26 Apr 2012, 12:26
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެންބަރު ކަމުގެ ގޮނޑިއަށް ކުރިމަތިލެއްވި ނުވަ ބޭފުޅުންގެ ތެރެއިން އެޑިޔުކޭޝަން މިނިސްޓްރީގެ ސުޕްރިންގްޑެންޓް، ހ. ވައިޓްޑަޔަމަންޑް ޖަމީލާ އަލީ ހާލިދު އެންމެ މަތީ މާސްކް މަޖިލީހުގެ ކޮމެޓީ މަރުހަލާއިން ހޯދަވައިފި އެވެ.
ސީއެސްސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ޖިހާދު ފިނޭންސް މިނިސްޓަރަކަށް ވަޑައިގަތުމުން ސީއެސްސީގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލެއްވި ނުވަ ބޭފުޅުންގެ ތެރެއިން ހަ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އިން އިންޓަވިއުކުރުމުން 85.63 ޕަސެންޓް މާކްސް ހޯދެއްވީ ޖަމީލާ އަލީ އެވެ. ދެ ވަނަ އަށް އެންމެ ގިނަ މާސްކް ހޯދެއްވީ ސީއެސްސީގެ ކުރީގެ މެންބަރު އަދި ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ހުޅުމާލެ ފްލެޓް 01-G-62 ޒަކަރިއްޔާ ހުސައިން އެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 79.28 ޕަސެންޓް މާކްސް އެވެ. ތިން ވަނަ އަށް އެންމެ ގިނަ މާސްކް ލިބިވަޑައިގެންނެވީ ފައިނޭންސް މިނިސްޓްރީގެ ކުރީގެ ނައިބު މއ. ވިކްޓްރީ މުހަންމަދު އާމީރު އަށެވެ. އެނާ އަށް ލިބުނީ 76.17 ޕަސެންޓް މާކްސް އެވެ.
ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލެއްވި ނުވަ ބޭފުޅުންގެ ތެރެއިން 75 ޕަސެންޓް މާކްސް ލިބިވަޑައިގެންނެވީ އެންމެ ތިން ބޭފުޅަކަށެވެ. މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެ ނަންތައް ދިރާސާކޮށް ނިންމަވައި މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައި ވަނީ 75 ޕަސެންޓް މާސްކް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ސީއެސްސީގެ ގޮނޑިއަށް މަޖިލީހުން އައްޔަން ކުރެއްވުމަށް އެންމެ އެކަށީގެންވާ ބޭފުޅުން ކަމަށެވެ.
ސީއެސްސީގެ މެންބަރު މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 75 ޕަސެންޓުން ދަށް މާކްސް ލިބިވަޑައިގަން ތިން ބޭފުޅުންނަކީ، މަތި އުތުރު ޕްރޮވިންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރު، ވ. ރަންދި މުހަންމަދު ހުނައިފާއި މެދު ދެކުނު ޕްރޮވިންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މ. ސީވޯލް އަހްމަދު މުޖުތަބާ އާއި އައިޖީއެމްއެޗުގެ ކުރީގެ ސީއީއޯ، ހއ. ކެލާ އިރުދޭމާގެ ޒުބައިރު މުހަންމަދެވެ.
އެބޭފުޅުންނަށް 75 ޕަސެންޓް މާކްސް ދަށުން ލިބުނު ނަމަވެސް އެބޭފުޅުން ވެސް ސީއެސްސީގެ ގޮނޑިއަށް ޝަރުތު ހަމަވާ ކަމަށް ކޮމެޓީން ނިންމާފައިވެ އެވެ.
ސީއެސްސީގެ ގޮނޑިއަށް ނުވަ ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވީ ހަ ބޭފުޅުންގެ ނަމެވެ. އެއީ 75 ޕަސެންޓް މާސްކް ހޯއްވެވި ތިން ބޭފުޅުންނާއި 75 ޕަސެންޓް ދަށް މާކްސް ލިބުނު ތިން ބޭފުޅުންނެވެ.
މަޖިލީހުގެ ތަޅުމަށް ނުފޮނުވާ ތިން ބޭފުޅުނަކީ މާލޭ ސިޓީ ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް، ހ. ވަޅުފެހި ހިންނާ ހާލިދުގެ ނަމާއި އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު، ސ. ފޭދޫ، ސަނީލޭންޑް ޝެރީނާ އަބްދުއްސަމަދާއި މ. ބިލާލުގެ އަބްދުﷲ ޝިނާހުގެ ނަމެވެ.
ސީއެސްސީގެ މެންބަރުކަމަށް ޝަރުތު ހަމަވާ ހަ ބޭފުޅުންގެ ތެރެއިން ބޭފުޅަކު އައްޔަން ކުރާނީ މަޖިލީހުގެ ތަޅުމުންނެވެ.