17 May 2023, 12:32
ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ޚިދުމަތް މި މަހު ފަހުކޮޅު ފަށަން ޓްރީޓޮޕް ހޮސްޕިޓަލުން ތައްޔާރުވެއްޖެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު "ސަން"އަށް ބުނީ، އައިވީއެފްގެ ޚިދުމަތް ފެށުމަށް އެ ހޮސްޕިޓަލުން ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެ ނިމިފައި ހުރި ކަމަށެވެ. ނަމަވެސް ޚިދުމަތް ފަށާ ވަކި ތާރީޚެއް ސީދާ ހާމަކޮށްފައިނުވާއިރު، މި މަހުގެ ފަހުކޮޅު އެ ޚިދުމަތް ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މި ޚިދުމަތް އިފްތިތާހު ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އައިވީއެފްގެ ޚިދުމަތް ފެށުމުގެ ކުރިން ސްކްރީނިން މަރުހަލާއެއް ކުރިއަށް ގެންގޮސްފައިވާއިރު، ޓްރީޓޮޕުން ބުނީ، ސްކީރިން ކުރުމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ މަރުހަލާގައި 250އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ޚިދުމަތް ފެށުމަށްޓަކައި ޓްރީޓޮޕުން ވަނީ، ބޭރުގެ ތަޖުރިބާކާރުން ކައިރިއަށް ތަމްރީން ހޯދުމަށް ވެސް އެ ހޮސްޕިޓަލުގެ ނަރުހުން ފޮނުވާފައެވެ. ޓްރީ ޓޮޕްގައި އައިވީއެފް ޚިދުމަތް ފޯރުކޮށްދިނުމަށް އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ ތަޖުރިބާކާރު ދިވެހި ޑޮކްޓަރު ޒާކިޔާ އަހުމަދާއި ބޭރުގެ ތަޖުރިބާކާރެކެވެ. ކުރިން ގައިނޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޒާކިޔާ މިހާރު ވަނީ އައިވީއެފްގެ ދާއިރާއިން ސްޕެޝަލައިޒް ވެފައެވެ.
އައިވީއެފްގެ ޚިދުމަތަށް ޓްރީޓޮޕްގެ ތިން ވަނަ ފަންގިފިލާ ވަނީ ޚާއްސަކޮށްފައެވެ. އެގޮތުން ތިން ވަނަ ފްލޯގައި ގާއިމު ކޮށްފައިވާ އައިވީއެފް ސެންޓަރަށް ޒަމާނީ ޓެކްނޮލޮޖީ އާއި މެޝިނަރީ ގެނެސް، ސެޓަޕް ހަދައި ޚިދުމަތް ފެށޭ ވަރަށް މިހާރު ތައްޔާރު ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.