14:30


ޖުޑިޝަރީ ހަރުދަނާކުރައްވައި ވަރުގަދަ ކުރެއްވުމަށް އަޒުމު ކަނޑައަޅުއްވައިގެން ހުވަޔައިގެން ކުރިއަށް ވަޑައިގަތުމަށް ރޭ ހުވާ ކުރެއްވި ފަނޑިޔާރުންނަށް އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދު އިލްތިމާސް ކުރައްވައިފި އެވެ.


ހުވާކުރުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ފަނޑިޔާރުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އަބުދުﷲ ސައީދު ވިދާޅުވީ، ގައުމު ހަރުދަނާ ވާނީ ޖުޑިޝަރީ ހަރުދަނާވެގެން ކަމަށާއި ޖުޑިޝަރީ ހަރުދަނާވުމަކީ، ގައުމު ގައުމެއްގެ ގޮތުގައި ކުރިއަރައިގެން ގޮސް ރައްޔިތުން އިންތިޒާރުކުރާ ފަދަ ދުޅަހެޔޮ، ފާގަތި އިގްތިސާދީ ކުރިއެރުމެއް ހާސިލްކުރުމަށް މުހިއްމު ރުކުނެއް ކަމަށެވެ.


އަބުދުﷲ ސައީދު އަދި ވިދާޅުވީ، ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން ރާއްޖޭގައި މިނިވަން ޖުޑިޝަރީއެއްގެ ބިންގާ އެޅިފައިވާ ކަމަށެވެ. އަދި ޖުޑީޝަރީގެ މިނިވަންކަން ކަށަވަރުކުރުމަށް އެތައް މާއްދާއެއް ގާނޫނު އަސާސީގައި ހިމެނޭ ކަމަށާއި ނަމަވެސް ގާނޫނު އަސާސީއަށް ދެއަހަރު ފުރިގެންދިޔައިރު އެންމެ ބޮޑު ނާމާން ކަމަކާއި ބިރުވެރިކަމަކާއި ނުފޫޒު ކުރިމަތިވެފައި ވަނީ ޖުޑިޝަރީއަށް ކަމަށް ވެސް އަބުދުﷲ ސައީދު ވިދާޅުވި އެވެ. އަދި މި ދެ އަހަރުދުވަހުގެ ތެރޭގައި، ފަނޑިޔާރުން މަސައްކަތް ކުރައްވާފައި ވަނީ މަގާމާއި ހައިސިއްޔަތުގެ ޔަގީންކަމެއް ނެތި، ފަނޑިޔާރުގޭގެ ނިޔާތަކަށް ފުރައްސާރަ ކުރުމާއި އިންސާނީ ކަރާމާތް ގެއްލެމުންދިޔަ މާހައުލެއްގައި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާއި ޑިމޮކްރަސީގެ އުސޫލުތައް ނެތް ޒަމާނެއްގައި ވެސް ކަންތައްތައް ނުހިނގާ ފަދަ އަނިޔާވެރި ގޮތަކަށް ފަނޑިޔާރުގެއާ މެދު އަމަލު ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށް ވެސް އަބުދުﷲ ސައީދު ވިދާޅުވި އެވެ.


ޝަރުއީ ދާއިރާއަށް ގިނަގުނަ ގޮންޖެހުންތަކަކާއި ބިރުވެރިކަމަކާއި ހާސްކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ފަނިޔާރުން އައްޔަން ކުރެއްވުމަށް، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް މުޖުތާޒް ފަހުމީ ކުރައްވާފައިވާ ބުރަ މަސައްކަތަކީ، ޝަރުއީ ދާއިރާގެ ތާރީހުގައި ތާއަބަދަށް ފެންނަން އޮންނާނެ، ވަރަށް އަގުމާތް ހިދުމަތެއް ކަމަށް ވިދާޅުވެ އަބްދުﷲ ސައީދު މުޖުތާޒު ފަހުމީ އަށް ޝުކުރު އަދާކުރެއްވި އެވެ.


މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރު ޑރ. އަފްރާޝީމް އަލީ ވިދާޅުވީ، ރޭ ހުވާ ކުރެއްވި ފަނޑިޔާރުންނަކީ، ގާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބުނާ ޝަރުތުތައް ހަމަވާ ބޭފުޅުން ކަމަށެވެ. އަދި އެ ފަނޑިޔާރުންނަކީ، އަހުލާގީ ގޮތުން އެއްވެސް ކަހަލަ ކުށެއްގެ ތުހުމަތުގެ ރެކޯޑެއް އޮތް ބޭފުޅުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  


ރޭގެ ރަސްމިއްޔާތަށް ހުރަސް އެޅުއްވުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އާއިޝަތު ވެލިޒިނީ ކުރެއްވި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ޑރ. އަފްރާޝީމް އަލީ ވިދާޅުވީ، ފަނޑިޔާރުން ދާއިމީކުރުމަކީ، ގާނޫނު އަސާސީން ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ޒިންމާއެއް ކަމަށާއި މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެކަން ކުރުމަށް އެކުލަވާލި އުސޫލުތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އަރުވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.  އަދި އެކަމަށް ރައީސް އުފާފުޅު ކުރައްވައި ޖުޑިޝަރީ ހަރުދަނާ ކުރެއްވުމަށް ބޭނުންވާ ކޮންމެ އެހީއެއް ވެދެއްވުމަށް ހުންނެވީ ތައްޔާރަށްކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ވެސް ޑރ. އަފްރާޝީމް ވިދާޅުވި އެވެ.