17 May 2023, 00:10
ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގެ އާޖެންްޓީނާ ތަރި ލިއޮނެލް މެސީ ފެނުމުން ސިފަވަނީ ބާސެލޯނާ ކަމަށް ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް ތިއަރީ އޮންރީ ބުނެފިއެވެ.
މިސީޒަން ނިމުމުން ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަ އިރު، އޭނާ ހޯދުމަށް ބައެއް ކްލަބުތަކުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މެސީ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ކްލަބަކީ އޭނާގެ ކުރީގެ ކްލަބު ބާސާއެވެ.
މެސީއާއެކު 2007 އިން 2010 އަށް ބާސާއަށް ކުޅުނު އޮންރީ، އެމޭޒަން ޕްރައިމްގެ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ބުނީ ޕީއެސްޖީގެ ސަޕޯޓަރުންގެ އަމަލުތަކުގެ ސަބަބުން އެ ކްލަބު ދޫކޮށް މެސީ ދާނެ ކަމަށާއި ޕީއެސްޖީގެ މައްސަލައަކީ މެސީ ނޫން ކަމަށެވެ. އަދި އޮންރީއަށް ވެސް ކާމިޔާބީތަކެއް ހޯދައިދިނުމުގެ ފަހަތުގައި މެސީގެ ދައުރު ބޮޑުކަން ވެސް ފާހަގަކުރިއެވެ.
"ހުރިހާ ކުޅުންތެރިން ވެސް ތަމްރީނުތަކުގައި ބައިވެރިވާން ޖެހޭނެކަމަށް ގަބޫލުކުރަން. އެގޮތަށް އެކަން ނުކޮށްފިއްޔާ ފިޔަވަޅު ވެސް އަޅަން ޖެހޭނެ. ނަމަވެސް މެސީއަކީ އެއްވެސް އިރެއްގައި މައްސަލައެއް ނޫން، އޭނާއަކީ ހައްލު, އޭނާއަކީ ދުނިޔޭގެ ޗެމްޕިއަނެއް. އޭނާ ޕީއެސްޖީގައި މަޑެއް ނުކުރާނެ. އަހަރެން ބޭނުންވަނީ ވެސް މެސީ އެނބުރި ބާސާއަށް ދިއުން. އަހަރެންނަށް މެސީ ފެނުމުން ސިފަވަނީ ބާސާ،" އޮންރީ ބުންޏެވެ.
ޕީއެސްޖީގެ ހުއްދަ ނުހޯދައި، ސައުދީ އަރަބިއާއަށް ދިއުމުން ދެ ހަފުތާއަށް މެސީ ސަސްޕެންޑުކުރި ނަމަވެސް، މައާފަށް އެދުމުން އެ ކްލަބުން ވަނީ އޭނާގެ ސަސްޕެންޝަން އުވާލައިފައެވެ. މެސީގެ ސަސްޕެންޝަން އުވާލުމާއެކު ފްރާންސް ލީގުގައި އަޖެކްސިއޯއާ ދެކޮޅަށް ކުޅުނު މެޗުގައި ސަޕޯޓަރުން ވަނީ އޭނާއާ ދެކޮޅަށް ދަނޑުގައި އަޑު އުފުލައިފައެވެ.
ބާސާގެ އިތުރުން މެސީ ގެންދިއުމަށް ސައުދީގެ އަލް ހިލާލާއި އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީ އިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުގައި މެސީއަށް އަހަރަކު 400 މިލިއަން ޕައުންޑް ދޭ ގޮތަށް އަލް ހިލާލުން ހުށަހެޅި ހުށަހެޅުމަށް މެސީ ވަނީ އެއްބަސްވެފައެވެ.