17 May 2023, 09:13
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލް މެޑްރިޑްގެ ފްރާންސް މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ ފިޓްވެފައިވާ ކަމަށް އެ ކްލަބުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ބުނެފިއެވެ.
ސްޕެނިޝް ލަލީގާގައި މިދިޔަ ހޮނިހިރު ދުވަހު ގެޓާފޭއާ ދެކޮޅަށް ކުޅެ، 1-0 ގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗުގައި, މިހާރު ފުލްބެކެއްގެ ގޮތުގައި ފެނިގެންދާ ކަމަވިންގާގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް މޮޑްރިޗް ބުނާގޮތުގައި ކަމަވިންގާގެ ހާލު ރަނގަޅެވެ.
"ކަމަވިންގާގެ އަނިޔާ ރަނގަޅު، އަދި މެޗުގައި އޭނާ ކުޅޭނެ. އެއީ އެންމެ މުހިންމު ކަމަކީ ވެސް. ކަމަވިންގާ ކްލަބާ ގުޅުނު ފަހުން އޭނާ ވަނީ ކުރިއެރުންތައް ހޯދާފައި. ފުލްބެކްގެ މަގާމަށް ކުޅެން ބޭނުން ނުވިޔަސް، އޭނާ ދަނީ އެ މަގާމަށް ވެސް މޮޅު ކުޅުމެއް ދައްކަމުން. އަހަރެން އުންމީދުކުރަނީ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކަމަށް،" ނޫސްވެރިންނާ ވާހަކަދައްކަމުން މޮޑްރިޗް ބުންޏެވެ.
ސެމީގެ ފުރަތަމަ ލެގު މެޗުގައި ވެސް ކަމަވިންގާ ވަނީ ރެއާލަށް ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ސިޓީ ކޮޅަށް ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާ ޖެހި ގޯލަށް އެސިސްޓްކޮށްދީފައިވަނީ ވެސް ކަމަވިންގާއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު އެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ރެއާލާއި ސިޓީ ބައްދަލުކުރާ ޗެމްޕިއަންސް ލީގު ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 12:00 ގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސިޓީގެ އެތިހާދު ސްޓޭޑިއަމްގައެވެ.