ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތުގެ މައުލޫމާތު ސާފު ކުރުމަށް އަންނަ ހަފުތާގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ބޭފުޅުންނާ އިންޓަވިއު ކުރަން ފަށާނެ ކަމަށް ނޭޝަނަލް އިންކްއެރީ ކޮމިޝަނުން ބުނެފި އެވެ.

ނޫސްވެރިންނާއެކު މުލީއާގޭގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ކޮމިޝަނުގެ މެންބަރު ޑރ. އިބްރާހިމް ޔާސިރު ވިދާޅުވީ ކޮމިޝަނުގެ މަސައްކަތް ތާވާލްކޮށްފައިވާ ގޮތަށް ހިނގަމުން އަންނަ ކަމަށާއި ކޮމިޝަނުން މިހާރު ކުރާ މަސައްކަތްތަކުގެ ދެވަނަ މަރުހަލާގެ މަސައްކަތް ނިމި ތިން ވަނަ މަރުހަލާއަށް ތައްޔާރުވެފައިވާ ކަމަށެވެ.

ތިން ވަނަ މަރުހަލާއަކީ ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި އިންޓަވިއުކުރުމުގެ ބައެވެ.

ޑރ. ޔާސިރު ވިދާޅުވި އެވެ: "އިންޓަވިއުތައް ކުރިއަށް ގެންގޮސް ގާތްގަނޑަކަށް އަޅުގަނޑުމެން ރާވާފައިވާ ގޮތަށް ދެވަނަ ފިޔަވަހި ނިމި ތިންވަނަ ފިޔަވަހީގެ މަސައްކަތް މިއަންނަ ހަފުތާގެ ތެރޭގައި ފެށޭވަރުވާނެ،

"އެގޮތުން ބައެއް ޕޮލިޓިކަލް ބޭބޭފުޅުންނާއި އިންޓަވިއު ކުރުމުގެ ކަންކަން މިއަންނަ ހަފުތާގެ ތެރޭގައި [ކޮމިޝަނުން] ފަށާނަން،"

އޭނާ ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަދަލުވުމުގައި ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން މިހާތަނަށް ވެސް ވަރަށް މުހިންމު ފަރާތްތަކާއި އިންޓަވިއު ކޮށްފައިވާ ކަމަށާއި އޭގެ ރިޕޯޓްތައް ލިޔުމުގެ މަސައްކަތް ވެސް ކުރިޔަދާ ކަމަށެވެ. އަދި ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ކޮމިޝަންގެ މަސައްކަތް ފުރިހަމަކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ކޮމިޝަނުގެ ތިއްބެވި މެންބަރުންގެ މިނިވަން ކަމާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ކުރާ ތަހުމަތުތަކަށް އިޝާރާތް ކުރައްވާ ކޮމިޝަނުގެ ރައީސް އަދި ކުރީގެ މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވީ އެ ބޭފުޅުން އެ ކޮމިޝަނުގެ މަސައްކަތާއި ހަވާލުވެވަޑައިގަތީ މިނިވަން ކަމާއެކު މަސައްކަތް ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

ކުރިން ސަރުކާރުގައި ހުންނެވި އިރު ޑީއާރްޕީގައި ދަފުތަރުގައި ޖެހިފައި އޮތުން އެއީ މިނިވަން ކަމާއެކު އޭނާއަށް މަސައްކަތް ނުކުރެވޭނެ ކަމަށް ބަޔަކު ގަބޫލު ކުރާ ސަބަބެއް ނަމަ ޑީއާރްޕީން ވަކިވެ ވަޑައިގަތުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވި އެވެ.

ދެން އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ޑރ. ޔާސިރާއި ޑރ. އަލީ ފަވާޒް ވިދާޅުވީ އެ ދެ ބޭފުޅުންނަކީ އެއްވެސް ޕާޓީއެއްގައި ތިއްބެވި ބޭފޫޅުން ނޫން ކަމަށެވެ.

ޝަފީއު ވިދާޅުވީ ކޮމިޝަން އެކުލެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަމަށް ވާތީ ކޮމިޝަނަށް އެއްވެސް އުނި އިތުރެއް ގެނެވޭނީ ރައީސުލް ޖުމުހުރިއްޔާ އެގަރާރަށް އުނި އިތުރު ގެނެސްގެން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އޭގެ ބޭރުން ކޮމިޝަނުގެ މަސައްކަތުގައި ބައިވެރިވުމާއި އެކަންކަން ކުރުމުގެ މިނިވަންކަން ކޮމިޝަނަށް ދީފައިވާ ކަމަށެވެ.

"މިހާރު ވާހަކަތައް ދެކެވޭ، ސިޔާސީ މަޝްރަހުގެ ތެރޭގައި ރާއްޖޭގައި ހިނގާ ސިޔާސީ ދެބަސްވުންތަކާއި ފަރާތްފަރާތައް ޖެހުމާއި މިކަންކަން ކޮމިޝަނަކަށް ހައްލެއް ނުކުރެވޭނެ. މި ކޮމިޝަނުން ކުރަން އުޅޭ މަސައްކަތާއި ސިޔާސީ ކަންކަމުން ނުކުންނަ ދެބަސްވުންތަކާއި މީތި ގުޅުވަން އުޅެގެން އަޅުގަނޑުމެން ކުރަން ހުރި މަސައްކަތްތަކެއް ނުކުރެވޭނެ. މި މަސައްކަތަކީ އެތައް ބައެއްގެ ކިބައިން މައުލޫމާތު ސާފުކޮށް ވީޑިޔޯތަކާއި އޯޑިޔޯތައް އަޑު އަހައިގެން ކުރާ މަސައްކަތް ތަކެއް،" ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ކޮމިޝަނުގައި ތިއްބެވި ބޭފުޅުން ނުކުންނަވާ ސިޔާސީ ބޭފުޅުން ބޭނުންވާ މަގުސަދުތަކެއް ކޮމިޝަނުން ހާސިލްކުރުމަށް މަސައްކަތް ކޮށްފިނަމަ މަސައްކަތް ނުނިމި ކޮމިޝަން އެހެން ގޮތަކަށް އެނބުރިގެން ދާނެ ކަމަށެވެ. އެއާ ހިލާފަށް ކޮމިޝަނުން މަސައްކަތްކުރާނީ ކޮމިޝަނުގެ މެންޑޭޓާއި އެއްގޮތަށް ކަމަށެވެ.

ރައީސް، ޑރ . މުހައްމަދު ވަހީދު ހަސަން މަނިކު އިއްޔެ ވިދާޅުވީ އެމަނިކުފާނު އިންކްއަރީ ކޮމިޝަނެއް އުފެއްދެވި ނަމަވެސް ކޮމިޝަނުގެ މަސައްކަތް ހިނގާ ނުހިގާ ގޮތް ނުބައްލަވާ ކަމަށާއި އެ ކޮމިޝަނަކީ މުސްތަގިއްލު ކޮމިޝަނަކަށްވުމާއެކު ކޮމިޝަނަށް އިތުރަށް މެންބަރުން ވެއްދުމާއި ނުވެއްދުމަކީ އެ ބޭފުޅުންގެ ކަމެއް ކަމެވެ.

"ކޮމިޝަނަށް އިތުރަށް ބޭފުޅުން ވެއްދުމާއި ނުވެއްދުމަކީ ކޮމިޝަންގެ ކަމެއް
އަޅުގަނޑު ހަމަ މިހުރީ ހުޅުވިގެން އެ ބޭފުޅުން ވިދާޅުވި ގޮތަކަށް ކޮމިޝަންގެ ކަންތައްތައް ކުރިއަށް ގެންދަން،" ރައީސް ވިދާޅުވި އެވެ.