100 ރުފިޔާއަށް
- 100 ޖީބީ ހަތް ދުވަހަށް 225 ރުފިޔާއަށް
- 100 ޖީބީ 14 ދުވަހަށް 400 ރުފިޔާއަށް
- 100 ޖީބީ 21 ދުވަހަށް 550 ރުފިޔާއަށް
- 100 ޖީބީ 30 ދުވަހަށް 750 ރުފިޔާއަށް
މި ޕެކޭޖުތަކާ ބެހޭ މައުލޫމާތު ދެމުން ދިރާގުގެ މެނޭޖަރު ކަސްޓަމާ ވެލިއު މެނޭޖްމަންޓް އައިޝަތު އިޝާނާ ވިދާޅުވީ މިއަދަކީ ދުނިޔޭގެ ވޯލްޑް ކޮމިއުނިކޭޝަން އެންޑް ޓެލެކޮމިއުނިކޭޝަން ދުވަހަށް ވެފައި، ދިރާގުން މި ދުވަހުގެ މުނާސަބަތާ ގުޅުވައި ތަޢާރަފުކުރި މި ޕެކޭޖުތަކުގެ މަގްސަދަކީ ހުރިހާ ކަސްޓަމަރުންނަށް ފަސޭހަ ގޮތެއްގައި ޑޭޓާ ބޭނުން ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.
އަދި މިޒަމާނުގެ ގޮތުން، ކުރިން 20 ޖީބީ ނުވަތަ 25 ޖީބީއިން ފުދުނު ނަމަވެސް، ހުރިހާ ކަމަކަށް ބޭނުންކުރެވޭ ޑާޓާ ޕެކޭޖްތައް ޢާންމުންނަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކަސްޓަމަރުންނަށް މިހާރު 20 ޖީބީ އަކީ މާ ބޮޑު އެއްޗަކަށް ނުވޭ. ސޯޝަލް މީޑިއާ އާއި ސްޓްރީމިން ޕްލެޓްފޯމްތަކުގެ ސަބަބުން ބޮޑެތި ޑޭޓާ ޕެކުތަކެއް ކަސްޓަމަރުން ބޭނުން ވަނީ. މި ޕެކު ތައާރަފް މި ކުރީ އެހެންވެ." އިޝާނާ ވިދާޅުވި އެވެ.
މި ޕެކޭޖްތައް އެކްޓިވޭޓް ކުރަން ބޭނުންވާ ފަރާތްތަކުން އެސްއެމްއެސް ކޮށްގެން ނުވަތަ ދިރާގު އެޕް އަދި ވެބްސައިޓު މެދުވެރިކޮށް ނެގުމުގެ ފުރުސަތު ލިބޭނެއެވެ.