އާސެނަލްގެ ސްވިޒަލެންޑް މިޑްފީލްޑަރު ގްރެނިޓް ޒަކާ، ޖަރުމަންގެ ބަޔާން ލެވަކޫސަނަށް ސޮއިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

މީގެ ހަތް އަހަރު ކުރިން ޖަރުމަންގެ ބޮރޫޝިއާ މުންޗެންގްލަޑްބެކުން އާސެނަލްއާ ގުޅުނު ޒަކާ، އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން އޮތީ އަހަރެއްހާ ދުވަހެވެ.

އިތުބާރު ހުރި ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި އަންނަ ސީޒަންގައި 15 މިލިއަން ޔޫރޯ (16.3 މިލިއަން ޑޮލަރު)ގެ އަގަކަށް ލެވަކޫސަންއާ ގުޅުމަށް އުމުރުން 30 އަހަރުގެ ޒަކާ ވަނީ ނިންމައިފައެވެ. އޭނާ އެ ކްލަބަށް ސޮއިކުރުމަށް ނިންމާފައިވަނީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.

އާސެނަލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ޒަކާ ވަނީ މިސީޒަނުގައި 19 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ތައްޓެއް ހޯދުމާ ގާތަށް ގެންގޮސްދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. ޒަކާ ވަނީ މިހާތަނަށް އާސެނަލަށް 220 އަށްވުރެ ގިނަ މެޗު ކުޅެ, 15 ގޯލު ކާމިޔާބުކޮށްފައެވެ.

މިސީޒަނުގެ ބޮޑު ބައެއްގައި އާސެނަލުން ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް، ނަތީޖާތައް ދަށްވުމާ ގުޅިގެން އެޓީމަށް ވަނީ އެއްވަނަ މަގާމު ގެއްލިފައެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެވަނައިގައި އޮތް އާސެނަލްއާ ދެމެދު މިހާރު ހަތަރު ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ކުރިއަށްއޮތް ތިން މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވިޔަސް، ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.