17 May 2023, 10:58
ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމަށާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން އިތުރުކުރުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން 64.8 މިލިއަން ޑޮލަރުގެ މަޝްރޫއެއް މިއަދު ފާސްކޮށްފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދާނީ އިންޑިއަން އޯޝަން ކޮމިޝަނާއި ރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއާ ގުޅިގެންނެވެ.
މި މަޝްރޫއަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 64.8 މިލިއަން ޑޮލަރެވެ.
އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން އިންޑިއަން އޯޝަން ކޮމިޝަނަށް ދޭ 12 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން، އެ ގޮފިން ރާއްޖެއަށް ދޭ 26.4 މިލިއަން ޑޮލަރުގެ ލޯނާއި 26.4 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ.
ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލްއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގައި ރާއްޖޭން ހޯދާފައިވާ ހަރުދަނާ ކާމިޔާބީ އަކީ ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެހެން ގައުމުތަކަށް ނަމޫނާއަކަށް ވާނެކަމެއް ކަމަށެވެ.
"މި މަޝްރޫއުގެ ސަބަބުން މަސްވެރިކަމާއި މެރިކަލްޗާ އަދި އެކުއަކަލްޗާ ފަދަ ގުޅުންހުރި ދާއިރާތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ދައުރެއް އަދާކުރުމަށް މަގުފަހިވެގެންދާނެ. ހަމަ އެއާ އެކު، މިއީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސްއެޅޭ ގޮތަށް ހުރި ކަންކަމާއި އިންވެސްޓްމަންޓާއި ވިޔަފާރީގެ މާހައުލުގައި ހުރި ބަލިކަށިކަމަށް ހައްލެއް ހޯދުމަށް ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ގާއިމްކޮށްފައިވާ މުހިންމު ގުޅުމުގެ ދަށުން ކުރިއަށްގެންދެވޭ މަޝްރޫއެއް"ފާރިސް އެޗް ހަދާދު-ޒާވޮސް
ވޯލްޑް ބޭންކުން ބުނީ މި މަޝްރޫއުގެ ދަށުން، މަސްވެރިކަމުގެ ސިނާއަތް ހިންގުން ހަރުދަނާކުރުމަށްޓަކައި އެ ސިނާއަތުގައި މަސައްކަތްކުރާ މީހުން ތަމްރީނު ކުރާނެ ކަމަށެވެ.

މަސްވެރިން މަސް ބާނަނީ: --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން
މި މަޝްރޫއުގެ ދަށުން، ތިމާވެއްޓާ ރަށްޓެހި، ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ ވިޔަފާރި ފުޅާކުރުމުގެ އުސޫލުތަކެއްގެ ތެރެއިން މަސްވެރިކަމާއި އެ ސިނާއަތާ ގުޅުންހުރި ދާއިރާތައް ފުޅާކޮށް، ތަރައްގީކުރާނެއެވެ.
ވޯލްޑް ބޭންކުގެ ޓާސްކް ޓީމް ލީޑަރު ސަޗިކޯ ކޮންޑޯ ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ސަރަހައްދީ އެއްބައިވަންތަކަމާއި އެއްބާރުލުން އިތުރުވެ، ގައުމުތަކުގެ މެދުގައި އުނގެނުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށެވެ.
"ކަމާ ގުޅުން ހުރި ފަރާތްތަކުގެ އެކަށީގެންވާ ހުނަރާއި ގާބިލުކަން ހަރުދަނާކޮށް، ބަޔޯސެކިއުރިޓީ އާއި ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކުރުން ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމީ ފެންވަރުގައި ގާބިލުކަން ތަރައްގީކުރުމާއި ތިމާވެށީގެ ގޮތުން ހަރުދަނާ އަދި އުފެއްދުންތެރިކަން ކުރިއެރުވޭ ކަންކަން އަށަގަންނުވައި އާލާކުރުމަކީ މަސްވެރިކަމުގެ ސިނާއަތް ބެލެހެއްޓުމުގެ ބައެއް"ވޯލްޑް ބޭންކުގެ ލީޑް އެންވަޔަރަމެންޓަލް ސްޕެޝަލިސްޓް ޓަޕަސް ޕޯލް
ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)ގެ އަމާޒަކީ މުޅި ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމާއި، ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ އަދި ދިރާސާތައް ހަދައި އެ މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމެވެ.
އަދި މަސްވެރިކަމާއި މަހުގެ ސްޓޮކް ހުރި މިންވަރު ދެނެގަތުން ހަރުދަނާކުރުމާއި، ވަކި އަމާޒުތަކަކަށް ވާސިލްވެވޭ ގޮތަށް ގާބިލިއްޔަތުކަން އިތުރުކުރުން، އަދި ސަރަހައްދީ ފެންވަރުގައި މަސްވެރިކަން ބެލެހެއްޓުމަށް ކުރެވޭ އެހެނިހެން ކަންކަމާ ގުޅިލާމެހިގެންދާ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމަކީ ވެސް ޓްރާންސްފޯމްގެ އަމާޒެކެވެ.